ކްލެސިފައިޑް މައުލޫމާތުގެ އަލީގައި އިންޑިއާ ސިފައިން ރާއްޖޭގައި ޤާއިމްވެ ތިބި ގޮތުގެ ޗާޓު

Share on facebook
Share on twitter
Share on telegram
Share on whatsapp

މިރިޕޯޓަކީ ދިވެހި ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާއިން ގާއިމުވެތިބި ގޮތުގެ މައްޗަށް ރާއްޖޭގެ ސަލާމަތީ އިދާރާތަކުން ހަދާފައިވާ އެސެސްމަންޓްތަކެއްގެ މައްޗަށް ބިނާކޮށް ވޮއިސް އިން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. މިރިޕޯޓްގެ ޕްރެޒެންޓޭޝަނެއް 2016 ވަނަ އަހަރު ރައީސް އޮފީހުގައި ބޭއްވުނު ބައްދަލުވުމެއްގައި ސަލާމަތީ އިދާރާތަކުން އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޔާމީން އަބްދުލް ގައްޔޫމަށް އެރުވިއެވެ. މިޕްރެޒެންޓޭޝަންގެ ބައިތައް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅެއްގެ ފަރާތްޕުޅުން ވޮއިސްއަށް ވަނީ ލިބިފައެވެ. ކްލެސިފައިޑް މައުލޫމާތުތަކުގެގޮތުގައި މިހާތަނަށް ގެންގުޅެވިފައިވާ މިމައުލޫމާތާއިހަމައަށް ވޮއިސްއަށް ވާސިލުވެވުމުން ޕަބްލިޝްކުރަންކުރަން ނިންމީ މިއީ ދިވެހި ގައުމުގެ މިނިވަންކަމާއި މުސްތަގިއްލުކަން ދެމިއޮތުމާއިގުޅޭ ވަރަށް މުހިއްމު، ދިވެހި ގައުމުގެ ރައްޔިތުންނަށް ކޮންމެހެން އެގެންޖެހޭ މަޢުލޫމާތުތަކެއްކަމުގައި ގަބޫލު ކުރެވުމުންނެވެ. ވޮއިސްގެ މިރިޕޯޓްގައި މިހާރުގެ ހާލަތަށްވެސް އަލ އަޅުވާލެވިފައިވާނެއެވެ.

ސަލާމަތީ އިދާރާތަކުން ތައްޔާރުކުރި އެސެސްމަންޓްތަކުގައި މިފަހުން އިންޑިއާގެ އަސްކަރީ ސިފައިން ދިވެހި ރާއްޖޭގައި ބޭތިއްބުމުގެ ކުރިން ރާއްޖޭގެ ސަލާމަތީ އިދާރާތަކުގައި މަސައްކަތްކުރި މީހުންތަކެއް އިންޑިއާއަށް ޖާސޫސްކޮށްދޭން ރެކްރޫޓްކުރެވުނުކަން އެގެއެވެ. މީގެތެރެއިން ބައެއްމީހުންގެ ހަރަކާތްތައް ފަޅާއަރައި އެމީހުންގެ ވަޒީފާތަކުން ވަކިކުރެވުނެވެ. ޖާސޫސްކޮށްދިނުމުގެ ބަދަލަކަށް ގިނައަދަދެއްގެ ފައިސާ އެމީހުންނަށް ދެވުނެވެ. އެމީހުންގެ ފުށުން ހޯދި މައުލޫމާތުތައް މައިގަނޑުގޮތެއްގައި ބިނާވަނީ ދިވެހި ފުލުހުންނާއި ސިފައިންގެ ހަރަކާތްތައް ހުންނަގޮތާއި ގާއިމުވެތިބޭ ތަންތަނާއި ގެންގުޅޭ ހަތިޔާރުތަކާއި އެތެރޭގެ ކަންކަން ހިގާގޮތެވެ.  މިކަންތަކާގުޅޭގޮތުން ރާއްޖޭގެ ސަލާމަތީ އިދާރާތަކުން މިހާތަނަށް އެއްވެސް އެއްޗެއް އާއްމުކޮށް ހާމަކޮށްފައެއް ނުވެއެވެ.

އިންޑިއާ ސިފައިން ރާއްޖެއަށް އައީ ކޮންއިރަކު؟

ދިވެހި ރާއްޖޭގައި އިންޑިއާ ސިފައިން ބޭތިއްބުމުގެ ކަންކަން ސީރިއަސްގޮތެއްގައި ފެށުނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑުއަތޮޅުގައި ރާއްޖެއަށް ހަދިޔާކުރެވުނު އިންޑިއާގެ ހެލިކޮޕްޓަރެއް ބާއްވައި އެބެލެހެއްޓުމާއި އޮޕަރޭޝަންތައް ހިންގުމަށް އިންޑިއާގެ 83 ސިފައިން އައްޑުއަތޮޅަށް ބޭލުނު ހިސާބުންނެވެ.

އިންޑިއާ ސަރުކާރުން އެދުނުގޮތަށް އެމީހުން ކޮންމެ ތިން މަހަކުން އާކުރަން ނިންމާފައިވެއެވެ. އެކަމަކު ކަންތައްވީ އެގޮތަކަށްނޫނެވެ. މި 83 ސިފައިންނާއެކު އެމީހުންގެ އަނބިދަރިންނާއި އާއިލާ އައްޑޫއަތޮޅަށް ގެނެސް އެއަތޮޅުގެ ރަށްރަށުން އިމާރާތްތައް ކުއްޔަށް ހިފައި، އެމީހުން ބައިތިއްބައި އެމީހުންގެ ދަރިންނަށް އައްޑުއަތޮޅު ސްކޫލްތަކުގައި ކިޔަވަން ފުރުސަތު ދެވުނެވެ.

އޭގެފަހުން އައްޑުއަތޮޅުގެ ވަރަށް ބޮޑު ސަރަހައްދެއްގައި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ޕޮލިސްޓްރޭނިންގ އެކަޑަމީއެއްގެ ގޮތުގައި ވަރަށް ބޮޑު ފެސިލިޓީއެއް ގާއިމުކުރަން ފެށުނެވެ.  މިއީ ރައީސް ޔާމީންގެ ސަރުކާރުގައި އިންޑިއާއިން ދިވެހި ރާއްޖެއަށް ފޯރުކޮށްދިން ހިލޭ އެހީއެއްގެ ގޮތުގައި ފެށުނު ކަމެކެވެ. ހޯމް މިނިސްޓަރ އުމަރު ނަސީރުގެ މަޝްވަރާގެމަތިން ފެށުނު މިމަޝްރޫއުގެ ދަށުން ފެސިލިޓީ ހަދައި ނިންމުމަށްފަހު ދިވެހި ސަރުކާރާއި ފެސިލިޓީ ހަވާލުކުރުމުން އެކަން ނިމިގެންދާގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް ރައީސް ސާލިހްގެ ސަރުކާރު ފެށުމާއެކު މިކަން ބަދަލުވެ ގިނަ އަދަދެއްގެ އަސްކަރީ މީހުން އެތަނުގެ މަސައްކަތަށް ގެނެވި އަދި ފެސިލިޓީ ނިމުމުންވެސް އެތަނުގައި ބައިތިއްބަން މިހާރު ކަނޑއެޅިފައިވަނީ މުޅިންވެސް އިންޑިއާގެ އިންސްޓްރަކްޓަރުންނެވެ. އަދި އެފެސިލިޓީގައި ދާއިމީގޮތެއްގައި އެމީހުންނަށް ތިބެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސަމުންދާއިރު އެތަންތަނަށް ވަދެ ބަލައިހެދުމުގެ އެކްސެސްއެއް ދިވެހި ފުލުހުންނަކަށް ނޯވެއެވެ. މިއާއެކު އައްޑުއަތޮޅުން ބައެއް މީހުން ރެކްރޫޓްކުރެވި އެމީހުން މެދުވެރިކޮށް އައްޑުއަތޮޅަކީ ދިވެހި ދައުލަތުގެ ސިޔާދަތީ ބާރުގެ ދަށުގައި އޮންނަ އެކަމަކު އަމިއްލައަށް އަތޮޅުގެ ކަންކަން ހިންގުމުގެ ނުވަތަ އޮޓްނޮމަސް ބާރު ލިބިފައިވާ ރީޖަނެއްގެ ގޮތުގައި ހެދުމަށް މީހުންގެ ވިސްނުން އަބުރައިލުމުގެ ބަހުސްތަކެއް ފެށުނެވެ. މިބަހުސްތަކުގައި ސީދާ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެން އެއީ އައްޑުއަތޮޅުގެ ރައްޔިތުންނަށް އެންމެފައިދާ ބޮޑުގޮތްކަމަށް ވިސްނަވައިދެއްވަން މަސައްކަތްކުރައްވައި އެކަން ވައިގައި ނުހިފުމުން މަޑުޖައްސައިލެވުނެވެ. މިސަރަހައްދަށް އޮޓްނޮމަސް ބާރު ހޯދަން ބޭނުންވީ އެސަރަހައްދުގައި އިންޑިއާގެ އަސްކަރީ ފައިތިލަ ހަރުލެއްވުމަށް މަގު ފަހިކުރުމަށެވެ. މިއާއެކު ދެން ގެންގުޅުނު ވިސްނުމަކީ އައްޑޫ ޕޮލިސް އެކަޑަމީގެ ފެސިލިޓީ އެޑިއުކޭޝަން މިނިސްޓްރީގެ އިހްތިސާސްގެތެރެއަށް ދޫކޮށްލުމަށެވެ. ބޭނުމަކީ އެޑިއުކޭޝަން މިނިސްޓްރީގެ އިހްތިސާސްގެތެރެއަށް ދިއުމަށްފަހު އެމިނިސްޓްރީން އެތަން އައްޑޫ ސިޓީ ކައުންސިލާ ޙަވާލުކުރެވޭނެގޮތް ހަދައި އައްޑޫ ސިޓީ ކައުންސިލުން އިންޑިއާއަށް އެސަރަޙައްދު ކުއްޔަށްދޭގޮތަށް ހަދަން މަގުފަހިކުރުމެވެ. އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލަރ އޮފީހެއް ގާއިމުކުރުމަށް އިންޑިއާ ސަރުކާރުގެ ކެބިނެޓުން ނިންމާފައިވާ ނިންމުމުގެ ފަހަތުގައިވަނީވެސް މިފެސިލިޓީގެތެރޭގައި ދިވެހި ސަރުކާރަށް ބާރުނުފޯރުވޭނެ ތަނެއް ގާއިމު ކުރުމެވެ.

އައްޑުއަތޮޅަށްފަހުގައި ރައީސް ނަޝީދުގެ ވެރިކަމުގައި ލ އަތޮޅު ކައްދޫންވެސް އިންޑިއާގެ އަސްކަރީ ސިފައިން ބޭތިއްބުމަށް ބޮޑު ސަރަހައްދެއް ދޫކޮށް އެތާގައި ސިފައިންގެ 19 މީހުން ބޭތިއްބުނެވެ. ލ އަތޮޅަށްފަހުގައި ހަނިމާދޫގައި ބޭތިއްބި އިންޑިއާ ސިފައިންގެ ފުރަތަމަ ބެޗްގައި 35 ސިފައިން ބޭތިއްބިއެވެ.

ރައީސް ވަހީދު ސަރުކާރުން ކާނަލް ނާޒިމް ކުރިއަށް ގެންދެވި މަޝްވަރާތަކަކަށްފަހު 2016 ވަނަ އަހަރު " ޑިފެންސް އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕަރޭޝަން" ގެނަމުގައި ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުން އިންޑިއާ ސިފައިންގެ އަނެއް ފައުޖު އުތުރު ތިލަފަޅު ފެސިލިޓީއަށް ފޭބިއެވެ. އުތުރުތިލަފަޅު އެއްކޮށް ކަހަލަގޮތަކަށް އިންޑިއާ ސިފައިން ތިބުމަށް ދޫކޮށްލެވިފައިވެއެވެ. އެއީ ދިވެހި ސިފައިންވެސް ތިބޭގޮތަށް ދައްކާ ނަމެއްގައެވެ. އެކަމަކު ދިވެހި ސިފައިންނަށް އެކްސެސް ނުވެވޭ ވަރަށް ބޮޑު ސަރަޙައްދެއް މިތާގައި ވެއެވެ.

މިއެއްބަސްވުމަކީ އުތުރުތިލަފަޅުގައި ކޯސްޓްގާޑު ބަދަރެއް ހެދުމުގެ ނަމުގައި ވެވިފައިވާ އެއްބަސްވުމަކަށްވިޔަސް އޭގެފަހަތުގައިވަނީ އިންޑިއާ ސިފައިންގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ތަނެއްގެ ގޮތުގައި އެތަން ބޭއްވުމެވެ. މިކަންކަން މިހެން ކޮށްފައިވާއިރު އައްޑޫސިޓީއާއި އުތުރުތިލަފަޅާއި ހަނިމާދޫއަށް ވަންނަ އިންޑިއާ ސިފައިންނާ އެމީހުން ގެންނަ ތަކެއްޗަކީ ދިވެހި ސަރުކާރުން ބަލައިހެދުމުގެ ހުއްދައޮންނަ އެއްޗަކަށް ނުވެއެވެ. އެ ޑިޕްލޮމެޓިކް ރައްކާތެރިކަން އިންޑިއާ ސިފައިންނަށް އޮވެއެވެ. އެހެންކަމުން އިންޑިއާއިން އަސްކަރީ ވައިގެ އުޅަނދުތަކުގައި ހަނިމާދުއަށް އަންނަ ސިފައިނަކީ ކޮންބައެއްކަން އަދި ކިހާބައެއްކަން އެމީހުން ހަތިޔާރު ގެނަޔަސް އެކަން ބެލުމުގެ މިނިވަންކަމެއް އަދި ބާރެއް ދިވެހި ގައުމުގެ ސަލާމަތީ އިދާރާތަކަށް ލިބިގެންނެއް ނުވެއެވެ. އިންޑިއާ ސިފައިންގެ ފުރިހަމަ އިޚްތިޔާރާއި ބާރާއެކު އެމީހުން ހިތަށް އެރި ވަގުތެއްގައި ގެންނަން ބޭނުންވާ ހަތިޔާރެއް ހިފައިންގެ ދިވެހި ރާއްޖެއަށް ވަދެ، މިނިވަންކަމާއެކު ހަނިމާދޫން އުތުރުތިލަފަޅުން ލ އަތޮޅުން އައްޑޫސިޓީއަށް ދަތުރުކޮށް ހަދަމުންދެއެވެ. ހެލިކޮޕްޓަރުގައި މީހުން އުޅޭ ރަށްރަށަށް ނުޖެއްސުމަށް ދިވެހި ސަރުކާރުން އެދި ސިޓީއެއް ފޮނުވާފައި ވީނަމަވެސް އެ އެދުމަށް އިހްތިރާމް ކުރުމެއް، ބެލުމެއްނެތި މީހުން ދިރިއުޅޭ ރަށްރަށަށްވެސް ޖައްސަމުންދެއެވެ. އިންޑިއާ ސަރުކާރުގެ އަސްކަރީ ސްޓްރެޓަޖީއަކީ މީހުންނަށް ނޭގި ގިނަ އަދަދެއްގެ އިންޑިއާ ސިފައިން އެކިކަންކަމުގައި ގެނެސް ދިވެހި ރާއްޖޭގެ ހަރުލެއްވުމެވެ.

މިވެސް ކިޔާލާ:

ސަލާމަތީ އިދާރާތަކުން ރައީސަށް އެރުވި ޕްރެސެންޓޭޝަން

މިކަންކަން މިހެން ހިގާކަން ދިވެހި ރާއްޖޭގެ ސަލާމަތީ އިދާރާތަކުން ބަލައި އެސެސްކުރުމަށްފަހު ދިވެހި ގައުމުގެ ސިޔާދަތަށާއި މިނިވަންކަމަށް ކުރިމަތިވެދާނެ ނުރައްކާތަކުގެ މައްޗަށް ރިޕޯޓެއް އެކުލަވައި، 2016 ވަނަ އަހަރު އޭރުގެ ރައީސް ޔާމީނަށް ޕްރެޒެންޓޭޝަނެއް އެރުވިއެވެ. އެ ޕްރެޒެންޓޭޝަން ބެއްލެވުމަށްފަހު ވަގުތުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ފަށްޓަވަން ޔާމީން ނިންމެވިއެވެ.

އެގޮތުން މުއްދަތު ހަމަވަމުންދިޔަ ހެލިކޮޕްޓަރުގެ އެއްބަސްވުން އާނުކުރައްވާނެކަމަށް އަންގަވައި އަދި އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ހެލިކޮޕްޓަރު ދުއްވަންތިބި އިންޑިއާ ސިފައިން ދިވެހި ރާއްޖެއިން ގެންދިއުމަށް އިންޑިއާ ސަރުކާރުގައި އެދުނެވެ. ދިވެހި ސަރުކާރުން ރަސްމީކޮށް އެކިފަހަރު މަތިން ލިއުމުން އެންގުމުންވެސް އިންޑިއާ ސަރުކާރުން އަޅާނުލައި ތިބުމަށްފަހު ޔާމީންގެ ސަރުކާރު ބަދަލުވުމާއެކު އާ ސަރުކާރުގެ އެހީގައި އެއްބަސްވުން އާކޮށް އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖޭގައި ގާއިމުކުރުމުގެ އާ މަރްހަލާއަކަށް މިހާރުވަނީ ގެންގޮސްފައެވެ. ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން އެންމެފަހުން ބުނެފައިވަނީ ރާއްޖޭގައި މިވަގުތު ތިބީ އިންޑިއާ ސިފައިންގެ 100 މީހުންކަމަށެވެ.

ރާއްޖޭގެ ރިޓިޔަޑް އަސްކަރީ ބައެއް ތަޖުރިބާކާރުންގެ ނަޒަރުގައި ކޮންމެ ސަރުކާރެއް އައިކަމުގައިވީނަމަވެސް ދިވެހި ރާއްޖޭގެ ބިމުން އިންޑިއާ ސިފައިން ބޭލުމަކީ ދެން ކުރުމުއްދަތެއްގައި ކުރަން ފަސޭހަކަމަކަށް ނުވާނެއެވެ. އެހެންވިޔަސް ކޮންމެވެސް ހިސާބަކުން އެކަންކުރަން ފަށަންޖެހެއެވެ.

ނޯޓް: މިރިޕޯޓްގައި އިންޑިއާ ސިފައިން ރާއްޖޭގައި ތިބި އަދަދުކަމަށް ބުނެފައިވާ އަދަދު ތަކަކީ 2016 ވަނަ އަހަރު ރައީސް ޔާމީނަށް ބްރީފްކޮށްދެވިފައިވާ ޕްރެޒެންޓޭޝަންގައި ބޭނުންކުރެވިފައިވާ އަދަދުތައްކަމަށްވުމުން މިހާރު މިއަދަދުތަކަށް ބަދަލު އައިސްފައިވުމަކީ އެކަށީގެންވާ ކަމެކެވެ.

3%27%68%

ކިޔުންތެރިންގެ ޚިޔާލުތައް

    1. ވ.ފުރިހަމަ ލިޔުމެއް.. މީ މިހާރު މިނިވަން ގައުމެކޭ ނުބުނެވޭނެ… ދިވެހި ސިފައިންނަށްވުރެ މިގައުމުގަ އިންޑިއާ ސިފައިންގެ ބާރުގަދަ.. އަހަރުން ވަޒީފާއިން ކަނޑާލިޔަސް މި ކަހަލަ ގައުމީ ކަންތަކައް ދެކޮޅެއް ނުހެދޭނެ. ޙިޔާލު ފާޅުކުރާނަން..

  1. މިސިޔާސީ ގިނަމީހުންނަކީ ހަލުއްޗާއިންތަކެއް އެތައްބައެއްގެ މިއްނެއްމަސައްކަތުން ހޯދައިފައިވާ މިނިވަންކަން މަދުފައިސާކޮޅަކަށް މިވިއްކައިލީ ހަމަކަހެރުވަކެކޭވެސް ހިތައްނާތާތީތާއެވެ ދުއާއަކީ މާތްالله މިމަކަރުވެރިންގެ ކިބައިންދިވެހިއުއްމަތް ސަލާމަތްކޮށްރައްކާތެރިކޮށްދެއްވުމެވެ އާމީން ….

  2. މިހުރީ އެ ޔާމީނު ވެރިކަމުގަ ފައިސާގެ ބޭނުމުގަ ކޮށްފަހުރި ކަންތައް

  3. Thee bodu**** komme gotheh hdhaafaves thi indiyaa sifainge baalanebajehey misarukaaruves nimumakah gennan jehey

  4. މިއީ މިހާތަނަށް މިކަމާމެދު ލިޔެވުނު އެންމެ ރަނގަޅު ލިޔުން. މަށަށް މީގެން ވިސްނުނީ މިއީ މާކުރިން ފެށިފައިވާ ކަމެއްކަން. މިހާރުވެސް މާބޮޑަށްވެސް ދިގުލައިފި. މާތް ﷲ މި ވަތަނަށް ދެރަގޮތެއް މިންވަރު ނުކުރައްވާށި. މި ގައުމު ތާ އަބަދު މިނިވަންކަންމަތީ ދަމަހައްޓަވާށި. އާމީން. ދިވެހިން މިކަމަށް ގަދަ އަޅާ މަސައްކަތްކުރޭ. މިއީ ހިތާމަވެރި، ބިރުވެރި ކަމެއް. ސަރުކާރުން ޓެރަރިޒަމް ހުއްޓުވަންށޭ ޑްރަގޭ ކިޔާ ކިތަންމެ ބަހަނާ އެއް ދެއްކިޔަސް ނުހެއްލޭތި. މި ވަތަނުގައި ތިބޭނީ މިގައުމުގެ ސިފައިން. މި ގައުމުގައި ބަސް ބުނާނީ މިގައުމުގެ ރައްޔިތުން. މިގައުމުގެ ވެރިއަކު ހިދުމަތް ކުރާނީ މިގައުމުގެ ހައްގުގައި.

  5. މިޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ހިމަޔާތްކޮށް ރައްޔިތުންގެ ހައްޤުގައި ވެރިކަން ކުރަން ނޭގޭ ޚާއިނުން އިސްތިއުފާ ދީފަ ރައްކާ ވާންވީ،

  6. މިސްކިތުން ދިމާވި ރީނދޫ ފިކުރުގެ މުސްކުޅިއަކު ބުނި " މިހާރަކު މަސްތުވާ ތަކެއްޗެއް އެތެރެއެއް ނުކުރެވޭ. ކިހިނެތް ގެނެވޭނީ އިންޑިއާ ސިފައިން އެތިބެނީ އެކަމަށް ފާރަވެރިވެގެން"؟ ހަމަ އެ މިސްކިތުން ދިމާވި ރީނދޫ ފިކުރާ އިދިކޮޅު މީހަކާ މިވާހަކަ ޙިއްސާ ކޮށްލީމާ ބުނި " ބަލަ މިހާރު މަސްތުވާ ތަކެތި އެތެރެ ކުރަނީ އެމީހުންނޭ".

ހިޔާލު ދެއްވާ!

Your email address will not be published.