Advertisement

ޕާޓީގެ އިސްމީހުންގެ ނުފޫޒު އިބޫގެ މައްޗަށް ހިނގާނެ: ރައީސް

17 Sep 2018 | 00:29

އެމްޑީޕީގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނުފޫޒާއި އެމްޑީޕީ އާއި ކޯލިޝަން ހަދާފައިވާ ޕާޓީތަކުގެ ނުފޫޒު އިދިކޮޅު އިއްތިހާދުގެ ކެނޑިޑޭޓް އިބްރާހިމް މުހަންމަދު ސޯލިހު (އިބޫ)ގެ މައްޗަށް އޮންނާނެ ކަމަށާއި، އިބޫ ވާނީ "ޕަވާ ޝެއަރިން" ރައީސަކަށް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދު ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ގައުމީ ޔުނިވަސިޓީ އިން އިންތިޒާމް ކުރި ރިޔާސީ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އިބޫ އާއި އެކު ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅުންނާއި، ސަރުކާރުން ބައި އަޅަން ބޭނުންވާ ބޭފުޅުން އެބަތިއްބެވި ކަމަށާއި، އެހެންކަމުން އިބޫ އަކީ "ސިންގަލް ޕްރެޒިޑެންޓް" އަކަށް ނުވާނެކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ބާރުތައް އެހެން ފަރާތްތަކާއި ހިއްސާ ކުރަން ޖެހުމުން ގޮތް ނިންމަން އުނދަގޫވެ، ގޮތް ނިންމަން އެތައް ވަގުތުވެސް ނަގާނެކަމަށެވެ. އަދި ޕާޓީގެ ބޮސް ބުނާ ގޮތާއި ހިލާފުވެއްޖެނަމަ، އިބޫ އަށް މަގާމުގައިވެސް ނުހުރެވޭނެކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ހަމައެކި "ސިންގަލް ޕްރެޒިޑެންޓެންޓް" ގެ ގޮތުގައި އަންނަ ބޭފުޅަކީ އެމަނިކުފާނުކަން ފާހަގަ ކުރައްވާ ރައީސް ޔާމީން ވިދާޅުވީ، މި ސަބަބާހުރެ އެމަނިކުފާނަށް އަދި އިތުރު ދައުރެއް ދޭންޖެހޭ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ދަތިވެފައިވާ ކަންކަން ފާހަގަކޮށް، އެކަންކަމަށް ހޯދޭނެ އެންމެ ރަނގަޅު ހައްލުތައް ރައްޔިތުންނަށް ހޯއްދަވައި ދެއްވަމުން އަންނަ ކަމަށެވެ.

މީގެ ކުރިން އެމަނިކުފާނުގެ މައްޗަށް ޕާޓީގެ ތެރެއިން އެކިކަހަލަ ނުފޫޒު އައިކަމަށާއި، އެހެންކަމުން ކަންކަން ނިންމުމަށް ދަތިތަކެއް ކުރިމަތިވިކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"މި ނުފޫޒު އަޅުގަނޑުގެ މައްޗަށް އޮތްއިރު އަޅުގަނޑަށް އުނދަގޫވި މަރުގެ ހުކުމް ތަންފީޒުކުރަން ނިންމަންވެސް. އެއީ އަޅުގަނޑުގެ ޕާޓީގެ ބޮސް އޭރު ގަބޫލެއް ނުކުރައްވާ މަރުގެ ހުކުމް ތަންފީޒު ކުރަންވާނެކަމަށް. އެހެންނަމަވެސް އެމަނިކުފާނުގެ ހިޔާލާ ވިސްނުމާ ދެކޮޅަށް މުޅިރައްޔިތުންގެ ހައްގުގަ އަޅުގަނޑު ނިންމީ މަރުގެ ހުކުން ތަންފީޒުކުރަން" ރައީސް ޔާމީން ވިދާޅުވި އެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ދިވެހި ޤައުމިއްޔަތުގެ ބަހާއަކަށް ނޭދެވޭ އަސަރުކުރާނެ ފަދަ ކަމެއް ކުރުމަށް ބޭރުގެ އެއްވެސް ފަރާތަކަށް ފުރުސަތު ނުދެއްވާނެ ކަމަށާއި، އެއްވެސް ފަރާތަކުން މިފަދަ ކަމަކަށް ސަރުކާރުގެ ކިބައިން އެދުމުގެ ފުރުސަތުވެސް ނުދެއްވާނެ ކަމަށެވެ. އަދި އަދި ދިވެހިރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ޖާގަ ނުދެއްވާނެ ކަމަށާއި، ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމާ ބެހުމުގެ ފުރުސަތު ބޭރުގެ އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

Advertisement

ކޮމެންޓް