Advertisement

އަންހެން ފަނޑިޔާރުން އައްޔަން ކުރަން އާޒިމާ ތާއީދު ކުރައްވައިފި

24 Aug 2019 | 21:06

ރާއްޖޭގެ ކޯޓުތަކަށް އަންހެން ފަނޑިޔާރުން އައްޔަން ކުރެއްވުމަށް ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު ތާއީދު ކުރައްވައިފިއެވެ.

އާޒިމާ ޝަކޫރު މިއަދު އޭނާގެ ފޭސްބުކް ޕޭޖުގައި ލިޔުއްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގައި އަންހެން ފަނޑިޔާރުން އައްޔަން ކުރަން ފެށި މިއަދަކު އިއްޔެއަކު ނޫން ކަމަށާއި ރައީސް މައުމޫންގެ ވެރިކަމުގައި 2007 ގައި އެންމެ ފުރަތަމަ އަންހެން ގާޒީއަކު އައްޔަން ކުރެއްވި އިރު ވެސް އަންހެން ފަނޑިޔާރުން އައްޔަން ކުރެއްވުމަށް އޭނާ ތާއީދު ކުރައްވާކަމަށެވެ.

އާޒިމާ ވަނީ ސިވިލް ކޯޓުގެ ގާޒީ ކަމަށް އާއިޝަތު ޝުޖޫން އައްޔަން ކުރެއްވި ދުވަސްވަރު ޖަސްޓިސް މިނިސްޓަރު ކަމުގައި ހުންނެވީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ކަމަށާއި އެޓާނީ ޖެނެރަލްގެ މަގާމުގައި ހުންނެވީ ޑރ. ހަސަން ސައީދު ކަމަށް ވިދާޅުވެފައެވެ. އަދި ޖެންޑާ މިނިސްޓަރު ކަމުގައި ހުންނެވީ އައިޝަތު މުހައްމަދު ދީދީ ކަން ފާހަގަކުރައްވާފައެވެ.

އަދި އެކަމަކީ ވަރަށް ގިނަ މީހުންގެ މަސައްކަތުން ދިރާސާތަކެއް ކޮށްގެން ނިންމުނު ނިންމުމެއް ކަމަށް އާޒިމާ ވިދާޅުވިއެވެ. އެގޮތުން އޭގެތެރޭގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިލްމުވެރިން ހިމެނޭ ކަން ފާހަގަކުރައްވައި އާޒިމާ ވިދާޅުވީ އޭރު އެކަން ކުރެވިގެން ދިޔައީ އިސްލާމީ ކަންކަމާ ބެހޭ އެންމެ މަތީ މަޖިލީހުގެ ރުހުމާއެކުގައި ކަމަށެވެ.

އަންހެން ބޭފުޅަކު ފުރަތަމަ ފަހަރަށް އިސްތިއުނާފުގެ ކޯޓަކަށް 2011 ގައި ފަނޑިޔާރަކު އައްޔަންކުރެވުނު ފަހުން އަންހެނުން ފަނޑިޔާރު ކަމަށް އައްޔަން ކުރެވެމުން ދިޔަކަމާއި އެކަމަށް ހުއްޓުމެއް ނާންނަ ކަމަށް އާޒިމާ ވިދާޅުވިއެވެ.

އޭގެ އިތުރުން އާޒިމާ ވިދާޅުވީ 2007 ގައި ދިވެހި ދައުލަތުން އަންހެނުންނަށް ފަނޑިޔާރުކަން ކުރެވޭނެ ކަމަށް ނިންމި ކަމަށާއި ރައީސް މައުމޫންގެ ޒައާމަތުގައި ދިވެހި ދައުލަތުން ނިންމި އެ މުހިންމު ނިންމެވުމާ އެއްގޮތަށް ރައީސް ނަޝީދުއާއި ރައީސް ވަހީދާއި އަދި ރައީސް ޔާމީންވެސް އަމަލުކުރައްވަމުން ގެންދެވި ކަމަށެވެ. އަދި ރައީސް ސޯލިހުވެސް އަމަލުކުރެއްވީ އެގޮތަށް ކަމަށާއި މިއަދުވެސް ދިވެހި ދައުލަތުގެ އެނިންމުން ބަދަލު ނުކުރާކަމަށް އާޒިމާ ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކަށް ބަދަލުކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗް މިހާރު ވަނީ ހަތަކަށް ބަދަލުކުރުމަށްޓަކައި އަންހެން ދެ ފަނޑިޔާރެއްގެ ނަން ޖޭއެސްސީއަށް ފޮނުއްވާފައެވެ. ޖޭއެސްސީގެ ލަފައަކަށް އެދިވަޑައިގެން ރައީސް ސޯލިހު ފޮނުއްވި ދެ ނަމަކީ ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަޒުމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އާއިޝަތު ޝުޖޫންގެ ނަމެވެ.

އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ ކޯޓަށް އަންހެން ދެ ފަނޑިޔާރުން އައްޔަން ކުރެއްވުމާ ގުޅޭ ގޮތުން ދީނީ ބައެއް އިލްމުވެރިން ވިދާޅުވެފައިވަނީ ދީނީ ގޮތުން ބަލާއިރު، މުސްލިމު ގައުމެއްގެ ފަނޑިޔާރުކަން އަންހެނަކަށް ނުކުރެވޭނެ ކަމަށާއި އެއީ އިސްލާމީ ޝަރީއަތުގައި ހުއްދަ ނޫން، ހަރާމް ކަމެއް ކަމަށެވެ.

ގިނަ އިލްމުވެރިން އެކަމަށް ދެކޮޅު ހައްދަވަމުން ދަނިކޮށް، ކުރީގެ ރައީސް މައުމޫންވެސް ވަނީ އަންހެނުން ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުގެ ފުރުސަތު އެމަނިކުފާނުގެ ވެރިކަމުގައި ލިބިގެން ދިއުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.

Advertisement

ކޮމެންޓް