ބިލީފްގެ އީދު ހަދިޔާ ކުޅުދުއްފުށީގެ ހީވާގި ބިދޭސީންނަށް!

14 Aug 2019 | 00:02

މިއަދަކީ ބަރަކާތްތެރި އަޟްހާ އީދުގެ މުނާސަބަތެވެ. މުސްލިމުންގެ އިސްލާމްކަމުގެ ރުކުންތަކުގައި ހިމެނޭ ކެރިކުޅަދާނަ ވެގެންވާ ކޮންމެ މީހަކު ހައްޖަށް ދިއުމުގެ ބަރަކާތްެތެރި އުފާ ފާހަގަވެވޭ ދުވަހެެވެ. ހައްޖުގެ އަޅުކަމުން ދައްކުވައިދޭ އެންމެ މަތިވެރި އެއް ސިފައަކީ ހުރިހާ އިންސާނުންނަކީ ހަގީގަތުގައި އެއްހަމައެއްގެ ބައެއް ކަމެވެ. ފަގީރެއް، މުއްސަންޖެއް އަދި ކަޅެއް،ދޮނެއް ވުމުގެ ކުރިން އަހަރެމެން އެންމެންނަކީ މުސްލިމުންކަމެކެވެ. މި ހަަމަހަމަކަމުގެ ސަބަބުން އެކަކު އަނެކަކަށް އަޅާލާ އިހުސާންތެރިވާން ޖެހޭނެކަމެވެ.

އީދުގެ އުފަލުން ފެނިގެންދާ މަންޒަރަކީ މިއީއެވެ. އަަޅުގަނޑުމެންގެ މުޖުތަަމައުއަށް އައި ބަދަލުތަކާއި އެކު، މިއަދު ރާއްޖޭގެ އާބާދީގެ ބޮޑުބަޔަކީ ބިދޭސީންކަމުގައި ވެއްޖެއެވެ. އެ ފަރާތްތަކުގެ ތެރޭގައިވެސް މުސްލިމް އަޚުންނާއި އުޚުތުން ހިމެނޭއިރު، އީދު އުފާގައި އެމީހުން ބައިވެރިކުރުމަކީވެސް ދިވެހި މުޖުތަމައުއިން އާންމުކޮށް ފެންނަ މަންޒަރެކެވެ.

މިކަން އެންމެ ފުރިހަމައަށް މިފަހަރު ފެނިގެންދާ އެއް ރަށަކީ ހދ.ކުޅުދުއްފުއްޓެވެ. އިގްތިސާދީ ގޮތުން އެރަށް ކުރިއަރަމުންދާއިރު، ކުޅުދުއްފުށީގައި ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެމުންދެއެވެ. އެފަރާތްތަކަށް އާއިލާއާއި ގާތް ރަހުމަތްތެރިންނާާއި އީދުގެ އުފާ ފޯރުކޮށްދިނުމަށް އެރަށުގެ ޖަމްއިއްޔާއަކުން ވަނީ އިސްނަގާފައެވެ. ތިމާވެށީގެ ކަންކަމުގައި އެރަށުގައި ހަރަކާތްތެރިވާ ބިލީފް ޖަމްއިއްޔާއިން ވަނީ ބިދޭސީންނަށް ގިނަ ދުވަސް ވަންދެން ގެންގުޅެވޭނެ ދަޅުކާނާ ފޯރުކޮށްދޭ ހަރަކާތެއް ފައްޓާފައެވެ.

މި ހަރަކާތާއި ގުޅިގެން ވޮއިސްއަށް މައުލޫމާތު ދެމުން ބިލީފް ޖަމްއިއްޔާގެ މުއައްސިސް އަފާ ހުސައިން ބުނީ އީދާއި ގުޅިގެން މި ހަރަކާތް ފަށާފައިވަނީ އީދާއި ގުޅިގެން ކަމަށްވިޔަސް، މިއީ ދެމިއޮންނަ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ވިސްނާކަމަށެވެ.

"#ވީކޭންއިނީޝިއޭޓިވް"ނަމުގައި ކުރިއަށްގެންދާ މި ހަރަކާތުގައި އިއްޔެ އެކަނިވެސް 500ރުފިޔާގެ ދަޅުކާނާ ބިދޭސީންނަށް ހަދިޔާކުރިކަމަށް އަފާ ބުންޏެވެ. އެގޮތުން އާންމުގޮތެއްގައި ހަދިޔާކުރީ ފްރުޓް ދަޅުތައްކަމަށް އޭނާ ފާހަގަކުރިއެވެ. އަދި މަސްދަޅާއި، ފެހިއޮށާއި، ބޭކަޑް ބީންސްވެސް ހަދިޔާކުރިކަމަށް އޭނާ ބުންޏެވެ.

އަފާ ބުނީ މި ހަރަކާތަށް ބިދޭސީންގެ ފަރާތުން ލިބުނު ތަރުހީބު ވަރަށް ރަނގަޅުކަމަށާއި، އެފަރާތްތައް ފެނުނީ ވަރަށް އުފާވެރިކޮށް ތިއްބައިކަމަށެވެ. މި ހަރަކާތަށް ދަޅުކާނާ ދޭން ބޭނުންވާ ފަރާތްތައް ބިލީފްގެ ސޯޝަލް މީޑިޔާ ޕޭޖްތަކަށް މެސެޖްކުރުމުން އެކަން ހަމަޖެހިގެންދާާނެކަމަށް އަފާ ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް