ހުޅުމާލެއިން މިފަހަރު ފެނިގެންދާނީ ޖަޒީރާވަންތަ އީދެއް!

31 Oct 2019 | 16:40

އަޟްހާ އީދަކީ ޒަމާނުއްސުރެ ދިވެހިން ވަރަށް ފޯރިއާއި ޖޯޝުގައި ފާހަގަކުރާ މުނާސަބަތެކެވެ. ސަގާފީ އަދި ދީނީ ހަރަކާތްތަކުގައި ކުދިބޮޑު އެންމެހާ ފަރާތްތަކުން ބައިވެރިވާއިރު، އެ ހަރަކާތްތަކުގެ އަލީގައި އިޖްތިމާއީ ގުޅުންތައް އާލާވެ، ބަދަހިވެގެންދެއެވެ. މިފަދަ މަންޒަރުތައް އަދިވެސް ރާއްޖޭގެ ގިނަ ރަށްރަށުން ފެންނަ ކަމަކީ އުފަލާއި އެކު ފާހަގަކޮށްލަން ޖެހޭ ކަމެކެވެ.

މި ހަރަކާތްތައް ދެކިލުމަށް މާލޭ ސަރަހައްދުގެ ގިނަ ފަރާތްތަކުން ރަށްރަށަށް ދަތުރުކުރަމުންދާއިރު، އެ އުފާތައް ދެކިލުމުން މަހުރޫމުވެ، ޗުއްޓީއަށް ރަށުން ބޭރަށް ނުދެވޭނެ ގިނަ ފަރާތްތައް ތިބޭނެއެވެ. ހާސްނުވާށެވެ. އެފަދަ ފަރާތްތަކަށް ދިވެހި ސަގާފަތް މިފަހަރު ދައްކުވައިދޭނީ ޒުވާނުންގެ ޝަހަރު ކަމުގައިވާ ހުޅުމާލޭގެ ސަރަހައްދުތަކުންނެވެ.

އެޗްޑީސީން އިސްވެ އޮވެ ކުރިއަށްގެންދާ ހުޅުމާލޭ ބޮޑުއީދު ހަރަކާތް އީދު ބަންދުގެ ތިން ދުވަހު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިރޭ ބޮޑުބެރުގެ ހަރަކާތްތަކާއި އެކުގައި އީދުގެ ހަރަކާާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުންނެވެ. މިއާއި އެކު ދެން އޮންނާނީ ރުއްގަނޑު 1 ސަރަހައްދާއި ދިމާ ގޮނޑުދޮށާއި ކައިރީގައި އީދު ހުޅުޖެހުމެވެ.

އީދު ހުޅުޖެހުމަކީ އިހު ޒަމާނުގައި މާދަމާ އަކީ އީދުކަން ކައިރީގައިވާ ރަށްރަށަށް އަންގައިދިނުމަށް ދަރުއެއްކޮށް އަލިފާން ގަނޑެއް ރޯކުރުމަށް ކިޔާ ނަމެކެވެ.

އެއަށްފަހު މާދަމާ ހެނދުނު ހުޅުމާލޭ ދުވާ ޓްރެކްގައި އޮންނަ ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމުން ދުވަސް ފެށިގެންދާނެއެވެ. އަދި އެއަށްފަހު އެ ސަރަހައްދުގައި އީދު ސަޔެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި އީދު ސަޔަށް އާންމުންނަށް ތަކެތި ގެނެވޭނެކަމަށް އެޗްޑީީސީން މައުލޫމާތުދެއެވެ.

އެއަށްފަހު މާާދަމާ 10:00ޖަހާއިރު ރުއްގަނޑުގައި ކޯޑި ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މި މަންޒަރު ބަލާލުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލެވިފައެވެ.

އެއަށްފަހު ހަވީރުގެ ވަގުތުގައި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ސަގާފީ ޕެރޭޑެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ޕެރޭޑްގައި މާާލި، ބޮޑުމަސް، ކޯޑި، ސަގާފީ ނެށުން، ބޮޑުބެރު އަދި ފްލޯޓް ފެނިގެންދާނެއެވެ. މި ވަގުތުތަކުގައި ހުޅުމާލޭ ސެންޓްރަލް ޕާކްގައި އާއިލީ ހަވީރެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެެވެ. މިވަގުތުތަކުގައި ހުޅުމާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުމަކީ މަނާ ކަމެކެވެ.

މާދަމާގެ އެންމެ ފަހުގެ ހަރަކާތަކަށް އޮންނާނީ ޣާޒީ ސްކޫލް ކުރިމަތީގައި ބޮޑުމަސް ބޭނުމެވެ.

ވަޅުއީދު ދުވަހުގެ ހަރަކާާތްތައްވެސް އޮތީ ވަރަށް ފޯރިގަދަކޮށެވެ. އެގޮތުން އެ ދުވަހުގެ ހެނދުނުން ފެށިގެން ހަވީރަށް ރުއްގަނޑު ސަރަހައްދުގައި ސަގާފީ ކުޅިވަރުތަކާއި މޫދު ކުޅިވަރުތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތްތައް ކުރިއަށްގެންދަނީ އެމްއެންޑީއެފްގެ އެހީތެރިކަމާއި އެކުގައެވެ.

އެއަށްފަހު 13ވަނަ ދުވަހުގެ ރޭ އެންމެ ފަހުގެ ހަރަކާތެއްގެ ގޮތުގައި ހުޅުމާލޭ ސެންޓްރޯ މޯލްގައި މިއުޒިކް ޝޯވްއެއް ބޭއްވުމަށް ވަނީ ރޭވިފައެވެ. މި ހުރިހާ ކަމެއް ކުރިއަށްގެންދަނީ އެޗްޑީީސީ، ހުޅުމާލޭގެ މެންބަރު އަލީ ނިޔާޒްގެ އޮފީސް، ކަމާއިބެހޭ މުއައްސަސާތައް އަދި ހެޔޮއެދޭ ފަރާތްތަކުގެ އެއްބާރުލުމާއި އެކުގައެވެ.

އެހެންކަމުން އީދު ޗުއްޓީއަށް ސަގާފީ ކަންކަން ބަލާލުމަށް ނުދެވުނަސް ހާސްނުވާށެވެ. ހުޅުމާލެއިން މިފަހަރު މި ގެނެސްދެނީ ޖަޒީރާވަންތަ އީދެކެވެ!

Advertisement

ކޮމެންޓް

Advertisement