މިނިވަން މާހައުލެއް ނެތްކަމަށްބުނެ ޕްރައިވެޓައިޒޭޝަން ބޯޑުން ނިޒާރު އިސްތިއުފާދީފި

20 Aug 2019 | 15:15

މަސައްކަތް ކުރައްވާނެ މިނިވަން މާހައުލެއް ނެތްކަމަށްބުނެ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ނިޒާރު ކުރެއްވި ޓްވީޓެއްގައި އެބޭފުޅާ ވިދާޅުވީ އެ މަގާމުގައި ފަސް އަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރުމަށްފަހު ޓައި ބާލުއްވައިފި ކަމަށާއި މިއީ ގައުމީ ޚިދުމަތުގައި 34 އަހަރު ކަމަށެވެ.

އަދި ނިޒާރު ވަނީ އެ ބޯޑު އެ ފެންވަރަށް ގެނައުމަށް މަސައްކަތްކުރެއްވި މެންބަރުންނާއި ސަރުކާާރަށް ޝުކުރު ދަންނަވާފައެވެ.

އިސްތިއުފާ ދެއްވުމަށްފަހު ރާއްޖޭގެ މީޑިޔާއަށް ދެއްވި ބަސްދީގަތުމެއްގައި ނިޒާރު ވިދާޅުވީ ޕީސީބީ އަކީ ވަކި ގާނޫނެއް އޮތް މުއައްސަސާއެއް ނަމަވެސް، އެ ގާނޫނުން ލިބިދީފައިވާ މިނިވަންކަން މަސައްކަތުގެ މާހައުލުގައި މިހާރު ނެތް ކަމަށެވެ.

އެހެން ނަމަވެސް ފާއިތުވި މުއްދަތުގެ ތެރޭގައި ޕީސީބީއަށް ގެންނެވުނު ކުރިއެރުންތަކަށް ޓަކައި އުފާކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފާާހަގަކޮށްލެވޭ ގޮތުގައި މަޖިލީހުން ވަނީ އެބޯޑު އަލުން އެކުލަވާލުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމަށް ފާސްކޮށްފައެވެ.

ފޮޓޯ: މޯލްޑިވްސް ޓައިމްސް

Advertisement

ކޮމެންޓް