މިހާރު އިދިކޮޅު ލީޑްކުރަމުންދަނީ ޑީއާރްޕީން: ޖާބިރު

08 Aug 2019 | 12:07

މިވަގުތު ސަރުކާރާއި އިދިކޮޅު ޕާޓީތައް ލީޑްކުރަމުންދަނީ ޑީއާރްޕީންކަމަށް އެޕާޓީގެ ލީޑަރ އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ ޑީއާރްޕީގެ ކުރިއަށްހުރި ހަރަކާތްތަކާއި ބެހޭގޮތުން ތަފްސީލް ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެބޭފުޅާ ވިދާޅުވީ މިހާރު އިދިކޮޅު ލީޑްކުރަމުންދަނީ ޑީއާރްޕީން ކަމަށާއި ޕީޕީއެމް އަދި ޕީއެންސީގައި ތިއްބެވި ބޭފުޅުންނަށް އެއްވެސް އުންމީދެއް ނެތްކަމަށެވެ. ޖާާބިރު ވަނީ އެއީ ބަނގުރޫޓުވެފައިވާ ޕާޓީތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

"ބަނގުރޫޓުވެފައިވާ ކުންފުނިތަކެއް ހިނގާ ގޮތަށް ޕީޕީއެމް އެ ހިނގަނީ. ލީޑަރު ކަމުގައި ހުންނެވި ޔާމީން މިދިޔަ އިންތިހާބުގައި ޔާމީން އެ ހުންނެވީ ފެއިލްވެފައި" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވަނީ މިހާރުވެސް އެމަނިކުފާނު ސަރުކާރު ޖަވާބުދާރީ ކުރުވަން ގިނަ މަސައްކަތްތަކެއްކުރައްވާ ކަމަށް ފާހަގަކުރައްވާފައެވެ. އަދި އެކަމަށް ގިނަބަޔަކު ބޭނުންނުވާނެކަމަށްވެސް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.

"މިހާރުވެސް މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވަން ގިނަ ކަންތައްތަކެއް ކުރަމުންދާއިރު ސަރުކާރު ޖަވާބުދާރީ ކުރުވަން 100 މީހުން ބޭނުމެއް ނުވޭ. ކޮންމެ ޓީމެއްގައި ވެސް ހުންނާނީ އެންމެ މެސީއެއް، އެންމެ ފެޑެރާއެއް. 11 މެސީއެއް ނުތިބޭނެ"، ޖާާބިރު ވިދާޅުވިއެވެ.

ފޮޓޯ: ވަގުތު

Advertisement

ކޮމެންޓް