Advertisement

އެމްޑީޕީގެ ޔޫތު ކޮންގްރެސް މިމަހު ފަހުކޮޅު

08 Aug 2019 | 18:08

އެމްޑީޕީގެ ފުރަތަމަ ޔޫތު ކޮންގްރެސް މި މަހު ބޭއްވުމަށް ނިންމައިފި އެވެ

ބުރާސްފަތި ދުވަހު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮންގްރެސް ޑިރެކްޓަރ އައިކް އަހުމަދު އީސާ ވިދާޅުވީ، ޔޫތް ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ30 އަދި 31 ވަނަ ދުވަހު ހުޅުމާލޭ، ހުރަވީ ސްކޫލްގައި ކަމަށެވެ.

އެގޮތުން ކޮންގްރެސްގައި ބައިވެރިވެލައްވާ ކޮންގްރެސްމަނުން އެއްތަނަކަށް ޖަމާވެ، އަސާސީ ގަވާއިދު ތައްޔާރުކޮށް އެކުލަވާލުމާއި ޕާޓީގެ ޒުވާނުންގެ ގޮފީގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ޕްލޭނެއް އެކުލަވާލުމުގެ އިތުރުން ކޮންގްރެސް ކުރިއަށް ގެންދިއުމުގެ ޕްލޭނެއް އެކުލަވާލުމަށް ޕްރީ ކޮންގްރެސް ވޯކްޝޮޕެއް، އޮގަސްޓް މަހުގެ 30 ވަނަ ދުވަހު ބޭއްވާނެކަމަށް އައިކް ވިދާޅުވިއެވެ.

އެމްޑީޕީން ބުނީ ޔޫތު ކޮންގްރެސް ބާއްވަން ނިންމީ އެޕާޓީގެ މެންބަރުންގެ ތެރޭގައި ޒުވާނުންގެ ބޮޑު އިންސައްތައެއް ހިމެނޭތީ، އެފަރާތްތަކަށް ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ. މީގެ އިތުރުން ސިޔާސީ ހަރަކާތްތައް ހިންގޭނެ މަގު ޒުވާނުންނަށް ފަހިކޮށްދިނުމަކީވެސް ކޮންގްރެސްގެ މުހިންމު އެއް މަގުސަދު ކަމަށް އެޕާޓީން ބުނެއެވެ.

އެމްޑީޕީގެ ޔޫތު ކޮންގްރެސްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޒުވާނުން ބައިވެރިވާނެ ކަމަށް، ޔޫތު ވިންގުގެ ރައީސް މީކާއީލް ވިދާޅުވިއެވެ. އަދި އެ ކޮންގްރެސް އަކީ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ، އެކި ފިކުރުގެ ޒުވާނުން ހިޔާލު ބަދަލު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކޮންގްރެސް އެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް