ސާވިސް ޗާޖު ނަގަންޖެހޭ ގޮތަށް ބިލެއް ފާސްކޮށްފި

06 Aug 2019 | 22:12

ރާއްޖޭގެ ހުރިހާ ރިސޯޓަކުން މަދުވެގެން 10 އިންސައްތަ ސާވިސް ޗާޖު ނަގަން ޖެހޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރިސޯޓު މުވައްޒަފުންނަށް ގަވާއިދުން ސާވިސް ޗާޖު ދޭތޯ އާއި ސާވިސް ޗާޖު ދެމުންދާ އުސޫލު ބެލުމަށް މަޖިލީހަށް ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)އެވެ.

އެ މައްސަލަ ދިރާސާ ކުރުމަށް ފަހު ކޮމިޓީން ތައްޔާރު ކުރި ރިޕޯޓުގައި ވަނީ ހުރިހާ ރިސޯޓަކުން ސާވިސް ޗާޖު ދިނުމުގައި އެއް އުސޫލަކުން އަމަލު ކުރުމަށް ގާނޫނަށް އިސްލާހެއް ގެންނަން ފެންނަ ކަމަށެވެ.

އެގޮތުން ހުރިހާ ރިސޯޓަކުން ވެސް ސާވިސް ޗާޖުގެ ގޮތުގައި މަދުވެގެން 10 އިންސައްތަ ނެގުން މަޖުބޫރު ކުރުމަށް ގާނޫނު އިސްލާހު ކުރުމަށް ލަފާ ދޭން ކޮމިޓީން ވަނީ ނިންމާފައެވެ.

އިގްތިސާދީ ކޮމިޓީން އެ މައްސަލަ ދިރާސާ ކުރުމަށް ފަހު ނިންމި ގޮތުގެ ރިޕޯޓު މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 75 މެމްބަރުންގެ އިއްތިފާގުންނެވެ.

ރިޕޯޓަށް ބަހުސް ކުރައްވަމުން މަޖިލީހުގެ ތަޅުމުގައި މެމްބަރުން ވަނީ ސާވިސް ޗާޖާއި ގުޅޭ ހަރުދަނާ އުސޫލެއް މުހިއްމު ކަމަށާއި އެފަދަ މައްސަލަތައް ބެލޭނެ ނިޒާމެއް މުހިއްމު ކަމަށް ފާހަގަކުރައްވާފަ އެވެ. 

Advertisement

ކޮމެންޓް

Advertisement