ހައްޔަރުކުރުމުގެ ކުރިން އަދީބްވަނީ ލެޕްޓޮޕާއި މޯބައިލްފޯން އަޅުގަނޑަށް ފޮނުވާފައި- ރައީސް ނަޝީދު

21 Oct 2018 | 21:42

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުމާއި އެމްއެމްޕީއާރްސީގެ ބޮޑު ވައްކަމުގެ މައްސަލާގައި ހައްޔަރުކުރެވި ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ރައީސް އަބްދުﷲ ޔާމީންގެ ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބް އޭނާ ހައްޔަރުކުރުމުގެ ކުޑަދުވަސްކޮޅެއްކުރިން އޭނާގެ ލެޕްޓޮޕާއި މޯބައިފޯން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުވާފައިވާކަމަށް ނަޝީދު ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ ޗެނަލެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ މޯބައިލްފޯނުގައި ވަރަށް ގިނަ ސެލްފީތަކެއް ހުރިކަމަށެވެ. ލެޕްޓޮޕާއި މޯބައިލް ފޯން ބޭރުގެ ފޮރެންސިކް އެކައުންޓެންޓަކާއި ހަވާލުކޮށްގެން ބެލުމަށްފަހު އެމައުލޫމާތު ލިބިވަޑައިގެންފައިވާކަމަށާއި ރިޔާސީ އިންތިޚާބުގެ ކުރިން އެތަކެތީގެ ބޭނުންކުރައްވަން ބޭނުންފުޅުނުވީކަމުގައެވެ. އެތަކެތި އެމަނިކުފާނު ދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.

އަދީބް ހައްޔަރުކުރުމުގެ ކުރިން ލެޕްޓޮޕާއި ފޯންތައް ނަޝީދަށް ފޮނުއްވި ސަބަބެއް ނަޝީދު ވިދާޅެއްނުވެއެވެ. މި ލެޕްޓޮޕްގައި ހުރި މައުލޫމާތުތަކާއިބެހޭގޮތުންވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ. ލެޕްޓޮޕް ނަޝީދަށް ފޮނުއްވާފައިވާއިރު ރާއްޖެއިން ބޭރުމީހުންނަށް ބިންވިއްކުމާއިބެހޭގާނޫން ފާސްކުރުމާއި ގާނޫން އަސާސީއަށް ބަދަލުގެނައުމުގައި އެމްޑީޕީގެ ސަޕޯޓް ހޯދުމަށް އެޕާޓީގެ ޓޮޕްލީޑަރުންނާއި އަދީބް ޑީލްހަދާފައިވާކަމަށް ތުހުމަތުކުރެވޭ ވާހަކަތަކެއް މީގެކުރިން ފެތުރިފައިވެއެވެ.

މި ޝޯގައި ނަޝީދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އެމަނިކުފާނުގެ ވެރިކަމުގައި ގެއްލިފައިވާ ދައުލަތުގެ ފައިސާގެ މައްސަލާގައި އެކަށީގެންވާ ތަހްގީގެއް ހިންގޭނެކަމަށެވެ.

" ނަސީބުދެރަކަމުން ރައީސް ޔާމީންވަނީ ފާހަގަކުރެވިފައި، ބައިވަރު އިންޓަރނޭޝަނަލް އިންވެސްޓިގޭޝަންތަކުން. މަނީ ލޯންޑްރިންގެ މައްސަލަތަކުން. އިންވެސްޓިގޭޓްނުކޮށް، އަޅުގަޑުމެންނަށްވަނީ އަޅުގަޑުމެންގެ މަނިޓަރީ ސިސްޓަމާއިމެދު އިތުބާރުކުރަން ދަތިވެފައި" ނަޝީދު ވިދާޅުވެފައިވެއެވެ.

" ރައީސް ޔާމީންގެ މައްޗަށް ތަހްގީގު ހިންގޭނެ ވީގޮތެއްނޭގި ގެއްލިފައިވާ ޖަރނަލިސްޓުންނާއި ޕޮލިޓީޝަނުންގެ މައްސަލާގައި. ޒުވާންކުދިން މާލޭގެ މަގުމަތިން މަރަނީ. އެހެންވީމާ އެކަށީގެންވާފަދަ ތަހްގީގެއް ހިންގެންޖެހޭ" ޓެރަރިޒަމްގެ މައްސަލާގައި ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް ވިދާޅުވިއެވެ.

2008 ވަނަ އަހަރު ރައީސްކަމާއި ނަޝީދު ހަވާލުވެވަޑައިގަތުމަށްފަހުވެސް ޔާމީންގެ މައްޗަށް މަނީލޯންޑްރިންއާއި ވައްކަމުގެ ތަހްގީގެއް ހިންގިއެވެ. އެފަހަރު ރިޔާސީ ކޮމިޝަނެއް އުފެއްދެވުމަށްފަހު އެސްޓީއޯއިން ގެއްލިފައިވާކަމަށް ނަޝީދުގެ ސަރުކާރުން ތުހުމަތުކުރި 800 މިލިޔަން ޑޮލަރުގެ ވަގުވިޔަފާރިއެއްގެ ތަހްގީގް ލައިވްޓީވީ މެދުވެރިކޮށް ހިންގިއެވެ. އެހެންނަމަވެސް އެތަހްގީގުން ޔާމީންގެ މައްޗަށް ސާބިތުކުރެވޭވަރުގެ ހެއްކެއް ގަރީނާއެއް ފެނިފައެއް ނުވެއެވެ.

ރައީސް ޔާމީން އަވަހާރަކޮށްލަން އުޅުނު ސްރީލަންކާ މީހާ މިނިވަންކުރެވޭނެ

މިޝޯގައި ފާހަގަކުރެވޭ އެހެންވާހަކައެއްވެސް ވިދާޅުވިއެވެ. ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުނުކަމަށް ތުހުމަތުކުރެވިގެން ހައްޔަރުކުރެވިފައިވާ ސްރީލަންކާގެ ސްރީލަންކާގެ އަމާޒަށް ބަޑިޖަހާ މީހާ އެމްޑީޕީގެ ސަރުކާރުގައި ދޫކޮށްލައްވާނެކަމަށް ވިދާޅުވިއެވެ.

އަޅުގަނޑު ދެހިވެލާގައި އިން އޭނާގެ މަންމައަށް ޒިޔާރަތްކޮށްލަން ބޭނުން. އެމަންމައަށް ބުނެލަންއޮތީ ކަންބޮޑުނުވާށޭ އަޅުގަޑުމެން ވެރިކަމާއި ހަވާލުވެވުނުހާ އަވަހަކަށް އޭނާ ގައުމަށް ( ސްރީލަންކާއަށް ) އަބުރައި ފޮނުވައިދޭނަމޭ. ރައީސް ޔާމީންވަނީ އޭނާ މުޅިން ފްރޭމްކޮށްފައި"

ރައީސް ނަޝީދު ވިދާޅުވީ ޗައިނާއާއެކު ހަދާފައިވާ އެއްބަސްވުން އެމްޑީޕީގެ ސަރުކާރުން އަލުން އެސެސްކޮށް އޮޑިޓްކުރާނެކަމަށެވެ. އަދި ވިދާޅުވީ ނޮވެމްބަރ އެގާރަވަނަ ދުވަހު ރާއްޖެވަޑައިގެން ރަހުމަތްތެރިނާ ބައްދަލުކުރައްވާނެކަމަށެވެ.

ނަޝީދުގެ ވެރިކަން ނިމުނުގޮތާއިބެހޭގޮތުން ވިދާޅުވީ " އަޅުގަޑުގެ ކުރީގެ ނާއިބް ރައީސް ( ޑޮކްޓަރ މުހައްމަދު ވަހީދު ) އަކީ ކުޑަކޮށް ނޯޓީ ބޭފުޅެއް. އޭނާ އަޅުގަނޑުގެ އަތުން ވެރިކަން އަތުލީ." މިފަދައިން ވިދާޅުވިއިރު މީގެކުރިން އެމެރިކާގެ ޓީވީ ސްޓޭޝަނެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ތުހުމަތުކުރެއްވީ އެމަނިކުފާނުގެ ސަރުކާރާއިދެކޮޅަށް ބަޣާވާތެއް ހިންގާފައިވާކަމަށާއި އެބަޣާވަތުގެ އަޑީގައި ހުންނެވި އެއްބޭފުޅަކީ ރައީސް މައުމޫންކަމުގައެވެ. ބަޣާވާތުގެ އަޑީގައި ވަހީދު ހުންނެވިކަމަށްވެސް އެއްފަހަރަކު ވިދާޅުވިއެވެ. އަދި ވެރިކަން ބަދަލުވިގޮތުގެ ތަހްގީގު ކޮމަންވެލްތުން ހިންގުމުން އެތަހްގީގަށްބަލައި ބަޣާވާތެއް ހިންގާފައިނުވާކަމަށްވެސް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް