ރައީސް ސޯލިހުގެ އެކައުންޓަށް 37 މިލިއަން ރުފިޔާ ޖަމާކުރި މައްސަލަ ތަހުގީގުކުރަން ފަށައިފި

21 Aug 2019 | 17:03

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުަހއްމަދު ސޯލިހުގެ އެކައުންޓަށް، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، 37 މިލިއަން ރުފިޔާ ޖަމާކޮށްދިން ކަމަށް ބުނާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަން ފަށައިފިއެވެ.

އޭސީސީގެ ނައިބު ރައީސާ އައިމިނަތު މިންނާ އާއި ހަވާލާދީ ބައެއް މީޑިއާގައި ބުނެފައިވަނީ އެމައްސަލަ ބެލުމާ މެދު ވަކި ގޮތެއް ނިންމުމަށް ކޮމެޓީއަކާ ހަވާލުކޮށްފައިވާކަމަށެވެ. ނަމަވެސް ތުހުމަތު ކޮށްފައި ވަނީ ނަގުދު ފައިސާ ދިނުން ކަމަށްވާތީ، އެކަން ޔަގީން ކުރުމަށް ޓަކައި ކުރެވޭނެ އިތުރު މާބޮޑު ކަންތައްތަކެއް ނެތް ކަމަށް މައްސަލަ ދިރާސާކުރާ ކޮމެޓީން އަންގާފައިވާ ކަމަށެވެ.

އެހެންކަމުން އެމައްސަ ތަހުގީގު ކުރަން މިއަދު ނިންމާފައިވާކަމަށް މިންނާ ވިދާޅުވެފައިވެއެވެ. އެކަން ހިނގާފައިވަނީ ރައީސް ސޯލިހު އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ހުންނަވަނިކޮށް ކަމަށް ވެއެވެ.

އެމައްސަލަ ތަހުގީގު ކުރާކަމަށް އޭސީސީން ބުނިއިރު، މީގެކުރިން ވަނީ ރައީސް ސޯލިހުގެ އެކައުންޓަށް 4.2 މިލިއަން ޔޫރޯ ޖަމާކުރި ކަމަށް އަޑުފެތުރިފައެވެ. ނަމަވެސް އެކަން ރައީސް އޮފީހުން ވަނީ ދޮގުކޮށްފައެވެ.

Advertisement

ކޮމެންޓް