Advertisement

ޒަޚަމްވެފައި އޮތް ވެލައެއް ހަނިމާދޫ ކައިރިން ސަލާމަތްކޮށްފި

24 Aug 2019 | 18:17

ޒަޚަމްތަކަކާއި އެކު ހދ.ހަނިމާދޫ ކައިރިން އޮޔާދިޔަ ވެލައެއް ސަލާމަތްކޮށްފިއެވެ.

ހދ.ކުޅުއްފުއްޓަށް އުފަން ތިމާވެށީގެ އެކްޓިވިސްޓް، އަބްދުﷲ އާދަމް (އެޑަމް) މި ވެލާގެ ފުރާނަ ސަލާމަތްކުރުމަށް ކުރި މަސައްކަތް މީސް މީޑިޔާގައި އާންމުކުރުމުން ގިނަ ބަޔެއްގެ ތައުރީފު ދަނީ އެޑަމްއާއި އޭނާގެ ރަހުމަތްެތެރިންނަށް ލިބެމުންނެވެ.

އެޑަމް ބުނިގޮތުގައި ހަނިމާދޫ ކައިރިން އޮޔާ ދަނިކޮށް އެ ވެލާ ފެނުނު އިރު، އޭގެ ވާތު ފައެއް ނެތެވެ. ވެލާއަށް އަނިޔާވެފައިވަނީ ދޯންޏެއްގެ ބުރަފަތީގައި ޖެހިގެންކަމަށް ބެލެވޭކަމަށް އޭނާ ބުންޏެވެ.

އިއްޔެ ހެނދުނު ދިހައެއް ޖަހާއިރު އޭނާއަށް ވެލާ ފެނުމާއެކު އެއް ގަމަށް ގެނެސް އޭގެ މައުލޫމާތު އިންޑިޔާ ކަނޑުގައި އުޅޭ ވެލާތަކާއި އެތަކެތީގެ މާހަލުގެ ހިމާޔަތުގައި މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ އޮލިވް ރިޑްލޭ ޕްރަޖެކްޓްގެ ފަރާތްތަކާ ހިއްސާކުރި އެވެ.

އެ މައުލޫމާތު ދިނުމާއެކު އެއަށް ފަރުވާ ދޭނެ ތަނަކަށް ގެންދިއުމުގެ އިދާރީ ކަންކަން އޮލިވް ރިޑްލޭ ޕްރަޖެކްޓްގެ ފަރާތުން ޖެކީ ފެށިއެވެ. އޮލިވް ރިޑްލޭ އިން ރާއްޖޭގެ ޅ.ނައިފަރުގައި އެ ފަރާތްތަކުގެ ޓާޓަލް ކޮންޒަވޭޝަން ސެންޓަރެއް ދަނީ ފަޚުރުވެރިކަމާއި އެކު ހިންގަމުންނެވެ.

އެޑަމް އިތުރަށް ބުނިގޮތުގައި އޭނާ އެންމެ ފުރަތަމަ މަސައްކަތް ކުރީ ސީޕްލޭނެއްގައި ވެލާ ގެނެވޭތޯ އެވެ. ނަމަވެސް އެ ސަރަހައްދަށް އާންމުކޮށް ސީޕްލޭން ނުޖައްސާތީ، ދެން ބެލީ މަތިންދާބޯޓަކުން ގެންދެވޭތޯއެވެ.

އެގޮތުން، ހަނިމާދޫއަށް ފްލައިޓް އޮޕަރޭޓް ކުރަމުން އަންނަ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަން އޮފިސަރު މޫސާ ވަސީމްއަށް މިކަމުގެ މައުލޫމާތުދީ އެހީއަށް އެޑަމް އެދުނެވެ. މޫސާވެސް އޭނާގެ ފަރުދީ ޒިންމާ ފުރިހަމައަށް އަދާކުރުމަށް، ފްލައިޓް ޝެޑިއުލް ބެލުމަށްފަހު އެންމެ ފުރަތަމަ ހަނިމާދޫއަށް ޖައްސާ ފްލައިޓުން ވެލާ ގެންދެވޭނެ ގޮތް ހަމަޖެއްސައިދިނެވެ.

އޭރު، އެ ރަށަށް ޒިޔާރަތްކޮށްގެން އުޅޭ އެޑަމްގެ ދެ ރަހުމަތްތެރިން ކަމުގައިވާ މެކްސްވެލް ސްކޫލުގެ ރޯޖާ އާއި އެރިކާ ދިޔައި ވެލާއަށް ދެވެން އޮތް ފަރުވާއެއް ދެމުންނެވެ. އެޑަމް ބުނިގޮތުގައި ރޯޖާއާއި އެރިކާާ ވަނީ ގާތްގަނޑަކަށް ހަތަރު ގަޑިއިރު ވަންދެން އެ ވެލާ ބަލާފައެވެ.

މި ހަތަރު ގަޑިއިރަށް ފަހުގައި ވެލާ އޮތީ، ހަނިމާދޫގެ ބެއާފުޓް ހޮޓެލްގެ ކޮންސާވޭޝަން ސެންޓަރުގައެވެ. މެންދުރުން އަނބުރާން އުޅެނިކޮށް މާލެ ފޮނުވާލި ވެލާ، ހަވީރު 17:20 ގައި ވަނީ މާލެ ގެންދެވި ފަރުވާ ދޭން ފަށާފައެެވެ.

މި ވެލާއަށް އެޑަމް ދީފައިވާ ނަމަކީ އެރިކާ އެވެ. އެޑަމް ބުނިގޮތުގައި އޭނާގެ ދުއާއަކީ މި ވެލާއަށް އަވަަސް ޝިފާއެއް ލިބުމެވެ.

Advertisement

ކޮމެންޓް