އާ ކަމެއް ކުރެވޭނީ ކުރީ ސަރުކާރުން ހާވާފައިވާ ހަޑި ސާފުކޮށްގެން: ނަހުލާ

07 Aug 2019 | 15:55

މި ސަރުކާރަށް އާ ކަމެއް ކުރުމުގެ ފުރުސަތު އޮތީ ނިމިދިޔަ ސަރުކާރުން ހާވާފައިވާ ހަޑި ސާފުކުރުމަށްފަހު ކަމަަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކުރިމަތިކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ނަހުލާ ވިދާޅުވީ މި ސަރުކާރަށް އާ ކަމެއް ކުރެވޭނީ ނިމިދިޔަ ސަރުކާާރުން ހާވަފައި ހުރި ހަޑިއެއް ސާފުކޮށްގެން ކަމަށާއި މިކުރަނީ މުޑުދާރު ވެފައި ހުރި އެއްޗެހި ސާފު ކުރުމުގެ މަސައްކަތްކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ކުރަން ހުރި ކަންތައްތައް އަދި ހަގީގަތުގައި ޕްލޭން ކުރެވެމުންދާކަމަށާއި އެއްވެސް ކަމެއް ރަނގަޅަކަށް ކުރެވޭ ކަމަކަށް ނުވާ ކަމަށެވެ.

"ބަޖެޓަށް އެބަ ބަލަން ޖެހޭ. ލާރި އެބަ ހޯދަން ޖެހޭ. ދެން ހުރި ކަންތައްތައް ކުރަން ޖެހޭ. މިސަރުކާރުން ކުރާނެ ވަރަށް އާކަންތައްތަކެއް ތިޔަ އިއްޒަތްތެރި މެންބަރުންނަށް ފެނިގެން ދާނެ"، ނަހުލާ ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ނަހުލާ ވަނީ ޕާކިންގ ސްޓިކަރ ޖަހަމުންދާ މައްސަލައިގެ ތަފްސީލުވެސް ދެއްވާފައެވެ. މިނިސްޓަރ ނަހުލާ ވިދާޅުވީ ޕާކިންގ ސްޓިކަރ ޖަހަން ޖެހެނީ މީހުންނަށް އުނދަގޫވާގޮތަށް ޕާކްކުރަމުންދާތީ ކަމަށެވެ. އެގޮތުން ބައެއް މީހުންގެ އާދަކާދަ ހުންނަ ގޮތުން ޕާކު ކުރާނެ ޖާގަ ހުއްޓަސް އެ މީހުން ދާ ތަނެއްގެ ކުރިމަތީގައި ނޫނީ ޕާކު ނުކުރެވޭ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

އެކަމަނާ ވަނީ މި އަހަރުގެ ނިޔަލަށް މާލޭގައި 1000 އާއި 400 ދެމެދުގެ އަދަދަކަށް ސައިކަލު ޕާކު ކުރާނެ ޖާގަ ހަދައިދިނުމަށް ނިންމާފައިވާ ކަމަށާއި އަދި 100 ކާރު ޕާކު ކުރެވޭނެ ޖާގަ ވެސް ހެދުމަށް ނިންމާފައިވާކަންެ އިއުލާންކުރައްވާފައެވެ.

ނަމަވެސް ނަހުލާ ވަނީ އެއީ ދާއިމީ ހައްލެއް ނޫންކަމަށް ފާހަގަކުރައްވައި، އެ މައްސަލައަށް ހައްލެއް ލިބޭނީ ރަޖިސްޓާ ކުރެވޭ އުޅަނދު ފަހަރު ކޮންޓްރޯލްކޮށްގެން ކަމަށް ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް

Advertisement