އާސެނަލް އަތުން ލިވަޕޫލްއަށް ފަސޭހަ މޮޅެއް

25 Aug 2019 | 10:35

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަދި އާސެނަލް ބައްދަލުކުރި މެޗް ފަސޭހަކަމާއެކު ލިވަޕޫލް ކާމިޔާބު ކޮށްފިއެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދާނެ ކަމަށް ގަބޫލު ކުރެވުނު މި މެޗް ލިވަޕޫލް ފަސޭހަކަމާއެކު ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މިއާއެކު މި ސީޒަނުގެ ލީގުގައި މިހާތަނަށް ބަލިނުވާ ހަމައެކަނި ޓީމަކީ ލިވަޕޫލްކަންވެސް ފާހަގަ ކޮށްލަންޖެހެއެވެ.

ލިވަޕޫލްގެ ފަރާތުން މިދިޔަ ސީޒަނުގައި ފެނުނު ކަހަލަ އެޓޭކިންގ ރީތި ފުޓްބޯޅައެއް ފެނުނު މި މެޗުގައި ފުރަތަމަ ގޯލު ޖަހާ ކުރި ހޯދާފައިވަނީ ލިވަޕޫލްއެވެ. ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތަރު ވަރަކަށް މިނެޓަށް ވެފައިވަނިކޮށް ލިވަޕޫލްގެ މި ގޯލް ކާމިޔާބު ކޮށްދިނީ އާނޯލްޑް ނަގައިދިން ކޯނަރަކުން ޑިފެންޑަރ މަޓިޕްއެވެ.

ދެވަނަ ހާފް ފެށިތާ ކުޑަ ވަގުތު ކޮޅެއް ތެރޭ ޑާވިޑް ލުއިޒް އާސެނަލްގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޯވަޑް ސަލާހްގެ ޓީޝާޓުގައި ހިފެހެއްޓުމުގެ ސަބަބުން ލިވަޕޫލްއަށް ލިބުނު ޕެނަލްޓީއާއެކު މެޗު ތެރެއަށް ވަނުމަށް އާސެނަލް ކުރި އުންމީދުތައް ފަނޑުވެގެން ދިޔައެވެ. ސަލާހްގެ މަސައްކަތުން ހޯދި ޕެނަލްޓީ ގޯލުތެރެއަށް ފޮނުވާލާ ލިވަޕޫލްގެ ލީޑް ދެ ގޯލަށް ފުޅާ ކޮށްދިނީވެސް އޭނާއެވެ. އޭގެ އިތުރުން ލިވަޕޫލްގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދިނީވެސް ސަލާހްއެވެ.

ތިންވަނަ ގޯލަށްފަހު ލިވަޕޫލް ހަމަޖެހިލައިގެން ކުޅެމުން ދިޔަ މަންޒަރު ފެނިގެން ދިޔައިރު އާސެނަލްގެ ފަރާތުން ފެނުނު ހަމައެކަނި ގޯލް ޖެހީ ފުރިހަމަ ވަގުތު ހަމަވާން ކައިރިވެފައި ވަނިކޮށް ޓޮރެއިރާއެވެ.

މެޗައި ގުޅޭ ގޮތުން ލިވަޕޫލްގެ ކޯޗް ކްލޮޕް ބުނީ ސީޒަނުގެ ވަރަށް ކުރީކޮޅު ކުޅެވުނު މި މެޗަކީ ވަރަށް ރަނގަޅު މެޗެއް ކަމަށައި މުޅި މެޗުގައިވެސް އޭނާގެ ޓީމުގެ ފަރާތުން ފެނުނީ ވަރަށް ވަރުގަދަ އަދި މޮޅު ކުޅުމެއް ކަމުގައެވެ.

އާސެނަލްގެ ކޯޗް އެމެރީ ބުނީ ފުރިހަމަ ވަގުތު ނުކުތް ނަތީޖާއަށް ނުބަލާ މެޗުން ރަނގަޅު ކަންތައްތަކެއް ފާހަގަވެގެން ގޮސްފައިވާކަމަށެވެ. މި މެޗުގައި އޭނާގެ ޓީމުގެ ފަރާތުން އެޓޭކިންގ ފުޓްބޯޅައެއް ފެނުންނަމަ އެދެވޭ ނަތީޖާއެއް ނުކުތީސްކަމަށް ގަބޫލުކުރެވޭ ކަމަށްވެސް އެމެރީ ބުންޏެވެ.

9 ޕޮއިންޓާއެކު ލިވަޕޫލް ތާވަލުގެ އެއްވަނައިގަ އޮތްއިރު ތިން މެޗުން ލިބުނު 6 ޕޮއިންޓާއެކީ އާސެނަލް އޮތީ ދެވަނައިގައެވެ. 

Advertisement

ކޮމެންޓް