އައްޑޫގެ ބައެއް ގެތަކުގެ ފުރާޅަށް ގެއްލުން ލިބިއްޖެ

14 Aug 2019 | 13:02

ރާއްޖެއަށް މިހާރު ކުރަމުންް އަންނަ ވިއްސާރައާ ގުޅިގެން އައްޑޫ ސިޓީގެ 54 ގެއަކަށް ގެއްލުންތަކެއް ލިބިއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި ޓްވީޓެއްގައި ބުނީ، އެސިޓީއަށް ކުރަމުން އަންނަ ވިއްސާރައިގައި އެކި އަވަށްތަކުން 54 ގެއެއްގެ ފުރާޅަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އަދި ބައެއް ގެތަކުގެ ފުރާޅު އެއްކޮށް ހަލާކުވެފައިވާ ކަަމަށްވެސް އެރަށު ކައުންސިލުން ވަނީ މައުލޫމާތު ދީފައެވެ.

އައްޑޫ ކައުންސިލުން ބުނީ ވިއްސާރައާ ގުޅިގެން ފުރާޅަށް ގެއްލުން ލިބުނު ގެތަކުގެ ތެރެއިން 11 ގެއެއްގެ ފުރާޅު މަރާމާތު ކޮށްދިނުމުގެ މަސައްކަތް ނިމިފައިވާ ކަމަށާ، ބާކީ ގެތަކުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ.

ވިއްސާރައާ ގުޅިގެން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެމްއެންޑީއެފްގެ އޮފިޝަލުންނާއި، ފުލުހުންވެސް އަންނަނީ ގުޅިގެން މަސައްކަތްތަކެއް ކުރަމުންނެވެ. އައްޑޫއަަށް ކުރަމުން އަންނަ ވިއްސާރައިގައި ގެތަކުގެ ފުރާޅަށް ގެއްލުން ވުމުގެ އިތުރުން ބޮޑެތި 35 ގަސްވެސް ވަނީ ވެއްޓިފައެވެ. އެގަސްތައް މިހާރު ވަނީ ނަގާފައެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިއަދު ބުނީ، އައްޑޫ ހިސާބަށް މިއަދު މޫސުން ރަނގަޅުވާނެ ކަމަށެވެ. އެހެންނަމަވެސް އުތުރާއި މެދުތެރެއަށް ވިއްސާރަ ކުރާނެ ކަމަަށް ވަނީ ލަފާ ކޮށްފައެެވެ. 

ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް 

Advertisement

ކޮމެންޓް