އިލެކްސަންސް ކޮމިޝަނަށް ވަގު ފޯމު ހުށަހެޅުމުގެ މައްސަލަ ހައްލު ކުރެވިދާނެ ގޮތެއް

Share on facebook
Share on twitter
Share on telegram
Share on whatsapp

އިލެކްޝަންސް ކޮމިޝަނަށް މިއަދު ދިމާވެފައި އޮތް އެއް ގޮންޖެހުމަކީ ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމަށް ޕާޓީތަކުން ސައްހަ ނޫން މެމްބަރޝިޕް ފޯމު ހުށަހަޅާ މައްސަލައަށް ހައްލެއް ފެންނާން ނެތުމެވެ. ހައްލު ކުރެވޭނެ އެއްވެސް ގޮތެއް ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ބުނާ ހަބަރުތައްވެސް މީޑިއާގައި އެބަ ދައުރުވެއެވެ. ފެންނަނީ ދައުލަތައް މިކަން ހައްލު ކުރެވޭނެ އެއްވެސް ގޮތެއް ނެތިގެން އުޅޭތަނެވެ.

މިކަމާއިމެދު ވިސްނާލުމުން އަޅުގަނޑަށް ފެންނަނީ މިކަން ހައްލު ކުރެވޭނޭ މަގު އޮތް ތަނެވެ. އަޅުގަނޑަށް ފެންނަނީ ޓެކްނޮލޮޖީގެ އެހީގައި މިކަންކަން ފަސޭހަކަމާއި އެކު ހައްލު ކުރެވިދާނެ ތަނެވެ. ފަހަރުގައި ޓެކްނޮލޮޖީ އަކީ އަޅުގަނޑުގެ އަމިއްލަ ދާއިރާ ކަމަށް ވާތީ އަޅުގަނޑަށް މިކަމާއި ގުޅިފައިވާ ފުރުސަތުތައް ފަސޭހައިން ފެންނަނީ ކަމަށް ވެދާނެއެވެ. އެހެންކަމުން އަޅުގަނޑު މި ހިޔާލުތައް ހިއްސާ ކޮށްލަން ގަސްތު ކުރީއެވެ. ފަހަރުގައި ބަޔަކަށް މުހިންމު މައުލޫމާތު ތަކަކަށް ވެދާނެތީއެވެ.

ޓެކްނޮލޮޖީ ބޭނުންކޮށްގެންވެސް މިކަން އެކި ފެންވަރުގައި ހައްލު ކުރެވިދާނެ ބައިވަރު ގޮތްތައް އެބަ ފެނެއެވެ. ނަމަވެސް އަޅުގަނޑު ކިޔާލަދޭނީ އެންމެ ފަސޭހައިން އެންމެ މަދު ވަސީލަތްތައް ބޭނުން ކޮށްގެން މިކަން ހައްލު ކުރެވިދާނެ ގޮތެވެ. ޓެކްނޮލޮޖީގައި އޮންނަ ގޮތަކީ އެބަޔަކު އޮޓަމޭޓް ކުރި ވަރެކެވެ. ވަސީލަތްތައް އެބަހުއްޓެވެ.

މިހާރު އޮންނަ ގޮތް

ފުރަތަމަ ކަމަކަށް މިހާރު މި ޕްރޮސެސް އޮންނަ ގޮތަށް ބަލާލަމާ ހިނގާށެވެ. މީހަކު ޕާޓީއަކަށް ވަންނަން ބޭނުންވެއްޖެނަމަ ޕާޓީއަކަށް ވަނުމަށް ފޯމު ފުރާފައި ހުށަހަޅަން ޖެހެނީ އެ ޕާޓީއެއްގެ އޮފީހަށެވެ. ދެން ޕާޓީ އޮފީހުން ފޯމުތައް އިލެކްޝަންސް ކޮމިޝަން (އީ.ސީ) އަށް ހުށަހަޅަނީއެވެ. އަދި ޕާޓީއިން ކެނޑެން ބޭނުންނަމަ ވެސް ހަމަ މިގޮތަށް ޕާޓީ އޮފީހަށް ހުށަހަޅައިގެން ކެނޑެވެއެވެ. ސީދާ އީ.ސީއަށް ހުށަހަޅައިގެންވެސް ކެނޑެވޭ ގޮތެއް އޮވެއެވެ. އީ.ސީގައި ޕާޓީތަކުގެ މެމްބަރޝިޕް ރަސްމީ ދަފްތަރެއް އޮވެއެވެ. އަދި ކޮންމެ ޕާޓީއަކުންވެސް އެޕާޓީއެއްގެ އޮފީހުގައިވެސް އަމިއްލަ މެމްބަރޝިޕް ދަފްތަރެއްވެސް ގެންގުޅެއެވެ. މިކަން އެންމެ ބޮޑަށް ފެންނާނީ ޕާޓީތަކުގެ ޕްރައިމަރީސްތަކުގެ ތެރޭގައެވެ. އީ.ސީގެ ދަފްތަރުގައި މީހެއްގެ ނަން ނޯންނައިރުވެސް ޕާޓީގެ ދަފްތަރުގައި އެމީހެއްގެ ނަން އޮވެދާނެއެވެ. މިހެން މިވަނީ ޕާޓީތަކުގެ އޮފީސްތަކުގައި އޮންނަ ދަފްތަރާއި އީ.ސީގައި އޮންނަ ދަފްތަރު ސިންކު ނުވާތީއެވެ. މިއީ މީހަކު ޕާޓީއިން ކެނޑުނަސް އެމީހަކު އެ ޕާޓީގައި އޮންނަކަމަށް ފެނިދާނެ ސަބަބެކެވެ. ދެން އޮތީ ވަގު ފޯމު ހުށަހަޅާ މައްސަލައެވެ. މިއަދު ފެނުނު އެއް ހަބަރެއްގައި އޮތްގޮތުން ނަމަ ޕާޓީގެ މައި އޮފީސްތަކަށް ހުށަހަޅާ ފޯމުތަކުގެ ސައްހަކަން ބެލޭނެ އިންތިޒާމެއް އަދި ފެންވަރެއް އެ އޮފީސްތަކުގައެއް ނެތެވެ. އެހެންކަމުން ކޮންމެ މީހަކު ގެނަޔަސް އެ ފޯމެއް ގެނައި ގޮތަކަށް އީ.ސީއަށް ހުށަހަޅަނީއެވެ. ފިންގަރޕްރިންޓްވެސް ޖަހައިފައި އޮވެއެވެ. އީ.ސީއަށްވެސް ވެރިފައި ކުރަން ކުރެވޭ ކަމެއް އޮތް ކަމަކަށް ނުވެއެވެ. ޕްރޮސެސްތައް ކުރިޔަށް ދަނީ ޒިންމާ ނަގަން ޖެހޭ މީހަކު ނުހުންނަ ނުވަތަ އަތު ނުވާނެ ގޮތަށެވެ. ބައިވަރު ރިސޯސްތަކެއް ބޭނުންކޮށްގެން ވަގު ފޯމު ހުށަހެޅި ބަޔަކު ހޯދަން ޕޮލިހުންނަށްވެސް އުޅެވޭނީ ދެން ހުރި އެއަށްވުރެ މާ ސީރިޔަސް މައްސަލަތަކަށް ހައްލެއް ހޯދިގެން ކަމަށްވެސް ބައެއް ބޭފުޅުން ދެކެއެވެ.

އެހެންވީމާ މިކަން ހައްލު ނުވާނޭ ކަމަށް އޮތީ ނިމިފައެވެ. އަޅުގަނޑު ދެކޭ ގޮތުގައި ވަގު ފޯމު ހުށަހެޅި މީހުން ހޯދުމުގެ މަސައްކަތަކީ އެކަމާއި ގުޅިފައިވާ އިދާރާތަކުގެ މަސައްކަތެކެވެ. އީ.ސީގެ މަސައްކަތަކަށް ވާން ޖެހޭނީ އަދި އީ.ސީއިން ކުރަން އެންމެ ރަނގަޅު މަސައްކަތަކީވެސް ވަގު ފޯމު ހުށަހަޅައިގެން ދަފުތަރަށް މީހުން އިތުރު ނުކުރެވޭނޭ ގޮތް ވީހާވެސް ބޮޑަށް ހެދުމެވެ. އެތައް ރައްޔިތުންނެއްގެ އެތައް ހައްގު ތަކެކެވެ. ރައްޔިތުންގެ މާލިއްޔަތުން ޕާޓީތަކަށް ދޭ އެތައް ފައިސާއެއް ދިނުމަށް އަދަދު ކަނޑަ އަޅާ ނިންމުމެކެވެ.

އަޅުގަނޑު ދެކެނީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ވަރަށް ބޮޑުތަނުން މިކަހަލަ ކަންކަން ރަނގަޅު ކުރެވޭނޭކަމަށެވެ. ޕޮލިސީތަކަށްވެސް ބަދަލު އަންނާން ޖެހެއެވެ. ހުސް އެކަނި ޓެކްނޮލޮޖީއިން މުޅިން ހައްލު ނުކުރެވޭނޭ ކަންވެސް ގަބޫލު ކުރަމެވެ.

ޑިޖިޓައިޒް ކުރުން

ދެން މިކަން ކުރެވޭނެ ގޮތަކަށް ބަލައިލަމާ ހިނގާށެވެ. ކުއްލިއަކަށް މުޅި ސިސްޓަމް އޮޓަމޭޓް ކުރުމަކީ ބޮޑު އަދި ވަގުތު ނަގާނޭ މަސައްކަތެކެވެ. އެހެން ކަމުން ފަހަރަކު ބައެއް ޑިޖިޓައިޒް ކުރުން ރަނގަޅުވާނެ ކަމަށް ފެނެއެވެ. މިހާރު މިއޮތްގޮތަށް ޕްރޮސެސްތައް ބާއްވައިގެން ފަހަރަކު ޕްރޮސެސް އެއް އޮޓަމޭޓް ކުރެވޭނޭގޮތްތައް ބަލާލަމާ ހިނގާށެވެ. ފަހަރުގައި ބައެއް ޕްރޮސެސްތައް މިހާރުވެސް އޮޓަމޭޓް ކޮށްފައި ހުރެދާނެއެވެ. ފުރަތަމަ ކަމަކަށް އެހެން އެކަން ކުރުމަށްޓަކައި ޕާޓީ ތަކުން ހުށަހަޅާ ފޯމްތަކުގެ މަޢުލޫމާތު ޖަމާކުރާނެ ޑޭޓާބޭސް އެއް އީ.ސީގައި ހަދައި ޕާޓީތަކަށް އެއަށް މައުލޫމާތު އެޅޭނެ ގޮތަށް ޕޯޓަލްއެއް ހެދިދާނެއެވެ. ދެން ޕާޓީތަކުން ފޯމުތައް އީ.ސީއަށް ހުށަހަޅާއިރު ފޯމުގެ ސްކޭން ކުރި ކޮޕީގެ އިތުރުން މައުލޫމާތުތައްވެސް ޕޯޓަލް އަށް އަޅާ ގޮތަށް ބަހައްޓާނީއެވެ. މިގޮތުން ޕާޓީއަށް ވައްދަން ބޭނުންވާ މީހާގެ ފޯނު ނަމްބަރާއި އީމެއިލް އަދި އައިޑީ ކާޑް ފަދަ މައުލޫމާތު ސިސްޓަމަށް އެޅޭ ގޮތަށް ބެހެއްޓިދާނެއެވެ. އަދި މި ހުށަހެޅި މައުލޫމާތު އީ.ސީގެ ސިސްޓަމަށް ލިބުމުން އޭގައިވާ އީމެއިލް އަށާއި ފޯނު ނަމްބަރަށް ނޮޓިފިކޭޝަނެއް ފޮނުވިދާނެއެވެ. ޝަކުވާއެއް އުޅޭނަމަ މައްސަލަ ހުށަހަޅަން ލިންކަކާއި އެކު މި ނޮޓިފިކޭޝަން ފޮނުވިދާނެއެވެ. މިގޮތުން ޕާޓީއަށް ވައްދައިފިކަން ނުވަތަ ޕާޓީއަކުން ވަކި ކޮށްފިކަން އެމީހަކަށް ވަގުތުން އެނގިގެން ދާނެއެވެ.

ޕަބްލިކަށް ޕޯޓަލްއެއްދެފުށް ފެންނާނޭ ގޮތެއް

މިވެސް ކިޔާލާ:

ދެންމެ މި ކިޔައިދިން ގޮތަށް ހަދައިފިނަމަ ދެން އޮތީ ބޭނުން ނަމްބަރެއް ނުވަތަ ބޭނުން އީމެއިލް އެއް ޖަހައިގެން މިކަން ކޮށްފާނެ ކަމުގެ ފުރުސަތު އޮތް ކަމެވެ. އެކަން ހައްލު ކުރަން ބޭނުންނަމަ ކުރެވިދާނެ ކަންކަންވެސް އެބަ ހުއްޓެވެ. އެއީ ދެންމެ މި ކިޔައިދިން ޕާޓީތަކަށް ޕޯޓަލް އެއް ދިނުމުގެ އިތުރުން ދިވެހި ރައްޔިތުންނަށް ވަދެވޭނޭ ގޮތަށް ޕޯޓަލްއެއް ހެދުމެވެ. އާންމު ރައްޔިތުންނަށް ލޮގިންވެ އީ.ސީގައި ހުރި އެމީހެއްގެ މައުލޫމާތު ބަލައި ބަދަލު ގެނެވޭނެ ގޮތަށެވެ. މި ޕޯޓަލް ހަދައި އޭގެ ތެރެއިން ޕާޓީއަށް ވަދެ ކެނޑުމުގެ މަސައްކަތް އަދި މެމްބަރޝިޕާއި ގުޅޭ އެހެން މުއާމަލާތްތައް ކުރެވޭ ގޮތަށް ހެދިދާނެއެވެ. އަދި ހަމަ މި ޕޯޓަލްގައި ޕާޓީ އޮފީސްތަކަށް އެމީހުންނަށް ބޭނުންވާނެ މެމްބަރުންގެ މަޢުލޫމާތު ނަގައި ޕާޓީ މެދުވެރިކޮަށް ކުރަންޖޭ މުއާމަލާތްތައް ކުރެވޭނެ ގޮތަށް އިންތިޒާމް ކުރެވިދާނެއެވެ. ވަކި ފަރުދެއްގެ އެޕްރޫވަލް ނުވަތަ ވެރިފިކޭޝަން ބޭނުންވާ ހާލަތްތަކުގައި ނޮޓިފައި ކޮށް ޕޯޓަލް އަށް ވަދެގެން އެމީހަކު އެޕްރޫވް ކުރަން ޖެހޭގޮތަށްވެސް ހެދިދާނެއެވެ.

މިގޮތުން ޕޯޓަލް މެދުވެރިކޮށް އީ.ސީއާއި ގުޅުންހުރި ގިނަ ހިދުމަތްތައް ދެވޭގޮތް ހެދިދާނެއެވެ. ނަމަވެސް މި ފުރުސަތުގައި ހަމައެކަނި ސިޔާސީ ޕާޓީތަކާއިު ގުޅޭ މަސައްކަތްތަކަށް ބަލައިލަމާ ހިނގާށެވެ. މިގޮތުން އެމީހަކު ނިސްބަތްވާ ޕާޓީއާއި ޕާޓީއަށް ވަނުމާއި ކެނޑުމުގެ ހިސްޓްރީ ދެއްކިދާނެއެވެ. އަދި ޕޯޓަލް ތެރެއިން އެމީހަކަށް އެމީހެއްގެ މައުލޫމާތު އަދާ ހަމަކުރެވޭ ގޮތް ހެދިދާނެއެވެ. ޕާޓީ އަށް ވަނުމާއި ސެންސިޓިވް މައުލޫމާތު އަދާހަމަ ކުރުމާއި ކެނޑުން ފަދަ ބަދަލުތައް ގެންނަ މުޢާމަލާތްތައް ވެރިފައި ކުރުމަށް ފޯނު ނަމްބަރަށް ނުވަތަ އީމެއިލްއަށް ނުވަތަ ދެގޮތަށް އެއްކޮށް އޯޓީޕީއެއް ފޮނުވައި ޔަގީން ކުރެވިދާނެއެވެ. މިގޮތުން އެމީހެއްގެ މަޢުލޫމާތެއް ބަދަލު ކުރުމުގެ ޒިންމާވެސް އެމީހެއްގެ ބެލުމުގެ ދަށަށް އައީއެވެ. ނޫންނަމަ ޕާޓީއަށް ވެއްދުމުގެ ބައި ޕާޓީގެ ފަރާތުން ޕޯޓަލް މެދުވެރިކޮށް ކުރާ ގޮތަށް ބާއްވާއި ހަމަ އެކަނި ވެރިފައި ކުރަން ޖެހޭ ހިސާބުގައި އެމީހަކު އަމިއްލައަށް އެކަން ކުރަން ޖެހޭ ގޮތަށްވެސް ބޭއްވިދާނެއެވެ. މިގޮތަށް ހަދައިފިނަމަ އީ.ސީގެ ދަފްތަރަށް ރަސްމީކޮށް ބަދަލު ގެންނާނީ އެމީހަކު ވެރިފައި ކުރާ ހިސާބުންނެވެ. މީގެ އިތުރުން މީހަކު ޕާޓީއަކާއި ގުޅެން ބޭނުންނަމަ އެ ޕާޓީއަކާއި ގުޅެން ސިސްޓަމް ތެރެއިން ރިކުއެސްޓް ކުރެވޭ ގޮތަށްވެސް ބޭއްވިދާނެއެވެ. ހުށަހަޅަންޖެހޭ ލިޔެކިޔުމާއި މައުލޫމާތު ޕޯޓަލްއަށް އަމިއްލައަށް އަޕްލޯޑް ކުރާ ގޮތަށެވެ. ދެން އެ ޕާޓީއަކުން އެ ރިކުއެސްޓް ބަލައި ޗެކްކޮށް އެޕްރޫވް ކުރުމުން އެ ބަދަލު އީ.ސީގެ ދަފްތަރަށް ގެންނާނީއެވެ. ޕާޓީތަކަށް ބޭނުންވާ މައުލޫމާތު ވަގުތުން ޑައުންލޯޑް ކުރެވޭ ގޮތަށްވެސް ހެދޭނެއެވެ.

އީފާސް ލޮގިން

މި ޕޯޓަލްއަށް މީހުން ލޮގިން ކުރުމަށް އެން.ސީ.އައި.ޓީ އިން އުފައްދާފައިވާ އޯތެންޓިކޭޝަން ސިސްޓަމް (އީފާސް) ބޭނުން ކުރެވިދާނެއެވެ. އޭރުން އަލުން އީ.ސީގެ މި ޕޯޓަލްގައި ވަކިން ރަޖިސްޓަރ ވާން ނުޖެހޭ ގޮތަށްވެސް ހެދޭނެއެވެ. މިހާރުވެސް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުގައި މި ސިސްޓަމް އިންޓެގްރޭޓް ކޮށްގެން ބޭނުން ކުރެއެވެ. ހަމަ މިގޮަތަށް އީ.ސީގައިވެސް މިކަން ނުކުރެވޭންވީ ސަބަބެއް ނުވިސްނެއެވެ. އީފާސް އިންޓެގްރޭޓް ކުރުމުން ޕޯޓަލް ބޭނުން ކުރާ ފަރާތްތައް ދެނެގަނެ އެ ފަރާތަކަށް ހާއްސަ މައުލޫމާތު ޕޯޓަލްގައި ދެއްކޭގޮތް ހެދޭނެއެވެ. އަދި އެފަރާތެއްގެ މައުލޫމާތާއި އެފަރާތަކަށް އެކަނި މެނޭޖްކުރެވޭ ގޮތް ހެދޭނެއެވެ.

ނިންމުން
އަލަށް ފާސްކުރެވިފައިވާ އިލެކްޓްރޯނިކް ޓްރާންސެކްޝަނާ ބެހޭ ބިލުގެ ދަށުން މިސިސްޓަމް ތެރޭގައި ހިނގާ ޓްރާންސެކްޝަންތަކަށް ގާނޫނީ ބާރު ލިބިގެން ދާނެއެވެ. މިހެން ހަދައިފިނަމަ ވަގު ފޯމު ހުށަހެޅުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެން ދާނެއެވެ. އަދި ޕާޓީ ތަކުގެ އޮފީސްތަކުގައި އޮންނަ ދަފްތަރާއި އީ.ސީގައި އޮންނަ ދަފްތަރާވެސް ދިމާވާނެއެވެ. ޑިޖިޓައިޒް ކުރިޔަސް މެނުއަލް ޕްރޮސެސްވެސް ބާއްވަން ވާނެއެވެ. އެއީ ކިތަންމެ ޑިޖިޓައިޒް ވިނަމަވެސް މެނުއަލްކޮށް ކުރަންޖެހޭ ހާލަތެއް އައިސްދާނެތީއެވެ. ސިސްޓަމް ޑިޒައިން ކުރަންވާނީ އެ ފަދަ މައުލޫމާތު ކޮންމެސް ހިސާބަކުން ސިސްޓަމަށް އެޅޭނޭ ގޮތަކަށެވެ. އެހެން ނަމަވެސް މިފަދަ ސިސްޓަމެއް ހަދައި މީހުން ހޭލުންތެރި ކުރަން ފެށުމުން ގިނަވާނީ ޑިޖިޓަލްކޮށް އަންނަ ރިކުއެސްޓް ތަކެވެ.

މިހެން ޑިޖިޓައިޒް ކޮށްގެން އެއްކޮށް ހުރިހާ މައްސަލަތައް ހައްލު ނުކުރެވުނު ކަމުގައިވިޔަސް ވަރަށް ބޮޑުތަނުން މި ކަންކަން ހައްލުވެގެންދާނެއެވެ. ހަރަދު ކުޑަވެ މީހުން ޒިންމާދާރު ކުރެވިގެން ދާނެއެވެ. މި ސިސްޓަމް ހެދުމަށް ހަރަދުވާނީ މިހާރު އީ.ސީއިން ޕާޓީތަކަށް ކުރާ ހަރަދުތަކުގެ ނިސްބަތުން ވަރަށް ކުޑަ މިންވަރެކެވެ. ސިސްޓަމް ލައިވް ވުމަށްފަހުގައި ލަހެއް ނުވެ އެ ހަރަދުވެސް ކެނޑިގެން ދާނެއެވެ. ސަބަބަކީ އެތަކެއް ބައިވަރު މަސައްކަތްތަކެއް އޮޓަމޭޓް ކުރެވިފައި ވާތީ އެތައް ރިސޯސްތަކެއް ސަލާމަތް ކުރެވޭނެތީއެވެ. ދެތިންހަތަރު ޑިވެލޮޕަރުން ނަގައިގެން މިވަރުގެ ޕޯޓަލްއެއް އެންމެ ގިނަވެގެން އަހަރެއްގެ ތެރޭގައި ފަސޭހަކަމާއި އެކު ނިންމާލެވޭނެއެވެ.

100%0%0%

ހިޔާލު ދެއްވާ!

Your email address will not be published.