ވެހިރާއްޖެ ތަރައްޤީ ކުރެވޭނީ ކައުންސިލްތަކަށް މާލީ ބާރުވެރިކަން ލިބިގެން- ރައީސުލްޖުމްހޫރިއްޔާ

22 Aug 2019 | 19:31

މި ޖަޒީރާވަންތަ ދިވެހިރާއްޖެ ތަރައްޤީ ކުރެވޭނީ، ކައުންސިލްތަކަށް މާލީ ބާރުވެރިކަން ލިބިގެންކަމަށާއި، ސަރުކާރުން ކުރަން ޖެހިފައިވާ އެންމެ މުހިއްމު އެއް ކަމަކީ މާލީ ގޮތުން ލާމަރުކަޒުކޮށް އަދި، ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައަޅައި، އެ ރަށެއްގެ މުއްސަނދިކަން އެރަށަކަށް ލިބޭނެ ފުރިހަމަ ނިޒާމެއް ޤާއިމުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ "އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް 2019" ހުޅުވުމަށްޓަކައި މިއަދު ހެނދުނު ހުޅުމާލެ ހުރަވީ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ތޮއްޖެހުމާއި އިޖްތިމާޢީ މައްސަލަތައް ހައްލުކުރެވެން އަންނަނީ، ރާއްޖޭގެ އެކި ސަރަޙައްދުތައް ތަރައްޤީކުރެވި، ވަޒީފާތައް އުފެދި، ރަށްތަކުގެ ފުދުންތެރިކަން އިތުރުވެގެންކަމުގައި ވިދާޅުވެފައެވެ. އަދި، މިހުރިހާ ކަމެއް ކުރެވޭނީ، ޒަމާނުއްސުރެ މާލެއަށް ޖަމާކޮށްފައިވާ ބާރުތައް ދޫކޮށްގެންކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މައި ސަރުކާރުގެ ދަށުގައި މި ރާއްޖޭގެ މި ޖަޒީރާ ރަށްތައް ވަރަށް އެކަހެރިކޮށް، ވަރަށް ނިކަމެތިކޮށް އޮތް އޮތުމަށް، ނިމުމެއް ގެނައުމަށް އަޅުގަނޑުމެންގެ ވިސްނުމަށް އައީ، އެކަން އެންމެ ރަނގަޅަށް ކުރެވޭނީ، ސީދާ ރައްޔިތުންގެ އަތްމައްޗަށް ބާރުތައް ދީގެން ކަމަށް. ރައްޔިތުންނާ ގާތުން ވެރިކަން ހިންގިގެން ނޫނީ އަޅުގަނޑުމެން އެދޭ ބަދަލެއް ނުފެންނާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބޭނުންވާ ލާމަރުކަޒީ ނިޒާމް ފުރިހަމަ ކުރުމަށް ގެންނަންޖެހޭ ޤާނޫނީ ބަދަލުތައް މިހާރު އެކުލަވާލެވި ޑްރާފްޓް ކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މިބިލް ހުށައެޅިގެންދާނީ މިއަދު ފަށާ ކޮންފަރެންސްގައި ބައިވެރިން ހުށަހަޅާ ޚިޔާލުތަކާއި މަޝްވަރާތައްވެސް ހިމަނައިގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ލާމަރުކަޒީ ޤާނޫނަށް އިޞްލާޙުތައް ގެންނަން ބޭނުންވާ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، މާލީ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން، ކައުންސިލްތައް ބާރުވެރިކުރުވުމާއި މަރުކަޒީ ސަރުކާރަށް ބަރޯސާވުން ކުޑަކުރުމާއި، ޤުދުރަތީ އަދި ޢުމްރާނީ ވަސީލަތްތަކާ މެދު މާނަވީ ގޮތެއްގައި ގޮތް ނިންމުމުގެ ބާރު، ރައްޔިތުންނަށް ދިނުމާއި ޚިދުމަތްތަކާއި ތަރައްޤީގެ ކަންކަން އަވަސް މިނުގައި ކުރިއަށް ގެންދިއުން ހިމެނޭކަމުގައި ވިދާޅުވިއެވެ.

"ލާމަރުކަޒީ ނިޒާމަށް އަޅުގަނޑުމެން ގެނައުމަށް ނިންމާފައިވާ އިޞްލާޙުތަކުގެ ތެރޭގައި ދައުލަތުގެ އާމްދަނީގެ 5 އިންސައްތަ ކައުންސިލްތަކަށް ޚާއްޞަ ކުރެވޭނެ. މީގެ އިތުރުން، ބިމާއި ރަށާއި ފަޅާއި ފަރު ފަދަ ތަންތަނުން ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 އިންސައްތަ އާއި، މީހުން ދިރިއުޅޭ ރަށްރަށުގެ އިޚްތިޞާޞްގައިވާ ބިމުގެ ކުލީގެ ސައްތައިންސައްތަ ކައުންސިލްތަކަށް ދޫކޮށްލެވޭނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި، ކައުންސިލްތަކުން ނަގާ ފީގެ އާމްދަނީ ވަންނާނީ ސީދާ ކައުންސިލްތަކަށްކަމަށާއި، ކުންފުންޏާއި ކޯޕަރޭޓިވްސް އުފައްދައިގެން ވިޔަފާރި ކުރުމާއި އާމްދަނީ ހޯދުމުގެ މަގު ކައުންސިލްތަކަށް ފަހިވެގެންދާނެކަމުގައި އެމަނިކުފާނު ހާމާކުރެއްވިއެވެ.

މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ތަރައްޤީގެ ކަންކަމުގައި އަންހެނުންނާއި ޒުވާނުންގެ ރޯލު ފުޅާ ކޮށް، މުޖުތަމަޢުގެ ކުރިއެރުމަށް އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަކީ، ލާމަރުކަޒީ ނިޒާމުގެ މުހިންމު އެއްބައިކަމުގައެވެ. އަންހެނުންނަކީ މުޖުތަމަޢުގެ ދެބައިކުޅަ އެއްބަޔަށް ވީއިރު، އަންނަން އޮތް ޖީލުތަކަށް، ދާއިމަށް ދެމިގެންދާނެ ކުރިއެރުމާއި ތަރައްޤީ ގެނެވޭނީ، އަންހެނުންގެ ޚިޔާލާއި ޢިލްމާއި ލަފާގެ ބޭނުން އެދެވޭ ގޮތުގައި ހިފައިގެންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިގޮތުން ލާމަރުކަޒީ ޤާނޫނަށް ގެންނަށް ހުށަހަޅާ އިޞްލާޙުތަކުގެ ތެރޭގައި، ރަށު އަދި ސިޓީ ކައުންސިލް ގޮނޑީގެ 33 އިންސައްތަ އަންހެނުންނަށް ޚާއްޞަ ކުރަން ނިންމާފައި ވަނީ މި ވިސްނުމުގައިކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް