ދުވެލި މަޑުކުރުމަށް އެންމެ ފަހުގެ ދުވެލި ބަޑި އާއެކު ފުލުހުން ނިކުމެއްޖެ

22 Aug 2019 | 17:23

ބާރު ދުވެލީގައި ދުއްވާ ފަރާތްތައް ދެނެގަތުމަށް އެންމެ ފަހުގެ ސްޕީޑް ގަން ބޭނުންކުރަން ފުލުހުން ފަށައިފިއެވެ.

ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ފުލުހުން މިހާރު ބޭނުންކުރަމުންދާ ސްޕީޑް ގަންގެ ބަދަލުގައި އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ ސްޕީޑް ގަން ބޭނުންކުރަން ފަށާފައިވަނީކަން ފުލުހުން ވަނީ ވިދާޅުވެއެވެ.

މިއަދުން ފެށިގެން މާލެއާއި ހުޅުމާލެ އަދި ބްރިޖް ސަރަޙައްދުގައި ޓްރެފިކް ފުލުހުން މި ގަން ބޭނުންކުރަން ހަމަޖެހިފައިވާއިރު، މި ސްޕީޑް ގަންއަކީ މިހާރު ބޭނުންކުރަމުންދާ ގަންއަށްވުރެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ އަދި އޭގައި ބޭނުންކުރެވޭ ފަންކްޝަންތައްވެސް ގިނަ، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގެ ޓްރެފިކް ފުލުހުންވެސް ބޭނުންކުރަމުންދާ ވަސީލަތެކެވެ.

އެގޮތުން މި ސްޕީޑް ގަން އިން، ބާރު ސްޕީޑުގައި ދުއްވާ އުޅަނދާއި އުޅަނދު ދުއްވަން އިންނަ މީހާގެ ފޮޓޯ ނަގައި ވަގުތުން ވީޑިއޯ ރެކޯޑްކުރެވޭނެއެވެ. އަދި އުޅަނދުގެ ރަޖިސްޓްރީ ނަންބަރު ރެކޯޑްކުރެވި، އުޅަނދު ދުއްވި ސްޕީޑާއި ދުރުމިން ވަގުތުން އަންގައިދޭނެއެވެ. އަދި މިގަން އިން 0 ން 320 ކިލޯ މީޓަރު ބާރުމިނުގައި ދުއްވާ އުޅަނދުތައް މަދު ސިކުންތުކޮޅެއްގެ ތެރޭގައި ރެކޯޑްކޮށް، ރެކޯޑްތައް ރައްކާކުރެވޭނެއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޓްރެފިކް ފުލުހުން ކުރިއަށް ގެންދާ އެކިއެކި އޮޕަރޭޝަންތަކުގައި، ބާރު ސްޕީޑްގައި ދުއްވާ ފަރާތްތައް ދެނެގަތުމަށް ފުލުހުން ދަނީ ސްޕީޑް ގަން ބޭނުންކުރަމުންނެވެ.

Advertisement

ކޮމެންޓް