Advertisement

ކަޝްމީރުގެ ޚާއްސަ ދަަރަޖަ އުވާލުމަކީ އިންޑިޔާގެ ދާޚިލީ ކަމެއް: ޝާހިދު

07 Aug 2019 | 17:03

އިންޑިޔާގެ ޖައްމޫ އަދި ކަޝްމީރަށް ދީފައިވާ ޚާއްސަ ދަރަޖަ އުވާލުމަކީ އިންޑިޔާގެ ދާޚިލީ ކަމެއްކަމަށް ބުނެ، އެކަމާއި މެދު ސީދާ އެއްޗެއް ބުނުމަށް ދިވެހިރާއްޖެއިން ދެކޮޅު ހަދައިފިއެވެ.

ރާއްޖެއިން މި ބީދައިން ބުނެފައިވަނީ ފޮރިން މިނިސްޓްރީން ނެރުނު ކުރު ނޫސްބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އިންޑިޔާގެ ގާނޫނުއަސާސީގެ 370ވަނަ މާއްދާ އުވާލައި، ކަޝްމީރަށް ދީފައިވާ ޚާއްސަ ދަރަޖަ އުވާލުމަކީ އިންޑިޔާގެ ދާޚިލީކަމެއް ކަމަށެވެ.

އަދި ކޮންމެ މިނިވަން ގައުމަކަށްވެސް އެގައުމަކުން ބޭނުންވާ ގޮތަށް ގާނޫނުތައް އިސްލާހުކުރުމުގެ ހައްގު އޮންނާނެކަމަށް ރާއްޖެއިން ދެކޭކަމަށްވެސް ވަނީ ބުނެފައެވެ.

އިންޑިޔާގެ ގާނޫނު އަސާސީގެ 370ވަނަ މާއްދާގައި ވާގޮތުން ކަޝްމީރު ސަރަހައްދުގައި، އެެހެނިހެން ސަރަހައްދުތަކުގެ އިންޑިޔާ މީހުން ވަޒަންވެރިވެ އުޅުމަކީ މަނާ ކަމެކެވެ. މި މާއްދާ އުވާލާފައިވަނީ އިންޑިޔާގެ ރައީސް ރާމް ނަތް ކޯވިންދް ސޮއިކުރެއްވި ޚާއްސަ ގަރާރަކުންނެވެ.

މިކަމަށް އިންޑިޔާގެ އިދިކޮޅު ކޮންގްރެސް ޕާޓީން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ޖައްމޫ އަދި ކަޝްމީރު ސަރަހައްދުގައި އިންޑިޔާގެ އެހެނިހެން މީހުންނަށް ވަޒަންވެރި ވުމުގެ ފުރުސަތު ދިނުމަކީ ބީޖޭޕީގެ ވައުދެކެވެ. ދާދިފަހުން އިންޑިޔާއިން ވަނީ އެ ސަރަހައްދުގެ ދެ ސިޔާސީ ލީޑަރަކު ހައްޔަރުކޮށް، 10000 ސިފައިން ފޮނުވާފައެވެ.

Advertisement

ކޮމެންޓް

Advertisement