Advertisement

އިއްޒަތްތެރި މެންބަރުންގެ އަގު ބޮޑު ފަރިއްކޮޅު!

22 Aug 2019 | 00:01

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އޮންނަ ވަގުތުތަކުގައި މަޖިލިހުގެ އިއްޒަތްތެރި މެންބަރުންގެ ފަރިއްކޮޅު އޮންނަނީ މަޖިލީހުގެ އިދާރާގައެވެ. މިއީ އާދައިގެ ރައްޔިތަކު ކާ ކެއުމަކަށްވުރެ އެތައް ގުނައެއް މޮޅު ކެއުމެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނަ ދުވަހު ކޮންމެ މެންބަރެއްގެ ކޮއްތަށް ދުވާލަކަށް 159.87 ރުފިޔާ ޚަރަދުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މަޖިލީހުގެ އިއްޒަތްތެރި މެންބަރެއްގެ ކޮއްތަށް ދުވާލަކަސް ހަރަދުވަނީ ކިހާ މިންވަރެއްތޯ ބެލުމަށް އާންމު ފަރާތަކުން މަޖިލީހުގެ އިދާރާއަށް ފޮނުވި ސިޓީއަކާއި ގުޅިގެން މަޖިލީހުގެ ތަޅުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

އެމަނިކުފާނު ހިސާބު ޖެއްސެވުމަށްފަހު ވިދާޅުވީ އަދަދުތަކަށް ބަލާނަމަ މަޖިލީހުގެ ޖަލްސާއެއް އޮންނަ ކޮންމެ ދުވަހަކު މެންބަރުންގެ ކޮއްތަށް 14،000 ރުފިޔާ ޚަރަދުވާނެ ކަމަށެވެ. އަދި ހަފްތާއަކު ތިން ޖަލްސާ ބާއްވާނަމަ މެންބަރުންގެ ކޮއްތަށް 41،728.68 ރުފިޔާ ޚަރަދުވާނެ ކަމަށެވެ.

މި އާދަ ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގައި އޮންނަނީ އިއްޔެއަކު މިއަދަކުނޫނެވެ. އެކަން ފެށިގެން އައީ ޝަމްސުއްދީން ރަދުންގެ ރަސްކަމުގައި 1932 ގައެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް މެންބަރުންގެ ފަރިއްކޮޅު އޮންނަނީ ގާނޫނު ހަދާ މަޖިލީހުގެ އިދާރާގައެވެ. 

މަޖިލިސް އިދާރާއިން ހޭދަކޮށްގެން މެންބަރުންނަށް މޮޅު ކޮއްތު ކާންދީ، އެބޭފުޅުންނާއި އާއިލާއަށް ދައުލަތުން ހާއްސަ އިނާޔަތްތަކެއް ދޭއިރު ނިކަމެތި ރައްޔިތު މީހާ ހުރީ ބަނޑުފުރާނަ މުއްތިކޮށްގެންތޯ ވިސްނާލީ ކިތައް މެންބަރުން ތޯއެވެ. މަޖިލީހުގައި ރެއާއި ދުވާލު އިއްޒަތްތެރި މެންބަރުން ޖަލްސާތަކާއި ކޮމެޓީ ބައްދަލުވުންތައް ބާއްވަމުންދާއިރު، އަބަދުވެސް އޮންނަނީ ކާ ގަޑިތަކާއި ސައި ގަޑިތަކެވެ. ނުވިތާކަށް ސައި ކޮޓަރިއަށް ހުންނަނީ '' ކޮފީ ހޮޅި'' އަޅާފައިތޯއެވެ.

މީގެއިތުރުން މަޖިލީހުގެ އިއްޒަތްތެރި މެމްބަރެއްގެ މުސާރަ އަކީ މިހާރު 62،500ރ. އެވެ. އަދި ކޮމިޓީތަކުގެ ބައްދަލުވުންތަކަށް ވަޑައިގަންނަވާ މެމްބަރުންނަށް އިތުރަށް 20،000ރ. ގެ އިނާޔަތެއް ލިބިވަޑައިގަންނަވައެވެ.

ފަރިއްކޮޅާއި ސައިފޮދުގެ އިތުރުން ކޮންމެ މެންބަރަކަށްވެސް މަހެއްގެ މައްޗަށް ދައުލަތުން ޖުމްލަ 82،500ރ. ހަރަދުކުރާ އިރު، މިއީ އަޅެފަހެ ބޮޑުވަރު ނޫންތޯއެވެ. މިއީވެސް ހަމަ ރައްޔިތުންގެ މާލިއްޔާއިން އިއްޒަތްތެރި މެންބަރުންނަށް ކުރާ ހަރަދެވެ. މިކަމާ ވިސްނަވާލެއްވީ ކިތައް މެންބަރުންތޯއެވެ. އިއްޒަތްތެރި މެންބަރުންނަށް ދައުލަތުން ދޭ ބޮޑު މުސާރައާއި އިނާޔަތާއި ހިމާޔަތާއެކު ރައްޔިތުން ހަވާލުކުރި ޒިންމާތައް ފުރިހަމައަށް އަދާކުރަނީ ކިތައް މެންބަރުންތޯއެވެ.

ރައްޔިތު މީހާ 30 ދުވަސް ވަންދެން ރެޔާއި ދުވާލު މަސައްކަތްކޮށްގެން މަހަކު ލިބެނީ 6000ރ ނުވަތަ 7000 ރުފިޔާއެވެ. މިއީ އެންމެ އާދައިގެ މީހާގެ މުސާރައެވެ. ކޮންމެ ގެއެއްގައިވެސް އެންމެ ބޮޑު ހަރަދެއް ކުރަންޖެހެނީ ކެއުން ބުއިމަށެވެ. މަސް ނިމޭއިރު އަތްމަތި އެއްކޮށް ހުސްވެ، ބައެއް މީހުން ކަންމަތީ ފިހާރަތަކަށް ދަރަނިވެރިވެއެވެ.

އިއްޒަތްތެރި މެންބަރުންނަށް ބޮޑު މުސާރައާއެކު ފަރިއްކޮޅު ދިނުމުގެ މި އުސޫލަކީ އެންމެ ރަގަޅު ގޮތްތޯއެވެ. ސަމްސުއްދީން ރަދުންގެ ރަސްކަން އުވި، ޖުމްހޫރީ ވެރިކަމެއް މިހާރު ކުރަމުންދާއިރު ރަދުންގެ ޒަމާން މާޒީވެ ހިނގައްޖެއެވެ. ރަދުން ގެންގުޅުއްވި އުސޫލުތައް މިހާރު ނެތި ގޮސްފިއެވެ. ނަމަވެސް މި އުސޫލަށް އަދިވެސް ބަދަލު ގެންނަން ނުވަނީތޯއެވެ. އޭރުވެސް އަދި މިހާރުވެސް އިއްޒަތްތެރި މެންބަރުންނެވެ. އެކަމަކު އޭރު އިއްޒަތްތެރި މެންބަރުންނަށް ދައުލަތުން ކުރި ހޭދައާއި މިހާރު ތިއްބެވި އިއްޒަތްތެރި މެންބަރުންނަށް ކުރާ ހޭދަ ތަރާދަކުން ކިރާލުމުން މިއީ މިކަން އޮންނަންޖެހޭނެ ގޮތް ނޫން ކަމަށް ގިނަ ރައްޔިތުން ގަބޫލުކުރާނެއެވެ.

Advertisement

ކޮމެންޓް