ސަރުކާރު ތެރަޕީގެ ޚިދުމަތާ ގުޅޭގޮތުން ނައިބް ރައީސް މަޝްވަރާ ކުރައްވައިފި

19 Aug 2019 | 23:44

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ފަށާފައިވާ ތެރަޕީގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުގެ އިސް ފަރާތްތަކާއެކު މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާބައްދަލުވުން ބާއްވަވާފައި ވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއަދު ބޭއްވެވި މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓާޝަރީ ފެންވަރުގެ ޞިއްޙީ ޚިދުމަތްތައް ފެށިގެންދާއިރު އެސަރަހައްދުތަކުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރެޕީގެ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެހިފައި އޮތުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ތަޢުލީމީ ދާއިރާގައިވެސް ތެރެޕީގެ ޚިދުމަތް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމާ ބެހޭގޮތުންނާއި، މާބަނޑު ދުވަސްވަރުން ފެށިގެން ކުއްޖާގެ އުމުރުން 5 އަހަރު ވަންދެން ކުދިންގެ ހެދިބޮޑުވުމުގެ ކަންކަން ހަރުދަނާގޮތެއްގައި މޮނިޓަރ ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގައި ހެލްތު މިނިސްޓަރާއި ޖެންޑަރ އެންޑް ސޯޝަލް ސަރވިސަސް މިނިސްޓަރާއި އެޑިއުކޭޝަން މިނިސްޓަރާއި އިންކްލޫސިވް އެޑިއުކޭޝަން ޑިޕާރޓްމަންޓްގެ އިތުރުން އެންސްޕާއާއި އާސަންދައިގެފަރާތުން އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

Advertisement

ކޮމެންޓް