ސަލަފް ރައީސްގެ ހޫނު ރައްދެއް ކުރީގެ ރައީސް މައުމޫނަށް!

26 Aug 2019 | 13:17

އަންހެނުން ފަނޑިޔާރުކަން ކުރުމާ ބެހޭގޮތުން ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އިސްލާމީ ފަތުވާ މަޖިލީހުގެ އިތުރުން ރާއްޖޭގެ އިތުބާރުހިފޭ ގިނަ ޢިލްމުވެރީންތަކަކާއި ދެކޮޅަށް އަންހެނުންނާއި ފަނޑިޔާރުކަން ކުރުމަކީ ހުއްދަކަމެއްކަމަށް ވިދާޅުވުމުން އެކަމަށް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ރައްދުދެއްވައިފިއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް، މައުމޫނަށް ޢިޝާރާތްކުރައްވައި މިއަދު ކުރެއްވި ދެ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދީނުގެ ޙުކުމެއްގައި އަހްލުއްސުންނަތު ވަލް ޖަމާޢަތުގެ ޢިލްމުވެރިންގެ އިއްތިފާޤު ފަތުވާއާއި އެކަހެރިކޮށް އޮތް ޝާޛު، ހީނަރު ފަތުވާއެއް ނެރެ ފަތުރައި، ވަރުގަދަކުރުމަށް މަސައްކަތްކުރައްވާނަމަ އެއީ ޢިލްމީގޮތުންއޮޅުވާލެވޭ ބޮޑު އޮޅުވާލުމެއްކަމަށާއި އަދި ޢިލްމީ ޚިޔާނާތެއްކަމަށެވެ.

”ޢިލްމީ އަމާނާތްތެރިކަން ނެތި، ބައެއް ޢިލްމުވެރިންނަށް ނިސްބަތްކޮށް ޤަރްޟާވީ ލިޔުއްވާފައި އޮތް ލިޔުމަކުން ކުރެއްވި ނަކަލެއްނަމަ ތީގައި ވަރަށްބޮޑު އޮޅުން އެބަހުއްޓެވެ. ސަބަބަކީ ލިސްޓު އެ ކުރެއްވި ޢިލްމުވެރިންގެ ބަސްފުޅު އޮތީ އެހެނެއް ނޫނެވެ. އަދި ޠަބަރީގެ އަރިހުންވެސް ޘާބިތެއް ނުވެއެވެ. ތަޙުޤީޤު ކުރައްވާ! ނޫންނަމަ ދީނުގެ ޙުކުމެއްގައި އަހްލުއްސުންނަތު ވަލް ޖަމާޢަތުގެ ޢިލްމުވެރިންގެ އިއްތިފާޤު ފަތުވާއާއި އެކަހެރިކޮށް އޮތް ޝާޛު، ހީނަރު ފަތުވާއެއް ނެރެ ފަތުރައި، ވަރުގަދަކުރުމަށް މަސައްކަތްކުރައްވާނަމަ ތިޔައީ ޢިލްމީގޮތުން އޮޅުވާލެވޭ ބޮޑު އޮޅުވާލުމެކެވެ. ޢިލްމީ ޚިޔާނާތެކެވެ.“ ޝައިޚް ޢަބްދުﷲ ގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި ވަނީ ދީނީ ބައެއް މައްސަލަތަކުގައި މިދަފަގޮތަކަށް ހިޔާލު ފާޅުކުރުމުގެ ސަބަބުން ވަރަށް ބޮޑެތި ފާޑުކިޔުންތައް މީގެކުރިންވެސް އަމާޒްވެފައިކަން ފާހަގަކޮށްލަންޖެހެއެވެ.

މީގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް މައްސަލަތަކުގެ ތެރޭގައި މުސްލިމް އަންހެނުން ބުރުގާ އެޅުމުގެ ޙުކުމަށްވެސް އިންކާރުކޮށް ’އައްޑުވަސް‘ ނޫހަށް އިންޓަވިއު ދީފައިވުމާއި، ޤިޞާޞް ހިފުންފަދަ ބޮޑެތި މައްސަލަތަކަށްވެސް އިންކާރުކޮށްފައި ފާހަގަކޮށްލަން ޖެހެއެވެ. 

Advertisement

ކޮމެންޓް