އިންޓަރނެޓް އަގުހެޔޮކުރުމުގެ މަޝްވަރާ ނިމުނުތާ ދެމަސް، އުފާވެރި ޚަބަރެއް އަދިވެސް ނުލިބޭ

25 Aug 2019 | 10:37

ދިވެހިރާއްޖޭގައި ފޯރުކޮށްދެމުންދާ އިންޓަރނެޓްގެ އަގުހެޔޮކުރުމަށް އައިއެސްޕީތަކާއި މަޝްވަރާކޮށް ނިމުނުތާ ދެމަސް ވެއްޖެކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ހާމަކުރައްވައިފިއެވެ.

މިނިސްޓަރ މަލީހު މިކަން ހާމަކުރެއްވީ ޔުނިވާސިޓީ ތައުލީމް ހާސިލް ކުރާ ދަރިވަރުން އިންޓަރނެޓަށް ދައްކަން ޖެހޭ ފައިސާގެ އަދަދު ގިނަކަމަށް ފާހަގަކޮށް އާންމު ފަރާތަކުން ކުރި ޓްވީޓަކަށް ޖަވާބު ދެއްވަމުންނެވެ.

މަލީހު ވިދާޅުވީ ދަރިވަރުންނަށް އަތްފޯރާފަށުގަ ނެޓް ލިބުމަކީ ވަރަށް މުހިންމުކަމެއްކަމަށެވެ.

އަދި އިންޓަރނެޓްގެ އަގު ހެޔޮކުރުމުގެ މަޝްވަރާ ނިމުނުތާ ދެމަހެއްހާ ދުވަސްވެއްޖެކަމަށާއި އެ އަގުތައް ސަރުކާރުން އަދިވެސް ރަނގަޅުކުރެވޭތޯ ކުރާ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

"އުފާވެރި ޚަބަރުގެ ވަގުތު ކައިރިވެއްޖެ"، މަލީހު ވިދާޅުވިއެވެ.

އިންޓަރނެޓް އަގުހެޔޮކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދަކަށް ވީހިނދު، އެކަމުގެ މަސައްކަތް ލަސްވަމުން ދިޔުމުން ގިނަ ބަޔެއްގެ ފާޑުކިޔުން މިނިސްޓަރ މަލީހާއި ކޮމިއުނިކޭޝަން މިނިސްޓްރީއަށް ދަނީ އަމާޒުވަމުންނެވެ.

Advertisement

ކޮމެންޓް