އިހުތިޖާޖު ނުކުރާނެކަމަށްބުނި ޓެކްސީ ޑްރައިވަރުން ހުޅުމާލޭގައި އިހުތިޖާޖުކުރަނީ

07 Aug 2019 | 17:47

ޓްރާންސްޕޯޓް އޮތޯރިޓީން މިއަދުން ފަށައިގެން އަމަލުކުރުމަށް ކަނޑައެޅި ޓެކްސީގެ އަގުތަކާއި މެދު އިހުތިޖާޖުނުުކުރާނެކަމަށް ބުނި ޓެކްސީ ޑްރައިވަރުން އިހުތިޖާޖުކުރަން ފަށައިފިއެވެ.

އެގޮތުން ޑްރައިވަރުން ހުޅުމާލޭގެ މަގުމަތީގައި ޓެކްސީތައް ބާއްވައިގެން އިހުތިޖާޖުކުރާ ވީޑިޔޯއެއް ސޯޝަލް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ.

ނަމަވެސް އިއްޔެ ޑްރައިވަރުންގެ ޖަމްއިއްޔާގެ ރައީސް އަބްދުﷲ އިބްރާހިމް ވިދާޅުވީ ޑްރައިވަރުން އިހުތިޖާޖަކަށް ދާން ނިންމާފައި ނުވާ ކަމަށެވެ. އަދި އަގުތަކާއި މެދު ހުރި ކަންބޮޑުވުންތަކުގެ މައްސަލަ މަޝްވަރާކޮށްގެން ހައްލު ކުރެވޭތޯ ބަލަމުންދާކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޑްރައިވަރުންގެ ފަރާތުން ވަނީ ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައެޅި އަގުތަކަށް އަމަލުކުރުމަށް ފަސްކުރުމުގެ ވަގުތީ އަމުރަކަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށައަޅާފައެވެ.

އެ އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން މާލެ-ހުޅުލެ-ހުޅުމާލެ ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ބަދަލުގެނައުމަށް ނިންމާފައެވެ.

އެގޮތުން އެ އަގުތަކަކީ:

- މާލެ- ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ

- ހުޅުލެ – މާލެ ދަތުރެއްގެ އަގު -/60 ރުފިޔާ

- ހުޅުމާލެ – ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ

- ހުޅުލެ - ހުޅުމާލެ ދަތުރެއްގެ އަގު -/60 ރުފިޔާ

- މާލެ- ހުޅުމާލެ ދަތުރެއްގެ އަގު -/75 ރުފިޔާ

- ހުޅުމާލެ – މާލެ ދަތުރެއްގެ އަގު -/75 ރުފިޔާ، މިއެވެ

ފޮޓޯ:ސަން

Advertisement

ކޮމެންޓް