Advertisement

އުންމީދުކުރިވަރުގެ ކުޅުމެއް ނުދެއްކި ޔުނައިޓެޑް ކުޅުނު މެޗް އެއްވަރުވެއްޖެ

20 Aug 2019 | 04:03

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އަދި ވުލްވްސް ވާދަކުރި މެޗް 1-1 ކުން އެއްވެރުވެގެން ނިމިއްޖެއެވެ.

ވުލްވްސްގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ގޯލް ޖަހާ ކުރި ހޯދީ ޔުނައިޓެޑެވެ. 27 ވަނަ މިނެޓުގައި މި ގޯލް ކާމިޔާބު ކޮށްދިނީ ރަޝްފޯޑުގެ އެސިސްޓަކުން އެންތޮނީ މާޝިއަލްއެވެ. މިއީ ޔުނައިޓެޑަށް އޭނާ ކާމިޔާބުކޮށްދިން 50 ވަނަ ގޯލެވެ.

ފުރަތަމަ ހާފް 1-0 ކުން ކުރީގައި އޮވެ ޔުނައިޓެޑް ނިންމާލި ނަމަވެސް އެޓީމަށް ނުރައްކާތެރި ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. މެޗުގެ ކުރިން ޝޯލްޝާ ވަނީ އޭނާގެ ގޭމް ޕްލޭނަކީ ގިނަ ހަމަލާތަކެއް އުފައްދުން ކަމަށައި، އޭނާ ބޭނުންވަނީ ޔުނައިޓެޑުގެ ފޯވަޑުން ކަމަށްވާ ރަޝްފޯޑް އަދި މާޝިއަލްއަށް ލިބޭ ފުރުސަތުތައް ގޯލުތަކަކަށް ބަދަލު ކުރުން ކަމަށް ބުނެފައިވެއެވެ. ނަމަވެސް ވުލްވްސްއައި ދެކޮޅަށް ކުޅުނު މެޗުގައި ޝޯލްޝާގެ ތަސައްވަރާ އެއްގޮތަށް ޔުނައިޓެޑަށް ކުޅެފައިނުވާކަން ފާހަގަ ކޮށްލެވެއެވެ.

ފުރަތަމަ ހާފާ ހިލާފަށް ވުލްވްސް ދެވަނަ ހާފް ފެށީ ވަރަށް ވަރުގަދަކޮށެވެ. އޭގެ އެންމެ ބޮޑު ސަބަބަކަށްވީ ޑޮހާޓީގެ ބަދަލުގައި ޓްރައޯރޭ ދެވަނަ ހާފަށް ކުޅެން އެރުވުން ކަމުގައި ފާހަގަވެގެންދިޔައެވެ. ކުޅުން ރަނގަޅުކޮށް ޔުނައިޓެޑްގެ ޑިފެންސްއަށް ޕްރެޝަރު ބޮޑު ކުރަމުންދިޔަ ވުލްވްސްއަށް ނަތީޖާ އެއްވަރު ކޮށްދިނީ ރޫބެން ނޭވޭސްއެވެ. ވޮލްވްސް ކާމިޔާބުކުރި ގޯލުގެ އިތުރުންވެސް އެޓީމަށް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް ފޯވަޑް ރައުލް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލު ދަނޑިއަށެވެ.

ވުލްވްސްގެ ގޯލާއެކު ނިދާފައޮތް ޔުނައިޓެޑުގެ ޓީމް މެޗުތެރެއަށް އަލުން ވަނުމަށް މަސައްކަތް ކުރާނެކަމަށް ލަފާކުރެވުނު ނަމަވެސް އެމަންޒަރު ފެނިފައެއް ނުވެއެވެ.

68 ވަނަ މިނެޓުގައި ނަތީޖާ ޔުނައިޓެޑް ކޮޅަށް އަނބުރާލަން އެޓީމަށްވަނީ ރަނުގެ ފުރުސަތުއްވެސް ލިބިފައެވެ. ވުލްވްސްގެ ޕެނަލްޓީ އޭރިއާ ތެރެއިން ޕޮގްބާއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީގެ ބޭނުން ނުކުރެވުމުގެ ނަތީޖާއަކަށްވީ ފުރިހަމަ ވަގުތުގެ ކުޅުން 1-1 ގައި އޮވެ ނިމުމެވެ. ޕޮގްބާ ފޮނުވާލި ޕެނަލްޓީ ވުލްވްސްގެ ކީޕަރު ޕެޓްރީޝިއޯ ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފައެވެ.

މެޗާ ގުޅޭގޮތުން ވާހަކަ ދައްކަމުން ވުލްވްސްގެ މެނޭޖަރ ނޫނޯ އެސްޕިރީޓޯ ސަންޓޯ ބުނީ އޭނާގެ ޓީމް ދެއްކި ކުޅުމާމެދު ފަހުރުވެރިވާ ކަމަށައި ފުރަތަމަ ހާފް ޔުނައިޓެޑް ކޮންޓްރޯލްކުރި ނަމަވެސް ދެވަނަ ހާފުގައި އެކަން ބަދަލުކޮށްލެވުނު ކަމަށެވެ. އޭގެ އިތުރުން އޭނާ ވަނީ ޓްރައޯރޭ ދެއްކި މޮޅު ކުޅުމަށައި ނޭވޭސް ޖެހި ގޯލަށްވެސް ތައުރީފު ކޮށްފައެވެ.

މާޔޫސްވެފައި ހުރި ޔުނައިޓެޑް މެނޭޖަރ ޝޯލްޝާ ބުނީ ދުވަހަކަށްވުރެ ޔުނައިޓެޑުގަ އޮތީ ޒުވާން ޓީމެއް ކަމަށައި ދުވަހެއް ކުޅުން ރަނގަޅުވަމުން އަންނަ ކަމަށެވެ. 

Advertisement

ކޮމެންޓް

Advertisement