ވީއޭއާރް ރޮނާލްޑޯގެ ގޯލް ގަބޫލުނުކުރިއިރު ޔުވެންޓަސް މޮޅަކުން ލީގް ފަށައިފި

25 Aug 2019 | 04:44

ލީގުގައި ކުޅުނު ފުރަތަމަ މެޗް ކާމިޔާބުކޮށް ޔުވެންޓަސް ފެށުން ރަނގަޅު ކޮށްފިއެވެ.

ޕާރްމާއައި ދެކޮޅަށް ކުޅުނު މެޗް ޔުވެންޓަސް ކާމިޔާބުކުރީ 1-0 ގެ ހަނި ނަތީޖާއަކުންނެވެ. މި މެޗުގައި ޔުވެންޓަސް ވަނީ ޕާރްމާއަށް ހަމަޖެހިލައިގެން ކުޅުމުގެ ފުރުސަތު ނުދީ މުޅި މެޗުގައި ޕޮޒިޝަނަލް ފުޓްބޯޅައެއް ކުޅެ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ.

މި މެޗުގައި ފެނުނު ހަމައެކަނި ގޯލް ޔުވެންޓަސްއަށް ކާމިޔާބު ކޮށްދިނީ 21 ވަނަ މިނެޓުގައި ކެޕްޓަން ކިއެލީނީއެވެ. އެ ގޯލުގެ އިތުރުންވެސް ޔުވެންޓަސް ވަނީ ގޯލެއް ޖަހާފަެވެ. ނަމަވެސް ރެފްރީ ވަނީ ރޮނާލްޑޯގެ ކާމިޔާބުކުރި ގޯލް ވީއޭއާރް މެދުވެރިކޮށް ބެލުމަށްފަހު ގޯލެއް ނޫން ކަމުގައި ނިންމާފައެވެ. ވީއޭއާރް ދެއްކި ގޮތުގައި ގޯލު ޖެހުމުގެ ކުރިން ބޯޅަ ހޯދުމަށް ރޮނާލްޑޯ ދުއްވައިގައިން އިރު އޭނާ ހުރީ އޮފްސައިޑް ވެފައެވެ.

މި މެޗުން ފާހަގަވެގެންދިޔަ އެއްކަމަކީ މި ސީޒަނުގައި އަޔެކްއިން ޔުވެންޓަސްއައި އަލަށް ގުޅުނު އުންމީދީ ޒުވާން ޑިފެންޑަރ ޑިލައިޓް މުޅި މެޗުގައިވެސް އިނީ ބެންޗުގައި ކަމެވެ. އޭގެ އިތުރުން އާސެނަލް ދޫކޮށް ޔުވެންޓަސްއަށް ބަދަލުވި ރަމްސޭ މި މެޗަށް ނުކުތް ޔުވެންޓަސްގެ ސްކޮޑުގައި ހިމެނިފައެއް ނުވެއެވެ.

ނިއުމޯނިއާއަށް ފަރުވާ ކުރަމުންދާ ޔުވެންޓަސްގެ ކޯޗް ސަރީ އެޓީމުގެ ބެންޗުން ފެނިފައިނުވާއިރު ކުރިއަށް އޮތް މެޗުގައި ޔުވެންޓަސް ނަޕޯލީއައި ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގައިވެސް ސަރީ ނުފެންނާނެއެވެ. 

Advertisement

ކޮމެންޓް