ބާސެލޯނާ ދޫކޮށް ކޫޓީނިއޯ ބަޔާންއައި ގުޅިއްޖެ

19 Aug 2019 | 14:12

ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ މިޑްފީލްޑަރ ކޫޓީނިއޯ ބަޔާން މިއުނިކްއާ ގުޅިއްޖެއެވެ.

ބްރެޒިލްއަށް ނިސްބަތްވާ 27 އަހަރުގެ ކޫޓީނިއޯގެ ޓްރާންސްފާއައި ބެހޭގޮތުން ބާސެލޯނާ ހާމަކުރިގޮތުގައި، ލޯނު އެއްބަސްވުމެއްގެ ދަށުން އޭނާ ބަޔާންއަށް ދޫކޮށްލާފައިވަނީ 8.5 މިލިއަން ޔޫރޫއަށެވެ. އޭގެ އިތުރުން 120 މިލިއަން ޔޫރޯއަށް ކޫޓީނިއޯ ގަތުމުގެ އިހްތިޔާރުވެސް ބަޔާންއަށް މި އެއްބަސްވުމުގެ ދަށުން ލިބިފައިވާކަމަށްވެސް ބާސެލޯނާއިން ހާމަކޮށްފައިވެއެވެ.

ބަޔާންގައި ކޫޓީނިއޯ ހޭދަކުރާ އެއް އަހަރު ދުވަހުގެ މުސާރަ ދިނުމަށްވެސް ހަމަޖެހިފައިވަނީ ބަޔާންއެވެ.

މި ޓްރާންސްފާއައި ގުޅޭގޮތުން ކޫޓީނިއޯ ބުނީ އައު ޗެލެންޖްތަކަކަށް ކުރިމަތިލާން ތައްޔާރު ކަމަށައި ބަޔާން އަކީ ޔޫރަޕުގެ އެންމެ މޮޅު އެއް ކްލަބް ކަމަށެވެ. ބަޔާންގެ ޖަރޒީގައި ކުޅުމަށް ކެތް މަދުވެފައި ހުރި ކަމަށައި އޭނާހެން ބަޔާންއަކީވެސް ބޮޑެތި ލަނޑުދަނޑިތަކެއް ހާސިލްކުރަން ބޭނުންވާ ކްލަބެއްކަމަށްވެސް އޭނާ ބުންޏެވެ.

ކޫޓީނިއޯ ބާސެލޯނާއައި ގުޅުނީ 142 މިލިއަން ޕައުންޑުގެ ޓްރާންސްފާ ފީއަކަށް ލިވަޕޫލުންނެވެ. އޭނާ ބާސެލޯނާއަށް ކުޅެދިން 76 މެޗުގައި 21 ގޯލު ކާމިޔާބު ކޮށްދީފައިވާއިރު އޭނާގެ އެންމެ މޮޅު ކުޅުން ބާސެލޯނާގައި ދެއްކިފައި ނުވާކަމަށް ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ޔޫރަޕުގެ މީޑިއާތަށް ރިޕޯޓްކުރާ ގޮތުގައި ބާސެލޯނާއިން ކޫޓީނިއޯ ދޫކޮށްލާފައިވަނީ އެ ކްލަބުގެ ކުރީގެ ތަރި ނޭމާ އަލުން އެ ކްލަބަށް ގެނައުމުގެ ޕްލޭނުގެ ދަށުން ކަމަށެވެ. 

Advertisement

ކޮމެންޓް

Advertisement