ކުށުގެ ޒިންމާ އުފުލަން ޖެހޭ އުމުރަކީ 15އަހަރަށް ހަދަނީ

18 Aug 2019 | 20:51

ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރަކީ، ޢުމުރުން 15 އަހަރު ކަމުގައި ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ވައްދައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނިގޮތުގައި ކުޑަކުދިންގެ ޢަދުލުގެ ބިލެއް ސަރުކާރުން ހުށައެޅީ، ކުޑަކުދިންނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ޚާއްޞަ އެހީތެރިކަމަކާއި ރައްކާތެރިކަން ލިބުން ޙައްޤު ބަޔަކަށްވާއިރު، ކުޑަކުދިންގެ މައްޗަށް ޤާނޫނު ހިންގައި ތަންފީޛުކުރުމުގައި ގެންގުޅެންޖެހޭނެ ޚާއްޞަ އުސޫލުތަކާއި ފިޔަވަޅުތައް ކަނޑައަޅައި ބަޔާންކޮށް، މި ކަންކަމުގެ މައްޗަށް އެކުލެވިގެންވާ ޚާއްޞަ ކުޑަކުދިންގެ ޢަދުލުގެ ނިޒާމެއް ޤާއިމުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމުގައި ސަރުކާރަށް ފެންނާތީއެވެ.

މި ބިލު ޤާނޫނަކަށް ވުމުން، ބޮޑެތި މީހުންގެ މައްޗަށް ހިންގާ ޢާންމު ޖިނާއީ ޢަދުލުގެ ނިޒާމާ މުޅިން ވަކިކުރެވިފައިވާ ކުޑަކުދިންގެ ޢަދުލުގެ ނިޒާމެއް ޤާއިމުކުރެވިގެންދާނެއެވެ. އަދި، ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ މައްސަލަތައް ބަލަން ޚާއްޞަ ތަމްރީނު ލިބިފައިވާ ފަނޑިޔާރުން ތިބޭ ޖުވެނައިލް ކޯޓެއް ކަނަޑައެޅި މާލޭގައި މިހާރު ޤާއިމުކޮށްފައިވާ ޖުވެނައިލް ކޯޓުގެ އިތުރުން، އެ ކޯޓުގެ ސަރަޙައްދީ ޑިވިޜަންތައް ޤާއިމުކުރެވިގެން ދާނެއެވެ.

މި ބިލު ފާސްވެ ޤާނޫނަކަށް ވެއްޖެނަމަ ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރަކީ، ޢުމުރުން 15 އަހަރު ކަމުގައި ކަނޑައެޅޭނެއެވެ. ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރު ބިލުގައި ކަނޑައަޅާފައިވަނީ، އިސްލާމީ ޤައުމުތަކުގައި ކަނޑައަޅާފައިވާ ޢުމުރަށް ރިޢާޔަތްކޮށްފައެވެ.

މި ބިލުގެ ދަށުން، ދާޚިލީ ކަންކަމާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ޙަވާލުކުރެވިފައިވާ މިނިސްޓްރީގެ ދަށުން ހިނގަމުންދާނެ ސަރުކާރުގެ އިދާރާއެއް، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ނަމުގައި އުފައްދައި، އެ ޑިޕާޓްމަންޓުގެ މަސްއޫލިއްޔަތުތައް ކަނޑައެޅިގެން ދާނެއެވެ. މީގެ އިތުރުން، މި ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ކުޑަކުދިން ބަންދުކުރާ މަރުކަޒުތައް ސަރުކާރުން ހެދުމަށް މި ބިލުގައި ލާޒިމްކުރެއެވެ.

Advertisement

ކޮމެންޓް