ކައުންސިލްތަކުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަކުރަނީ

22 Aug 2019 | 13:52

ކައުންސިލްތަކުގެ 33އިންސަައްތަ އަންހެނުންނަށް ޚާއްސަވާ ގޮތަށް ހެދުމަށް ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ "އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް 2019" ހުޅުވުމަށްޓަކައި މިއަދު ހެނދުނު ހުޅުމާލެ ހުރަވީ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

ރައީސް ސޯލިހު ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް ގެންނަށް ހުށަހަޅާ އިޞްލާޙުތަކުގެ ތެރޭގައި، ރަށު އަދި ސިޓީ ކައުންސިލް ގޮނޑީގެ 33 އިންސައްތަ އަންހެނުންނަށް ޚާއްޞަ ކުރަން ނިންމާފައިވާާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ތަރައްޤީގެ ކަންކަމުގައި އަންހެނުންނާއި ޒުވާނުންގެ ރޯލު ފުޅާ ކޮށް، މުޖުތަމަޢުގެ ކުރިއެރުމަށް އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަކީ، ލާމަރުކަޒީ ނިޒާމުގެ މުހިންމު އެއްބައިކަމުގައެވެ. އަންހެނުންނަކީ މުޖުތަމަޢުގެ ދެބައިކުޅަ އެއްބަޔަށް ވީއިރު، އަންނަން އޮތް ޖީލުތަކަށް، ދާއިމަށް ދެމިގެންދާނެ ކުރިއެރުމާއި ތަރައްޤީ ގެނެވޭނީ، އަންހެނުންގެ ޚިޔާލާއި ޢިލްމާއި ލަފާގެ ބޭނުން އެދެވޭ ގޮތުގައި ހިފައިގެންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބޭނުންވާ ލާމަރުކަޒީ ނިޒާމް ފުރިހަމަ ކުރުމަށް ގެންނަންޖެހޭ ޤާނޫނީ ބަދަލުތައް މިހާރު އެކުލަވާލެވި ޑްރާފްޓް ކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މިބިލް ހުށައެޅިގެންދާނީ މިއަދު ފަށާ ކޮންފަރެންސްގައި ބައިވެރިން ހުށަހަޅާ ޚިޔާލުތަކާއި މަޝްވަރާތައްވެސް ހިމަނައިގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ލާމަރުކަޒީ ޤާނޫނަށް އިޞްލާޙުތައް ގެންނަން ބޭނުންވާ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، މާލީ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން، ކައުންސިލްތައް ބާރުވެރިކުރުވުމާއި މަރުކަޒީ ސަރުކާރަށް ބަރޯސާވުން ކުޑަކުރުމާއި، ޤުދުރަތީ އަދި ޢުމްރާނީ ވަސީލަތްތަކާ މެދު މާނަވީ ގޮތެއްގައި ގޮތް ނިންމުމުގެ ބާރު، ރައްޔިތުންނަށް ދިނުމާއި ޚިދުމަތްތަކާއި ތަރައްޤީގެ ކަންކަން އަވަސް މިނުގައި ކުރިއަށް ގެންދިއުން ހިމެނޭކަމުގައި ވިދާޅުވިއެވެ.

"ލާމަރުކަޒީ ނިޒާމަށް އަޅުގަނޑުމެން ގެނައުމަށް ނިންމާފައިވާ އިޞްލާޙުތަކުގެ ތެރޭގައި ދައުލަތުގެ އާމްދަނީގެ 5 އިންސައްތަ ކައުންސިލްތަކަށް ޚާއްޞަ ކުރެވޭނެ. މީގެ އިތުރުން، ބިމާއި ރަށާއި ފަޅާއި ފަރު ފަދަ ތަންތަނުން ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 އިންސައްތަ އާއި، މީހުން ދިރިއުޅޭ ރަށްރަށުގެ އިޚްތިޞާޞްގައިވާ ބިމުގެ ކުލީގެ ސައްތައިންސައްތަ ކައުންސިލްތަކަށް ދޫކޮށްލެވޭނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement