މިއަދުގެ އިންތިޚާބުގައި ވޯޓުލުމަށް ފަނޑިޔާރުންގެ ޖަމްއިއްޔާއިން އެދިއްޖެ

24 Aug 2019 | 16:12

މިއަދު ކުރިއަށްދާ ދަށުކޯޓުތަކުން ޖުޑީޝަލް ސާރވިސް ކޮމިޝަނަށް ކަނޑައަޅާ ފަނޑިޔާރަކު ހޮވުމުގެ އިންތިޚާބުގައި ވޯޓުލުމަށް ދިވެހި ފަނޑިޔާރުންގެ ޖަމްއިއްޔާއިން އެދިއްޖެއެވެ.

އެ ޖަމްއިއްޔާއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ދަށުކޯޓުތަކުން ޖޭއެސްސީއަށް ކަނޑައަޅާ ފަނޑިޔާރަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ބޭނުންކުރުމަށް އެދޭ ކަމަށެވެ.

މި އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު 9އިން ފެށިގެން ހަވީރު 5ޖަހަންދެން ކުރިއަށް ދާނެއެވެ.

މި އިންތިޚާބުގައި ވާދަކުރަނީ ތިން ބޭފުޅުންނެވެ. އެއީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމްގެ އިތުރުން ގދ. ފިޔޯރީ ކޯޓުގެ މެޖިސްޓްރޭޓް އަބުދުއްރައްޒާގު މުހައްމަދާއި ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓްގެ އިސްމެޖިސްޓްރޭޓް އަލީ ޝަރީފެވެ.

ވޯޓު ފޮށިތައް ބަހައްޓާފައިވަނީ ކޮންމެ އަތޮޅެއްގެ ވެރިކަން ކުރާ ރަށާއި މާލެއާ ފުވައްމުލަކު އަދި އައްޑޫ ސިޓީގަ އެވެ. މާލޭގެ ވޯޓު ފޮށި ބަހައްޓާފައިވަނީ ބާ ޖަމާލުއްދީންގައެވެ.

ވޮއިސްއަށް މައުލޫމާތު ދެއްވި އެ ޖަމްއިއްޔާގެ އޮފިޝަލަކު ވިދާޅުވީ އިންތިޚާބުގައި މިހާތަނަށް ގިނަ ފަރާތްތަކަކުން ވޯޓުލާފައިވާ ކަމަށެވެ. އެގޮތުން ރ.އަތޮޅާއި، ގދ.އަތޮޅާއި ހދ.އަތޮޅުގެ ވޯޓުފޮއްޓަށް އެންމެން ވޯޓުލައި ނިމުމުން ބަންދުކޮށްފައިވާ ކަަމަށްވެސް މައުލޫމާތު ދިނެވެ.

Advertisement

ކޮމެންޓް