ގައުމީ ވޮލީ ޓީމަށް ލޯންގޭ އަލްވަދާއު ކިޔައިފި

14 Aug 2019 | 12:59

ދިވެހިރާއްޖޭގެ ގައުމީ ވޮލީ ޓީމްގެ ކެޕްޓަން އަހުމަދު އަބްދުލްކަރީމް (ލޯންގޭ)، ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.

ލޯންގޭ މިކަން އިއުލާންކޮށްފައިވަނީ އޭނާގެ އުފަންދުވަހާއި ދިމާކޮށް، ރޭ އޮތް ރާއްޖެއާއި ލަންކާގެ ރަހުމަތްތެރިކަމުގެ ވޮލީ މެޗަށްފަހުގައިއެވެ.

ވޮލީގެ ދުނިޔެއަށް ލޯންގޭ ވިދާލީ 2001ވަނަ އަހަރުގެ ތެރޭގައި އެމްއީއެސްގެ ވޮލީ ޓީމުންނެވެ. އޭނާ އެންމެ ފުރަތަމަ ގައުމީ ޓީމަށް ކުޅުނީ 2004ވަނަ އަހަރުގެ ސާފް ގޭމްސްގައެވެ. އެ ޓީމާއި އެކު އޭނާ ވަނީ މިހާތަނަށް ދެ ރިހި މެޑަލާއި ދެ ބްރޯންޒް މެޑަލް ހޯދައިފައެވެ.

ކްލަބް ލެވެލްގައި ލޯންގޭ ކުޅެމުންދަނީ އޭނާ ވަޒީފާ އަދާކުރާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ދިވެހި ސިފައިންގެ ކްލަބްގައެވެ. އޭނާ ވަނީ ކުޅިވަރުގެ ދާއިރާއިން މިދިޔަ އަހަރުގައި ގައުމީ އިނާމު ހާސިލްކޮށްފައެވެ. 

ރޭ ވަނީ ލޯންގޭއަށް ވޮލީ އެސޯސިއޭޝަންގެ ފަރާތުން ޚާއްސަ ފިލައެއް ދީފައެވެ. އެފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

ލޯންގޭގެ އެންމެ ފަހު މުބާރާތަކީ ސެންޓްރަލް ޒޯން މުބާރާތެވެ.

Advertisement

ކޮމެންޓް

Advertisement