މިއީ މުޒާހަރާއެއް ނޫން، މިއީ މައުލޫމާތުދޭ ސެޝަންތަކެއް: ޕީޕީއެމް

21 Oct 2018 | 20:50

ރިޔާސީ އިންތިޚާބު އޮޅުވާލީ އިލެކްޝަން ކޮމިޝަނުގެ މެމްބަރުން ރިޝްވަތު ނަގައިގެން ކަމަށް ތުހުމަތުކޮށް، ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ސިލްސިލާ ގޮތެއްގައި ބާއްވަމުން އަންނަ އެއްވުންތައް ގާނޫނީ އިމުގެ ތެރެއަށް ފެއްތުމަށް އީސީއިން އެދުމުން، ޕީޕީއެމް އިން ބާއްވަމުން އަންނަނީ މައުލޫމާތުދޭ ސެޝަންތަކެއް ކަމަށް އެޕާޓީއިން ބުނެފިއެެވެ.

އީސީގެ މެމްބަރު އަހްމަދު އަކްރަމް "ސަންގު ޓީވީ" އަށް ރޭ ދެއްވި އިންޓަވިއެއްގައި ވިދާޅުވީ ޕީޕީއެމުން އެއްވުންތައް ބާއްވަނީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނުގެ އެއް ވަނަ އިސްލާހާ ހިލާފަށް ކަމަށެވެ. އެހެންކަމުން ޕީޕީއެމްއަށް އެކަން އަންގާފައިވާ ކަމަށެވެ.

ފުލުހުންްގެ ލިޔުމަކުން ހުއްދަ ލިބިގެން ނޫން ގޮތަކަށް، މާލޭގެ އެއްވެސް ތަނެއްގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ބޭއްވުމަކީ މަނާ ކަމެއް ކަމަށް އެއްވެ އުޅުމުގެ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހުގައި ބުނެފައި ވެއެވެ.

އީސީއިން އަންގާއެންގުމަށް ބޯނުލަނބައިފިނަމަ އެއީ ކޮންމެ ސިޔާސީ ޕާޓީއެއް ކަމަށްވިޔަސް ތަފާތު ކުރުމެއް ނެތި ފިޔަވަޅު އެޅުމުގެ ހައްގު އީސީއަށް ލިބިފައިވާކަމަށާއި އެކަހަލަކަ ކަމެއް ހިނގައިފިނަމަ ފިޔަވަޅު އަޅާނެ ކަމަށްވެސް އަކްރަމް ވިދާޅުވި އެވެ.

އިންތިހާބް އޮޅުވާލައިފާވާކަމަށް ބުނެ ޕީޕީއެމް އިން ބާއްވަމުންދާ އެއްވުންތަކުގައި އީސީގެ މެންބަރުންގެ އަބުރުފުޅަށް ހުތުރުވާގޮތައްދަނީ ވަހަކަ ދައްކަމުންނެވެ. އަދި މި މަންޒަރުތައް ލައިވް ކޮށް ޗެނަލް 13 އިން ގެނެސްދޭތީ އެ ޗެނަލްއާ މެދު ފިޔަވަޅު އަޅައިދިނުމަށް އީސީއިން ވަނީ ބުރޯޑްކާސްޓިން ކޮމިޝަންގައި އެދިފައެވެ.

ރިޔާސީ އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ކުރަމުންދާ ތުހުމަތާއެކު އިންތިޚާބު ބާތިލްކޮށްދޭން އެދި ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި މައްސަލައަށް ސުޕްރީމް ކޯޓުން މިއަދު ވަނީ ހުކުމް އިިއްވާފައެވެ.

ފަސް ފަނޑިޔާރުން އިއްތިފާގުވެ އިއްވި ހުކުމުގައި ބުނެފައިވަނީ އިންތިހާބުގެ ވޯޓު އޮޅުވާލާފައި ނުވާ ކަމަށާއި ނަތީޖާއަށް ބަދަލު އަންނަ ވަރުގެ އެއްވެސް މައްސަލައެއްގެ ހެއްކެއް ނެތް ކަމަށެވެ.

Advertisement

ކޮމެންޓް