Advertisement

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ސިއްރު ހެކިންނަށް ނުފޫޒު ފޯރުވި: ދައުލަތް

21 Aug 2019 | 16:55

ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ހުށަހެޅި ސިއްރު ހެކިންނަށް ނުފޫޒު ފޯރުވާކަމަށް ދައުލަތުން ބުނެފިއެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލު ވިދާޅުވީ މައްސަލައިގެ ސިއްރު ހެކިންނަށް ނުފޫޒުތަކެއް އެބަހުރި ކަމަށެވެ. ދައުލަތުގެ ވަކީލު މިހެން ވިދާޅުވީ ކުރިއާލައި ހެކިންނާ ބެހޭ މައުލޫމާތު ކޯޓާ ހިއްސާކުރުމަށް ކޯޓުން އެންގި ނަމަވެސް އެކަން އެގޮތަށް ދައުލަތުން ނުކުރާކަން ކޯޓަށް ގުޅުމުން އެނގިފައިވާކަމަށް ދިފާއީ ވަކީލު މައުމޫން ހަމީދު ވިދާޅުވުމުންނެވެ. އެހެންކަމުން އިންސާފުވެރި ޝަރީއަތެއްގެ ކުލަ ފަނޑުވަމުން ދާކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ ކޯޓުން އެންގި ގޮތަށް ވަކީލުންގެ މައުލޫމާތު މިމަހުގެ 19 ގައި ކޯޓަށް ދީފައިވާ ކަމަށެވެ.

ދައުލަތުގެ ވަކީލުގެ ވާހަކަތަކަށް އިޝާރާތްކުރައްވައި މައުމޫން ހަމީދު ވިދާޅުވީ ހެކިންނަށް ނުފޫޒު ފޯރުވާކަމަށް ބުނުމަކީ އެއީ އާދައިގެ ކަމެއް ނޫން ކަމަށާއި އެކަމުގެ މައުލޫމާތު ކޯޓާ ހިއްސާކުރަން ޖެހޭނެ ކަމަށެވެ.

މައްސަލަ ބައްލަވައި ގާޒީ އަލީ ރަޝީދު ވިދާޅުވީ، ހެކިން ހާޒިރުކުރުމަކީ އުނދަގޫ ކަމެއްކަން ދިފާއީ ވަކީލުންނަށް ވެސް އެނގިލައްވާނެ ކަމަށާއި ޝަރީއަތުން މަސައްކަތްކުރަމުން ދަނީ ގިނަ ހެކިން ހާޒިރުކޮށްގެން ދެ ފަރާތަށްވެސް ވަގުތު ދީގެން އިންސާފުވެރިކަމާއެކު ޝަރީއަތް ކުރިއަށް ގެންދަން ކަމަށެވެ.

އެ މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކީގެ ތެރޭގައި ހިމެނެނީ ޝަފަވީ ސިއްރު ހެކިންގެ ގޮތުގައި އަށް މީހަކާއި ކިތާބީ ހެކީގެ ތެރޭގައި 16 ސިއްރު ލިޔުމަކާއި ހަތް އިންޓެލިޖެންސް ރިޕޯޓާއި ހަތް ވީޑިއޯ އެނަލިސިސް ރިޕޯޓާއި ސީން އޮފް ކްރައިމް ރިޕޯޓާއި ސައިބާ ކްރައިމް ރިޕޯޓުގެ އިތުރުން ތަހުގީގު ބަޔާންތަކެވެ.

މިއަދުގެ ޝަރީއަތަކީ ފުލުހުންގެ ދެ މީހުންގެ ހެކިބަސް ނެގުމަށް ބޭއްވުނު އަޑުއެހުމެކެވެ. ނަމަވެސް މިއަދު އެއްވެސް މީހެއްގެ ހެކިބަސް ނުނަގައި ޝަރީއަތް ވަނީ ނިންމާލައްވާފައެވެ.

ހެކިންގެ މައުލޫމާތު ދުރާލާ އަންގާފައި ނުވާތީ އެކަމުގެ ޝަކުވާ ދިފާއީ ވަކީލުން ކޮށްފައި ވަނިކޮށް ދައުލަތުން އެދުނީ، މިއަދު ނަގަން އޮތް ދެ ހެއްކެއް އެހެން ދުވަހަށް ފަސްކޮށްދިނުމުގައި އިއުތިރާޒެއް ނެތް ކަމަށެވެ. އެއާއެކު ގާޒީވެސް ނިންމެވީ ދެން އެ މައްސަލައިގެ އަޑުއެހުން ބޭއްވުމަށް ނިންމާފައިވާ މިމަހުގެ 27 ވަނަ ދުވަހަށް އެ ހެކިން ވެސް ހާޒިރުކޮށްދިނުމަށެވެ.

ޔާމީނު ރަޝީދުގެ މަރުގެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާކޮށްފައިވަނީ ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި، މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. އިރާސްމިކުގެ، އަހުމަދު ޒިހާން އިސްމާއީލާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، މ. ތާއިފް އިސްމާއިލް ރަޝީދުގެ މައްޗަށެވެ.

Advertisement

ކޮމެންޓް