ފެންކުޅީގެ އީދު އުފާ ވިހަ ސަމާސާއަަކަށް؟

12 Aug 2019 | 16:29

އިއްޔެ ފާހަގަކުރެވުނު ބަރަކާތްތެރި އަޟްހާ އީދުގެ މުނާސަބަތަކީ ދީނީގޮތުން ހުރިހާ މުސްލިމް އަޚުންނާއި އުުޚުތުންނަށް ވަރަށް ޚާއްސަ ދުވަހެކެވެ. ހައްޖުގެ މަތިވެރި އަޅުކަމުގެ ނިމުން ފާހަަގަކުރެވޭ މުނާސަބަތެވެ. އުފާވެރިކަމާއި، އެކުވެރިކަމުގެ ލާމަސީލު މިސާލު ދައްކުވައިދޭ ދުވަހެކެވެ. މި ދުވަހުގެ މުނާސަބަތުގައި އިހުޒަމާނުއްސުރެ ސަގާފީ ހަރަކާތްތަކެއްގެ ގޮތުގައި ދިވެހިންކޮށްއުޅޭ ކަންކަން އޮވެއެވެ.

އޭގެ ތެރެއިން އެއްކަމަކަށް ވާނީ ފެންޖެހުމެވެ. އާންމު ގޮތެއްގައި ރާއްޖޭގެ ގިނަ ރަށްރަށުގައި ފެންޖެހުމުގައި އޮންނަ ގޮތަކީ އެކަން ކުރިއަށްގެންދާނީ ވަޅުއީދު ދުވަހުގައި ކޯޑިކަނޑާ މީހާއާއި މާލިތައް މޫދަށް އެރުމުން ފެށޭކަމެއްގެ ގޮތުގައެވެ. އެކަމުގައި އާންމުގޮތެއްގައި ކުރާ ކަމަކީ މީހުން މޫދަށްލުމާއި ވަޅަށް ލުމެވެ. ގިނަ ފަހަރަށް އެދުވަހު ގޭތެރޭގައި އޮންނަ މީހުން ދަމާގެންގޮސްވެސް މޫދަށް އެއްލާލާނެއެވެ. އެދުވަހަކީ ފެންކުޅި އޮންނަ ދުވަސްކަމުން އެންމެންވެސްް ތިބޭނީ ތައްޔާާރުވެގެންނެވެ.

މީގެ އަހަރުތަކެއް ކުރިއަށް ބަލާލައިފިނަމަ، އީދު ފެންކުޅީގެ ތެރޭގައި ކުލަޖެހުމަކީ އޮންނަ ކަމެއް ނޫނެވެ. އެކަންކުރަން ފެށުނީ ދާދިފަހުންނެވެ. ގިނަ ފަރާތްތަކުން ބުނާގޮތުގައި އެކަންކުރަނީ އިންޑިޔާގެ ހޯލީއިން ފެނިގެންނެވެ. 

ފަހަކަށް އައިސް ޒަމާނަށްއައި ބަދަލުތަކާއި އެކު އީދުގެ ފުރަތަަމަ ދުވަހުގައި ފެންކުޅި ކުޅުން މިވަނީ އާދައަކަށް ހަދައިފައެވެ. މިއީ ސަގާފީކަމެއް ދިރުވާ އާލާކުރަން ކުރާ ކަމެއްގެ ގޮތުގައި ފެނުނަސް، މަދު ފަރާތްތަކުން އެކަން ކުރަމުންދަނީ ސަގާފަތާއި ދިމާ އިިދިކޮޅަށްކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން ފެންކުޅީގައި ބައިވެރިނުވެ، މަގުމަތިން ހިނގާފައިދާ މީހުންގެ ގަޔަށް ހުއްދަނެތި ކުލަޖެހުމާއި، އަންހެން ކުދިންނަށް ފޮށުމަށް ބޭނުންކުރާ އުކުޅެއްގެ ގޮތުގައި ފެންކުޅި ހިމެނުމަކީ ހިތާމަކުރަންޖެހޭ ކަމެކެވެ. މީގެ ސަބަބުން ބައެއް ފަހަރަށް މީހުންގެ ހެދުމާއި ފޯނުފަދަ ތަކެތި ހަލާކުވެދާގޮތްވެސް ވަނީ މެދުވެރިވެފައެވެ.

ސަގާފީކަމެއް ފާހަގަކުރުމަކީ މައްސަލައެއް ނޫނެވެ. އެއީ ހަމަ ކުރަން އޮންނަ ގޮތަށް ކުރަންެޖެހޭ ކަމެކެވެ. މައްސަލައަކީ ބައެއް ފަހަރަށް އެކަންވެސް ހައްދުން ނެއްޓޭ ހިސާބަށް ދިއުމެވެ. ފެންކުޅީގެ އުފާ ވިހަ ސަމާސާއަކަށް ނަަހަދަމާތޯއެވެ؟

Advertisement

ކޮމެންޓް