Advertisement

ފަހުވަގުތު ހޫނުވެގެން ދިޔަ ޗެލްސީ އަދި ޔުނައިޓެޑުގެ ކުރިމަތިލުން އެއްވަރުވެއްޖެ

20 Oct 2018 | 19:53

އިނގިރޭސި ޕްރިމިއަރ ލީގުގައި ޗެލްސީ އަދި ޔުނައިޓެޑް ބައްދަލުކުރި މެޗު 2-2 ކުން އެއްވަރު ވެއްޖެއެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅެވުނު މިމެޗުގައި މެޗު ރަނގަޅަށްފަށާއި ގިނަ ހަމަލާތަކެއް އުފައްދާފައިވަނީވެސް ޗެލްސީންނެވެ. އެގޮތުން މެޗުގެ 21 ވަނަ މިނެޓުގައި ވިލިއަން ނަގައިދިން ކޯނަރަކުން ރުޑިގާ ބޯޅަ ބޮލުން ގޯލުތެރެއަށް ވައްދާލައިން ޗެލްސީއަށް ވަނީ މެޗުގެ ކުރި ހޯދަދީފައެވެ.

ފުރަތަމަ ހާފުގެ ކުޅުން 1-0 ކުން ޗެލްސީ ކުރީގައި އޮވެ ނިމުނުއިރު ގިނަ ފައުލުތަކެއް ދެ ޓީމުންވެސް ކުރުމުގެ ސަބަބުން ދެޓީމަށްވެސް ވަނީ ދެ ރީނދޫ ކާޑު ދައްކާފައެވެ.

ދެވަނަ ހާފު ފަށައިގެން މެޗުގެ 55 ވަނަ މިނެޓުގައި ޔުނައިޓެޑުގެ މާޝިއަލް ވަނީ ލަނޑެއްޖަހައި ނަތީޖާ އެއްވަރު ކޮށްދީފައެވެ.

ލަނޑަށްފަހު ޔުނައިޓެޑުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް އަރަން ގިނަ މަސައްކަތްތަކެއް ކުރުމުގެ ނަތީޖާއަކަށްވީ މެޗުގެ ފަހު 20 މިނެޓުތެރޭގައި ރަޝްފޯޑް ދިން ބޯޅައަކުން އަނެއްކާވެސް އެޓީމުގެ މާޝިއަލް ލަނޑެއްޖަހައި މެޗުގެ ކުރި ހޯދުމެވެ.

މި ނަތީޖާގައި އޮވެ މެޗު ނިމޭނެކަމަށް ގިނަ ބަޔަކު ނިންމައިގެން ތިއްބާ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި ބާކްލޭ 90 ވަނަ މިނެޓުގައި ޗެލްސީއަށް ލަނޑެއްޖަހައިދީ ނަތީޖާ ހަމަހަމަކޮށްދިނެވެ.

ބާކްލޭގެ މި ލަނޑާއެކު ޗެލްސީގެ އެސިސްޓެންޓް ކޯޗު މާކޯ އިއާނީ ވަނީ ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ ކުރިމަތީ އުފާފާޅު ކޮށްފައެވެ. އޭގެ ސަބަބުން މޮރީނިއޯ ވަނީ ރުޅިއައިސްގެން އިއާނީ ފަހަތުން ދުއްވައިގަންނަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ދަނޑުގެ އޮފިޝަލުންނާއި ކުޅުންތެރިންވަނީ މޮރީނިއޯ ހިފަހައްޓާ މައިތިރިކޮށްފައެވެ.

ފަހުވަގުތު ޗެލްސީއިން ޖެހި ލަނޑާއެކު އެޓީމުން ޕްރިމިއަރ ލީގުގައި ބަލިނުވެ އަންނަ އައުން ވަނީ ދަމަހައްޓާފައެވެ.  

Advertisement

ކޮމެންޓް