ނޮވެންބަރު 11 ވަނަ ދުވަހު އިބޫއަށް ހުވާ ކުރެވެން ވާނެކަމަށް ބުނީ ހުންނެވި މަގާމުގެ ގޮތުން: ރީކޯ މޫސަ

21 Oct 2018 | 16:54

ވެރިކަން ބަދަލުވުމުގެ ކަންތައްތަކާއި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވާކުރެއްވުމުގެ ކަންތައްތައް ބަލަހައްޓާ ކޮމިޓީއިން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސައާއި އެއްކޮށް މަޖިލީހުގެ އިދާރާގައި ބޭއްވި ބައްދަލުވުމަށް ފަހު، ނޮވެންބަރު 11 ވަނަ ދުވަހު އިބޫއަށް ހުވާ ކުރެވޭނެކަމަށް ބުނީ ހުންނެވި މަގާމުގެ ގޮތުން ކަމަށް ރީކޯ މޫސަ ވިދާޅުވެއްޖެއެވެ.

ރީކޯ މޫސަ މިކަން ހާމަކުރައްވާފައިވަނީ މިއަދު އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައެވެ. އެޓުވީޓުގައި ބުނެފައިވަނީ ކުރި ސުވާލަކަށް މަގާމުގެ ހައިސިއްޔަތުން ޖަވާބު ދިނީކަމަށާއި ވަންނާނެ ޕާޓީއެއް ނެތިގެން ނާޝިގަނޑު ހިފައިގެން ނުދުވާކަމަށެވެ. އަދި މިވަގުތުވެސް ހުންނެވީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގަކަމެވެ.

ހުޅުހެންވޭރު ދާއިރާގެ މެންބަރުކަންވެސް ކުރައްވަމުނެ ގެންދަވާ މޫސަ މިހެން ހާމަކޮށްފައި މިވަނީ ކުރިއަށް އޮތް މަޖްލިސް އިންތިހާބާއި ދިމާކޮށް ޕީޕީއެމް ދޫކުރައްވައި އެމްޑީޕީއަށް ގުޅިވަޑައިގަންނަވަން އުޅުއްވާކަމަށް އަޑު ފެތުރިފައިވަނިކޮށެވެ.

އިބޫ ހުވާކުރެއްވުމާއި ބެހޭގޮތުން މޫސަ ވިދާޅުވެފައިވަނީ މިފަހަރުގެ ނޮވެންބަރު 11 ވަނަ ދުވަސްވަނީ ޖުމްހޫރިއްޔަތަށް 50 އަހަރު ފުރޭ ދުވަހަށް ކަމަށެވެ. މިފަހަރުގެ ރައީސް އަދި ނައިބު ރައީސްކަމަށް އިންތިހާބުވެފައިވަނީ މަޖިލީހުގެ ދެ މެންބަރުން ކަމަށް ވުމުން އެއީ ވަރަށް މުނާސަބަތުކަމެއް ކަމުގައެވެ.

އެހެންވުމާއެކު އެ ދުވަހު ހުވާ ކުރެއްވުން ބޭއްވެން ވާނެކަމަށް ގަބޫލުކުރައްވާކަމަށް މޫސަ ބުނެފައިވެއެވެ. އަދި އެކަންތައް އެގޮތަށް ކުރިއަށް ގެންދިޔުމަށް މަޖިލީހުގެ ރައީސްއަށް ލަފާ އަރުވާނެކަމަށްވެސް މޫސަ ބުންޏެވެ.

ނަމަވެސް ރީކޯ މޫސަ ވެސް ނިސްބަތް ވެވަޑައިގަންނަވާ ވެރިކަން ކުރާ ޕާޓީ ޕީޕީއެމް އިން ޤަބޫލުކުރާގޮތުގައި އާ ރިޔާސީ ދައުރު ފެށޭނީ ނޮވެންބަރު 17 ގައިއެވެ.


Advertisement

ކޮމެންޓް