ހަތަރު އަހަރުގެ ލުހްޔާވެސް އެދެނީ އުފާވެރި ދިރިއުޅުމެއް!

09 Aug 2019 | 13:54

އަޅުގަނޑުމެންގެ ތެރެއިން ކޮންމެ އިންސާނަކީވެސް ތިމާއަށް ދިރިއުޅެވޭނެ އެންމެ ފުރިހަމަކޮށް ދިރިއުޅެން ބޭނުންވާނެ ފަރާތެކެވެ. އެހެން މީހުންނާއި އެއް ހަމައެއްގައި ހިނގާ ބިނގާާވެ، ކައިބޮއެ ހަދަން އެދޭނެ ފަރާތެކެވެ. އެ އުންމީދުގައި ހުރުމަށް ވަކި އުމުރެއް ނެތެވެ. ނަަމަވެސް ދިމާވާ ބައެއް ކަންކަމުގެ ސަބަބުން އެ އުންމީދުގައި އެންމެ ފުރިހަމައަށް ހުރުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހެއެވެ.

މިފަދަ އެއް ފަރާތަކީ ހަތަރު އަހަރުގެ ތުއްތު ކުއްޖެއްކަމުގައިވާ ލުހްޔާ މުހައްމަދެވެ. ވިިހިއިރުގައިވެސް ހުރި އައިބެއްގެ ސަބަބުން ލުހްޔާއަށް އެ އުމުރުގެ އެހެން ކުދިން ފަދައިން އުޅުމުގައި ދަތިތަކެއް ކުރިމަތިވެފައިވެއެވެ. ނަމަވެސް ލުހްޔާގެ ވޭނަށް ކުޑަ ލުޔެއް ދެވެން އޮތީ އެެތަކެއް ބަޔެއްގެ އެހީއާއި އެކުގައެވެ.

ވޮއިސްއަށް މައުލޫމާތުދެމުން ލުހްޔާގެ މަންމަ މަރިޔަމް އަވްލީން ބުނީ ތުއްތު ލުހްޔާއަކީ ވިހިއިރުވެސް ފޫޅުން ތިިރި އެއްކޮށް މަސައްކަތްނުކުރާ ކުއްޖެއްކަމަށެވެ. އެގޮތުން އޭނާގެ ފޫޅުން ތިރިން އެއްވެސް އިހުސާސެއް ނުކުރެވޭއިރު، ދެ ދޮރުވެސް ގުދުރަތީގޮތުން އުފެދިފައި ނެތްކަމަށް އަވްލީން ވަނީ ބުނެފައެވެ. އެހެންކަމުން ލުހްޔާ ގަޟާހާޖާކޮށް ހަދަމުންދަނީ ހަށިގަނޑުގައި އޮޕަރޭޝަންކޮށްގެން ތޮރުފާފައިވާ ލޯވަޅުތަކެއްގެ އެހީގައެވެ.

މީގެ އިތުރުން އޭނާގެ ގޮހޮރު އިންނަނީ ބަނޑުގެ އެއްފަރާތުން ބޭރަށް ވާގޮތަށް ކަން ފާހަގަކޮށްލެވެއެވެ.

އަވްލީނާއި ލުހްޔާގެ ބައްޕަ އިޝާން ވަނީ އެދެމީހުންގެ ދެލޯނޭދި ލޯބިވާ ދަރީގެ ހާލަތު ރަނގަޅުކުރުމަށް އެތަކެއް މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ރާއްޖެއިން ލިބެން ހުރި ފަރުވާއެއްގެ އިތުުރުން އިންޑިޔާއާއި ލަންކާއިންވެސް ވަނީ ގިނަ ފަރުވާތަކެއް ހޯދާފައެވެ. ނަމަވެސް މި ފަރުވާތަކުން އެދެވޭފަދަ ކުރިއެރުމެއް ލުހްޔާގެ ކިބައިން ނުފެންނަކަމަށް އަވްލީން ވަނީ ބުނެފައެވެ.

ލުހްޔާއަކީ މިހާރު ވިލިމާލޭ މުހްޔިއްދީން ސްކޫލްގެ އެލްކޭޖީގައި، އޭނާގެ ބަލި ހާލުގައިވެސް ގަދަ ހިތްވަރާއި އެކު ތައުލީމް ހާސިލްކުރުމަށް މަސައްކަތް ކުރަމުންދާ ކުއްޖެކެވެ. ވޮއިސްއާއި ވާހަކަދައްކަމުން އަވްލީން ބުނީ ސްކޫލުން ލުހްޔާއާއި މެދު ކަންތައް ކުރަމުންދަނީ ވަރަށް ރަނގަޅަށް ކަމަށާއި އެގޮތުން ދަރިވަރުންނާއި ޓީޗަރުންވެސް ލުހްޔާއަށް ވަރަށް އަޅާލާކަމަށް ވަނީ ބުނެފައެވެ.

މީގެ ކުރިންވެސް ލުހްޔާއަށް ބޭސްކޮށްދީފައިވާއިރު، ކޮންމެ ފަހަރަކުވެސް ލުހްޔާގެ ބޭސްފަރުވާކޮށްފައިވަނީ އާއިލާއާއި، ރަހުމަތްތެރިންނާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީގައެވެ. މީގެ އިތުރުން އާސަންދައިންވެސް އެހީ ލިބޭކަމަށް ލުހްޔާގެ އާއިލާއިން ވަނީ ބުނެފައެވެ.

އަވްލީން ބުނީ ޑޮކްޓަރުންގެ ލަފަޔާއި އެކު އާއިލާގެ ވިސްނުންހުރީ ލުހްޔާއާއި އެކު އިތުރު ބޭސްފަރުވާ ކުރުމަށްޓަކައި، ސިންގަޕޫރަށް ދިޔުންކަމަށެވެ. އަދި މިކަމަށް އާއިލާއަށް މާލީ އެހީތެރިކަން ބޭނުންވާ ކަމަށާއި ލުހްޔާއާއި މެދު ކުރާ އުންމީދު އެލުވާނުލާނެކަމަށް އޭނާ ބުންޏެވެ.

ވޮއިސްގެ ޓީމުން ލުހްޔާއަށް އެދެނީ އަވަސް ޝިފާއަކާއި އުފާވެރި މުސްތަގްބަލެކެވެ!

ލުހްޔާއަށް އެހީވުމަށްޓަކައި ފައިސާ ޖަމާކުރާނެ އެކައުންޓްތައް ތިރީގައި މިވަނީއެވެ:

7730000030936- މުހައްމަދު އިޝާން (ބައްޕަގެ ޑޮލަރ އެކައުންޓް)

7715505470101- މަރިޔަމް އަވްލީން ވަހީދު (މަންމަގެ ރުފިޔާ އެކައުންޓް)

Advertisement

ކޮމެންޓް