ދޮންބަންޑާރައިން: "މަނިކުފާނާއި ރަސްކަމާއި ހަވާލު, ދަރިން މާތް ރަސްކަލާނގެއާއި ހަވާލު"

Share on facebook
Share on twitter
Share on telegram
Share on whatsapp

”މަނިކުފާނާއި ރަސްކަމާއި ހަވާލެވެ. އަޅުގަނޑުގެ ކުދީންނާއި މާތް ރަސްކަލާނގެއާއި ހަވާލެވެ.“ މި ބަސްފުޅުން ވެސް އެ މަނިކުފާނުގެ ހިއްޕުޅުތިރިކަމާއި, އަމިއްލައެދުންފުޅެއް ނެތްކަމާއި, އީމާންތެެރިކަން ހުރި މިންވަރު ހާމަވެއެވެ. މި ބަސްފުޅުން ހާމަވަނީ ހުރިހާކަމެއްގައި ވެސް މާތް ރައްބަށް ވަކީލު ކުރުމަށެވެ.

އެ މަނިކުފާނަކީ މާލެ އަތޮޅު ހުރާ ދޮންމަރުދުރު ފަޑިއްތަކުރުފާނުގެ ފުތް, ޙުސައިން ދަހަރަދަ ކަލޭގެފާނުގެ ފުތް, އަލްވަޒީރު މުޙައްމަދު ފާމުލަދޭރި މަނިކުފާނުގެ ދަރިކަލުންނެވެ. ނުވަތަ މުލީ ޚަތީބު މުޙައްމަދާއި ބޮޑުގޭ ސަންޕާފާނުގެ ދަރިކަނބަލުން ކުޑަ އައިމިނާ މަނިކުފާނުގެ ދަރިކަލުންނެވެ.

އާދެ, މުލީގޭ ދޮން ޙަސަން މަނިކުފާނެވެ. ޙަސަން ރަންނަބަނޑޭރި މަނިކުފާނެވެ. އެހެންޏާ ޣާޒީ ޙަސަން ރަންނަބަނޑޭރި މަނިކުފާނެވެ. އަޅުގަނޑުމެންގެ އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން ސިރީ ކުލަރަންމީބަ އައުދާނަ ކައްތިރި ބޮވަނަ މަހާރަދުންނެވެ. އަޅުގަނޑުމެން އެ ބަޠަލަކަށްޓަކައި ފަޚުރުވެރިވާންޖެހޭ, އެ ބަޠަލެއްގެ ރިވެތި ނަމޫނާއިން ޢިބްރަތް ލިބިގަންނަންޖެހޭ ދޮންބަންޑާރައިންނެވެ.

މިއަދަކީ ދޮންބަންޑާރައިން މި ޤައުމަށްޓަކައި ކުރެއްވި މަތިވެރި ޖިހާދުގެ ހަނދާން އައުކުރެވޭ ދުވަހެވެ. މިއަދަކީ ރާއްޖޭގައި ފާހަަގަކުރާ 44 ވަނަ ހުރަވީ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ މަލާބާރީން ނުވަތަ ހޮޅީންގެ އަޅުވެތިކަމުން ރާއްޖެ މިނިވަންވި ދުވަހުގެ ގޮތުގައެވެ. މި ދުވަސް ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރީ 1400 ވަނަ އަހަރުގެ ޖުމާދަލްއާޚިރުމަހުގެ 03 ގައެވެ.

ހޮޅިން ރާއްޖެ ހިފައި, ކޮރު ބަންޑާރައިން ގެންދިއުން:

އައްސުލްޠާނުލް މުކައްރަމް މުޙައްމަދު ޢިމާދުއްދީން (03 ވަނަ) ސިރީ ނަވަރަންނަ ކީރިތި އައުދާނަ ކައްތިރި ބަވަނަ މަހާރަދުން ނުވަތަ ކޮރުބަންޑާރައިންނަކީ އައްސުލްޠާނު އިބްރާހިމް އިސްކަންދަރު ދެވަނަ (1133-1163ހ) ގެ ކޮއްކޯފުޅެވެ. 1163ހ ވަނަ އަހަރު އިބްރާހިމް ރަސްގެފާނު އަވަހާރަވުމުން ރަސްކަމަށް އިސްވެވަޑައިގަތީ މި ކޮރުބަންޑާރައިންނެވެ.

މި ރަދުން ރަސްކަން ކުރައްވަމުން ދަނިކޮށް ދިވެހިންގެ ބަޔަކު ރަސްކަމަށް ދަހިވެތިވިއެވެ. އެއީ ތާރީޚީ ޢިލްމުވެރިޔާ ޙަސަން ތާޖުއްދީން ބުނި އަލްފަޤީހުލްޤަމަވީ އަލްހައްދުންމަތީ އައްޝާފިޢީ އަލްއަޝްޢަރީގެ ދެ ދަރިކަލުން އަލްގާޟީ މުޙައްމަދު ޝަމްސުއްދީނާއި އަލްޚަޠީބު އަޙްމަދު މުޙްޔިއްދީންއެވެ.

އެ ގޮތުން ކަންނަންނޫރުގެ ޢަލީރާޖާއަށް ތަކުރާރުކޮށް ސިޓީ ފޮނުއްވަވައި ރާއްޖެ ހިފާނެ ގޮތް ވިދާޅުވެދެއްވިއެވެ. މި ދެބޭން ކެނޑިނޭޅި ކުރެއްވި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ހޮޅީން ނުވަތަ މަލާބާރީން ރާއްޖެ ހިފީ 1166 ވަނަ އަހަރުގެ ޞަފަރުމަހުގެ 12 ވީ އަންގާރަ ދުވަހުގެރޭގައެވެ.

ހޮޅީން ރާއްޖެ ހިފައި ނާބަތުޚާނާގައި ރޯކޮށްލުމުން އެތެރެކޮއިލުގެ ހުރިހައި ދޮރޯށިތަކާއި, އެތެރެކޮއިލާއި މާލޭގެ ގިނަ ޢަދަދެއްގެ ގެތައް އެނދިއެވެ. ދިވެހި ތާރީޚު ބުނާ ގޮތުން އެނދީ މާލޭގެ 63 ގެއާއި, 03 މިސްކިތާއި, 03 ގަނޑުވަރެވެ.

އެ ހިސާބުން ކޮރު ބަންޑާރައިން އަމާންދެއްވައި ޞުލްޙަވެރިވުމަށް އެދިވަޑައިގަތެވެ. ހޮޅީން އެދުނީ ރަދުން ހޮޅީންގެ ގާތަށް ވަޑައިގަތުމަށެވެ. އެ ގޮތުން ކޮރު ބަންޑާރައިން ވަޑައިގެންނެވުމުން ރަހީނުކޮށްގެން ކަންނަންނޫރަށް ގެންދިޔައީއެވެ. ރަދުންނާއެކު އައްސުލްޠާނު އިބްރާހިމް އިސްކަންދަރު( 02 ވަނަ) ގެ ދަރިކަލުން މުޙައްމަދު މަނިކުފާނު (ފަހުން އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީން ސިރީ ކުލަރަންމަނި މަހާރަދުން) ވެސް ގެންދިޔައެވެ. އޭގެ އިތުރުން އަޅުގަނޑުމެންގެ މިއަދުގެ ބަޠަލު ދޮންބަންޑާރައިންގެ ބައްޕާފުޅާއި, ދޮންބަންޑާރައިންގެ އެއްބަނޑުއެއްބަފާ ޙުސައިން ބޮޑު ދޮށިމޭނާ ކިލެގެފާނު ވެސް ގެންދިޔައެވެ.

ހަމަ އެހެންމެ "ތިމާމެންގެ އަމިއްލަ ޤައުމާއި ރައްޔިތުންނާމެދު އެއްވެސް ރަޙުމެއްނެތި ޚިޔާނާތްތެރިވި ބަޔަކު އަހަރެމެންނަކަށް ވެސް އަމާނާތްތެރިއެއް ނުވާނެ" ކަމަށް ބުނެ, އަލްގާޟީ މުޙައްމަދު ޝަމްސުއްދީނާއި އަލްޚަޠީބު އަޙްމަދު މުޙްޔިއްދީން ކަނޑުފެއްތިއެވެ. އޭގެ އިތުރުން އަންހެނުންގެ ޢިއްފަތްތެރިކަން ފޭރިގަނެ, ދިވެހިންނަށް އަނިޔާވެރިވަމުން ދިޔައެވެ.

ދޮންބަންޑާރައިން ރާއްޖެ މިނިވަން ކުރެއްވުން:

ހޮޅީންގެ އަނިޔާވެރި މަންޒަރުތައް ބައްލަވަން ދޮންބަންޑާރައިންނަށް ކެތްކުރެއްވޭ ގޮތެއް ނުވިއެވެ. އެ މަނިކުފާނުގެ ޒުވާން ލޭފޮދު ހޫނުވިއެވެ. ޤައުމީ ޖޯޝް ހިލިގަތެވެ. އެ ގޮތުން މި ޤައުމާއި އިސްލާމްދީން ހިމާޔަތްކުރެއްވުމުގެ އިޚްލާސްތެރި ނިޔަތާއެކު, ކުޑަ ލަޝްކަރަކާއެކު ނިކުމެވަޑައިގެންނެވިއެވެ.

”ދިވެހި ތާރީޚަށް އައު އަލިކަމެއް“ މި ފޮތުގެ 358, 359 ސަފުހާގައި ”ދޮންބަންޑާރައިން ރާއްޖެ ސަލާމަތްކުރެއްވިރޭ ވިދާޅުވި ނަދުރުފުޅު“ މި މަޢުޟޫޢުގެ ދަށުން ލިޔުއްވައިފައިވެއެވެ.

”ދެން މި އަހަރުމެ (1166ހ) ޖުމާދުލްއާޚިރުމަހު ތިނެއްވީ އާދީއްތަވިލޭރޭ މުނާޖާ ވަގުތުގައި ހުރާ ފާމުލަދޭރި އަޅާގެ ފުތް ޙަސަން އަޅާއި މުޙައްމަދު ގަދަހަމައިދި އަޅާގެ ފުތް ޙުސެއިން ގަދަހަމައިދި އަޅާއި އޮޅިގެނާ އަޅާގެ ފުތް ޙަސަން އޮޅިގެނާ އަޅާއި މުޙައްމަދު މޭނާ އަޅާގެ ފުތް ޢުމަރު މޭނާ އަޅާއި ހަތަރު އަޅުން ސަރުދާރުވެ މި ޢުމަރު މޭނާ އަޅާގެ އެއްބަޑު ފަޑިއަތް އަޅާ މިކަމުގެ ނަސޭހަތްތެރިކަމުގެ ބަސްއަހައި މި ކަންތައް ހަދާނޭ ވަގުތަކާއި އެންމެ ކަންތަކުގެ ނަސޭހަތް މި ފަޑިއަތް އަޅާކުރެން އަހައި މި ހަތަރުކަލުން ސަރުދާރުވެ ތިބެ ހަގުބޭކަލުންގެ މީސްކޮޅަކާއި މެދުކެބީންނާއި ޚަލާޞީ ކަލޯގެ މީހުނާއިއެކު ފަސްދޮޅަސް މީހުން ގޮވައިގެން މި ހަތަރު ސަރުދާރު ބޭކަލުން ހޮޅިންނާ ތޮޅޭން ނުކުންނާން އުޅެމުން ސިލޭހައެއްނުލައި ހުސްއަތާ މި އެންމެ އަޅުތަކުން ދާންއުޅޭކަމުގައި ބިރުގައި ޢުމަރު މޭނާ އަޅާއި ޙަސަން އޮޅިގެނާއި އަޅާއި އަނެއް ދެބޭކަލުންގެ ބަހާއެކު ނުކުމެ ޝައިޚު ޔޫސުފުއް ތަބުރޭޒުގެފާނު ޒިޔާރަތްދޮށު ތިބެ ބުނި ނަދުރީ ތިމަންގެ ހަތަރުކަލުން ސަލާމަތުންތިބެ މި ހިތައިދާ މުރާދަ ޙާޞިލުކުރައްވައި މި ދިވެހިރާއްޖެ ދިވެހިންނަށް މިލްކު ކުރައްވައި ދެއްވައިފިއްޔާއި ކައުނަބީކަލޭގެފާނުންގެ ޒިޔާރަތްފުޅަށް މި ފުރަމާލެ ލައިފީމާވެ. އަންދުވަހު އާދައިގާ ނަގާ ވާރު މެނުވީ އިތުރުން މި ރާއްޖޭ ރައްޔިތުން ފުނަވާރެއް ނާޅާނެމާވެ. ހޮޅީން ބަތްޕެން ކެއްކި ކުޑާރަން މި ތަބުރޭޒުގެފާނުންގެ ޒިޔާރަތަށް ލައިފާނެމާވެ. މި ދިވެހިރާއްޖޭގެ ރަސްކަންކުރައްވާން ތަޚުތުގައި އިންނެވި ސާހިބަކާއި މި ނަދުރު ފުއްދަން މަތިކޮށްފާނެމާވެ.“

މި ނަދުރުފުޅަށްފަހު ދޮންބަންޑާރައިންގެ ކުޑަކުޑަ ލަޝްކަރު ނިކުމެވަޑައިގެން މުނާޖާ ގޮވާމީހާ ލަައްވައި މެންދަމުން އަލިވެ ތިނެއް ޖެހިއިރު މުނާޖާ ގޮއްވައި ހޮޅީންގެ ގާތުގައިއުޅޭ މީހަކު ލައްވައި ވެޔޮދޮށު ގަނޑުވަރުގެ ދޮރޯށި ހުޅުއްވިއެވެ. ހަމައެހެންމެ ހޮޅީންގެ ވެރިއަކަށް ހުރި މަލިކު މުޙައްމަދު ބާންޑޯރު މަނިކު ގަޔަށް ލޮންސިއެއް ޖައްސަވައި ދޮންބަންޑާރައިން މި ޤައުމު އަޅުވެތިކަމުން ސަލާމަތްކޮށްދެއްވިއެވެ.

އެ ގޮތުން ދިވެހީންގެ ބޮޑުންނާއި ރައްޔިތުން ދޮންބަންޑާރައިންގެ އަރިހުގައި ދިވެހި ރަސްކަން ޤަބޫލުފުޅު ކުރެއްވުން އެދޭ ވާހަކަ ދެންނެވިއެވެ. އަދި ވެދުމަކަށް 20,000 ލާރި އަރުވަން ނިންމިއެވެ. އެ ހިނދު ދޮންބަންޑާރައިން ވިދާޅުވި ބަސްފުޅު, އަޅުގަނޑުމެންގެ ތާރީޚީ ޢިލްމުވެރިޔާ އަލްމަރްޙޫމް ޙަސަން އަޙްމަދު މަނިކު ފަތްތޫރައިގެ 40 ވަނަ ޢަދަދުގައި ލިޔުއްވާފައިވަނީ އަންނަނިވި ފަދައިންނެވެ.

”އަހަރެމެންގެ ރަސްގެފާނު (ކޮރުބަންޑާރައިން) ގެ ޚަބަރު ޤާއިމުވަންދެން އެ ރަދުންނަށް ތާނިޔާކިޔައި ސިއްކަ ހިންގާށެވެ.“

20,000 ލާާރިއާމެދު ވިދާޅުވީ އެ ލާރި ހަމަޔަށް ހަވަރަށް ބެހުމަށެވެ. ހަމައެހެންމެ ރަސްކަން ވެސް ޤަބޫލުފުޅެއް ނުކުރެއްވިއެވެ. ހަމައެއާއެކު ވަގުތީ ގޮތުން އައްސުލްޠާނު އިބްރާހިމް އިސްކަންދަރު ( 02 ވަނަ) ގެ ދަރިކަނބަލުން އާމިނާ ކަނބާފާނު ރަސްކަމަށް އިސްކުރެއްވިއެވެ. އެއީ 1753މ-1754މ އަށެވެ. އާމިނާ ކަނބާފާނު ރަސްކަން ދޫކޮށްލައްވައި ފިރިކަލުން ޢަލީ ޝާހުބަންދަރާއިއެކު އައްޑުއަތޮޅު ހިތަދުއަށް ވަޑައިގަތުމުން ރަސްކަމަށް އިސްކުރެއްވީ ކޮރުބަންޑާރައިންގެ އާމިނާ ރަނިކިލެގެފާނެވެ.

ދުވަސްކޮޅެއްފަހުން ދޮންބަންޑާރައިންނަށް އަސްކަރުންގެ ވެރިކަން ލިބިވަޑައިގަތްތަނެވެ. ރަންނަބަނޑޭރިކަމަށް ކޮލިލެވުނެވެ. މިކަން ހިނގި އަހަރު ހޮޅީންގެ ދެ އޮޑިއާއި ތިން ނައު ރާއްޖެ އައެވެ. ހޮޅީން ފޭބީ ދޮނަކުޅިއަށެވެ.

އެ ގޮތުން ހޮޅީންނާއި ހަނގުރާމަ ކުރައްވައި, އެ ބައިމީހުންގެ ކޯއްޓޭތައް ސުންނާފަތި ކުރައްވައި, ދޮންބަންޑާރައިންގެ ލަޝްކަރު, ހޮޅީންގެ ލަޝްކަރު ބަލިކުރެއްވިއެވެ. އެއަށްފަހު ދޮންބަންޑާރައިންނަށް ”ޣާޒީ“ ގެ ލަގަބު ލިބިވަޑައިގަތްތަނެވެ. އަލް ޣާޒީ ޙަސަން ރަންނަބަނޑޭރި ކިލެގެފާނޭ ކިޔާ ނަންދެއްވިއެވެ.

ދޮންބަންޑާރައިން ރަސްކަމަށް އިސްވެވަޑައިގަތުން:

ދޮންބަންޑާރައިން ރަސްކަމަށް އިސްވެވަޑައިގަތީ ދިޔަމިގިލީ ދަރިކޮޅުގެ ނަމުގައި 06 އަހަރާއި, 10 މަހާއި, 12 ދުވަހު ރަސްކަން ހިންގަވައިދެއްވުމަށް ފަހުގައެވެ. އެ މަނިކުފާނު ރަސްކަމަށް އިސްވެވަޑައިގަތީ 1759މ އިން 1767މ އަށްކަމަށް ތާރީޚީ ފޮތްތަކުގައި ބަޔާންވެފައިވެއެވެ.

މިވެސް ކިޔާލާ:

ދޮންބަންޑާރައިންގެ ޚިދުމަތްތަކުގެތެރެއިން:

ޢަދުލު އިންސާފު ހިންގެވުމުގެ ފަތްތޫރަތައް މުޅި ރާއްޖެއަށް ނެރުއްވި.

މިސްކިތްތައް ބެލެހެއްޓޭނެ އިންތިޒާމުތައް ހަމަޖައްސަވައި, މިސްކިތްތަކުގެ ފަތްކޮޅުތައް އައުކުރެއްވި.

ހިޖުރައިން 1173 ގައި ބޮޑުލާރިއާއި, ކުޑަލާރި ޖެއްސެވި.

މުޙައްމަދު މަނިކުފާނު ހޮޅީންގެ އަތްދަށުން ސަލާމަތްވެވަޑައިގަތުން:

ހިޖުރައިން 1176 ގައި އިބްރާހިމް ރަސްގެފާނުގެ ދަރިކަލުން މުޙައްމަދު މަނިކުފާނު ހޮޅީންގެ އަތްދަށުން ސަލާމަތްވެވަޑައިގެން މާލެ ވަޑައިގެންނެވިއެވެ. މާލެ ވަޑައިގަތުމުން ދޮންބަންޑާރައިން ލަޝްކަރާއެކު އަތިރިމައްޗަށް ވަޑައިގަތެވެ. ރަސްރަސްކަލުން ފައިބާވަޑައިގަންނަވާ ޢިއްޒަތުގައި މުޙައްމަދު މަނިކުފާނު ބާލުއްވައި, ހަތްކޮޅު ނަންގަވައި, ހަރުބީގައި ގެންދަވާ ކޮއިލުތެރޭގައި ބެހެއްޓެވިއެވެ.

"މަނިކުފާނާއި ރަސްކަމާއި ހަވާލެވެ. އަޅުގަނޑުގެ ކުދީންނާއި މާތް ރަސްކަލާނގެއާއި ހަވާލެވެ.“ މި ފަދައިން ވިދާޅުވެފައި މުޙައްމަދު މަނިކުފާނާއި ރަސްކަން ހަވާލުކުރެއްވިއެވެ. އެ މުޙައްމަދު މަނިކުފާނަކީ އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީން ސިރީ ކުލަ ރަންމަނި މަހާރަދުންނެވެ.

ހުރަވީ ޚާންދާނުގެ ފުރަތަމަ ރަދުން ދޮންބަންޑާރައިން އަވަހާރަވީ ހިޖުރައިން 1180 ވަނަ އަހަރުގެ ރަމަޟާންމަހުގެ 02 ގައެވެ. މާތް ރައްބު އެ މަނިކުފާނަށް ރަޙްމަތްލައްވައި, މި ޤައުމަށް އަމާންކަން ދެއްވާށިއެވެ.

 

މަޢުލޫމާތު ނެގި ފޮތްތަކުގެތެރޭގައި:

1.ދިވެހި ތާރީޚަށް އައު އަލިކަމެއް.
2.ފަތްތޫރައިގެ ބައެއް ޢަދަދުތަކުން.

100%0%0%

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published.