ސަރުކާރަށް ދެ ސްޓޭޓް މިނިސްޓަރުން އައްޔަންކޮށްފި

19 Aug 2019 | 16:46

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދެ މިނިސްޓްރީއެއްގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް ދެ ބޭފުޅަކު ޢައްޔަން ކުރައްވައި އެ ބޭފުޅުންގެ މަޤާމުގެ ފަތްކޮޅު މިއަދު އަރުވައިފިއެވެ. މި ދެ ބޭފުޅުންގެ މަޤާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާ ސްޓޭޓް މިނިސްޓަރގެ މަޤާމަށް އައްޔަން ކުރައްވާފައިވަނީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަންގެ މަގާމަށް އައްޔަން ކުރެއްވި ފުވައްމުލަކު ސިޓީ، މާދަޑު، ހަޒާރުމާގެ ޢާއިޝަތު ޢާޠިޔާ ނަޞީރާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަގާމަށް އައްޔަން ކުރެއްވި ހުވަދުއަތޮޅު ދެކުނުބުރި ތިނަދޫ، ނީލުގެ، ޒިފްލީނާ ޙަސަންއެވެ.

މިއަދު މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަންގެ މަގާމަށް އައްޔަން ކުރެއްވި ޢާއިޝަތު ޢާޠިޔާ ނަޞީރު މާސްޓަރސް ޑިގްރީ ހާޞިލުކުރައްވާފައި ވަނީ އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީ އޮފް ނޮޓިންހަމް އިން އެޑިއުކޭޝަނަލް ލީޑަރޝިޕް ދާއިރާއިން ނެވެ.

ޢާޠިޔާ ނަޞީރު އެންމެ ފަހުން އަދާކުރައްވާފައި ވަނީ އޭޑީކޭ ހޮސްޕިޓަލްގެ ޗީފް އެޑްމިނިސްޓްރޭޓަރ ގެ މަޤާމެވެ. އޭގެ އިތުރުން އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލްކަމާ ތަޢުލީމީ ދާއިރާގެ އެކިއެކި މަޤާމުތައް ޢާތިޔާ އަދާކުރައްވާފައި ވެއެވެ.

މިއަދު މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަގާމަށް އައްޔަންކުރެއްވި ހުވަދުއަތޮޅު ދެކުނުބުރި ތިނަދޫ، ނީލުގެ، ޒިފްލީނާއަކީ މިހާރު ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވަމުންގެންދަވާ ބޭފުޅެކެވެ. ޒިފްލީނާ މާސްޓަރސް ޑިގްރީ ޙާޞިލު ކުރައްވާފައި ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އޮސްޓްރޭލިޔާގެ ޔުނިވަރސިޓީ އޮފް ސަދަން ކުއީންސްލޭންޑުންނެވެ.

ޒިފްލީނާ ފުރުއްވާފައިވާ ބައެއް މަޤާމުތަކުގެ ތެރޭގައި އެމްޑީޕީގެ ކޮންގްރެސް ކޮމެޓީގެ މެންބަރުކަމާއި އެޕާޓީގެ އެކި އެކި މަޤާމުތަކުގެ އިތުރުން ބައެއް މެގަޒިން ތަކުގެ އެޑިޓަރކަމާއި ތަޢުލީމީ ދާއިރާގެ ބައެއް މަޤާމުތައް ހިމެނެއެވެ.

Advertisement

ކޮމެންޓް

Advertisement