ރަށްރަށުގެ ކުލީގެ ފައިސާ އަދީބަށް ދިނީ ރައީސް ޔާމީން ބުނެގެން: ޒިޔަތު

22 Aug 2019 | 19:19

ފަޅުތަކާއި ރަށްރަށުގެ ކުލީގެ ފައިސާތައް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ދީފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަމުރުފުޅަށް ކަަމަށް އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރ އަބްދުﷲ ޒިޔަތު ވިދާޅުވެއްޖެއެވެ.

ޒިޔަތު މިހެން ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އުފުލިފައިވާ މަނީ ލޯންޑްރިންގ ދައުވާގެ ޝަރީއަތުގައި ހެކިބަސް ދެމުންނެވެ.

އެބޭފުޅާ ވިދާޅުވީ އެމްއެމްޕީއާރްސީގެ ފަރާތުން ދޫކުރާ ފަޅުތަކާއި، ރަށްތައް ކުއްޔަށް ދޫކުރުމަށްފަހު ލިބޭ ފައިސާ އަދީބާއި ހަވާލުކުރީ ރައީސް ޔާމީންގެ އެންގެވުމުގެ މަތިން ކަމަށެވެ. 

"އެމްއެމްޕީއާރުސީން ރަށްތަކާއި ފަޅުތައް ވިއްކައިގެން ލިބޭ ލާރީގެ ޗެކްތައް ހުންނާނީ އެމްއެމްޕީއާރުސީ އަށް ވަންނަ ގޮތަށް ޗެކް ހެދިފައި. އެމްއެމްޕީއާރުސީ އަށް ޗެކު ހެދިފައި ހުންނާނީ. ދެން އޭގެ ނުފުށުގައި އެންމެ ބޭފުޅެއްގެ ސޮޔެއް އޮވެގެން އަދި އޭތި އެންޑޯޒެއް ވެސް ނުވޭ. އެކަމަކު އަޅުގަނޑު ކައިރީ ރައީސް ވެސް އަދި ނައިބު ރައީސް އަދީބު ވެސް އަންގާފައި އޮންނަނީ އެ ޗެކްތައް އަދީބާ ހަވާލުކޮށްގެން ވަކިން މެނޭޖްކުރަން. އެހެންވީމާ އެގޮތަށް އަޅުގަނޑު އަމަލުކުރަމުން ގެންދިޔައީ،" ޒިޔަތު ވިދާޅުވި އެވެ.

ޒިޔަތު ވިދާޅުވި ގޮތުގައި ވޮޑަމުލާގެ ފައިސާވެސް ރައީސް ޔާމީންގެ އެކައުންޓަށް ޖަމާާވީ އެގޮތަށް ކަމަށެވެ. ނަމަވެސް އެ އެއްމިލިޔަން ޑޮލަރު އެސްއޯއެފްގެ އިޝްފާގުއާ ހަވާލު ކުރީ އޭރު އަދީބު ރާއްޖޭގައި ނެތުމުން ކަމަށް ޒިޔަތު ވިދާޅުވިއެވެ.

އެއްމިލިޔަން ޑޮލަރު އެސްއޯއެފްގެ އިޝްފާގުއާ ހަވާލު ކުރީ އޭރު އަދީބު ރާއްޖޭގައި ނެތުމުން ކަމަށްވެސް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement