އަންހެން ފަނޑިޔާރުން އައްޔަންކުރުމަށް އަދާލަތު ޕާޓީންވެސް ނުރުހޭ!

25 Aug 2019 | 19:50

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަންކުރުމަށް ނުރުހޭކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ބުނެފިއެވެ.

އެފަރާތުން މިހެން ބުނެފައިވަނީ މިއަދު ނެރުނު ބަޔާނެއްގައެވެ.

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ބުނީ ގާޟީކަމަށް އައްޔަންކުުރުން މުތުލަގުކޮށް ހުއްދަވެގެން ނުވާކަމަށް ބުރަވެވޭ ކަމަށެވެ. އެއީ އިސްލާމީ އުންމަތުގައި އެކި ޒަމާންތަކުގައި އުފެދިގެން އައި ބޮޑެތި އިލްމުވެރިންނާާއި، އެއް ޖީލަށްފަހު އައި އަނެއް ޖީލެއްގެ އިލްމުވެެރިން ކުރެ، މިއަދާއި ހަމައަށް އައި ހުރިހާ ޖުމްހޫރު އިލްމުވެރިންގެ ރަޢުޔުއަކީ މިއީ ކަމަށް ވާތީކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ނަމަވެސް އިހްލާސްތެރިކަމާއެކު ހިލާފީ މައްސަލައެއްގައި ވަކި ރައުޔެއް އިހްތިޔާރުކުރާ މީހާ އޭނާއަށް އިހްތިޔާރު ކުރެވުނީ އެކަމުގައި އޮންނަ ގޯސް ރައުޔުކަމުގައި ވީނަމަވެސް، ފާފަވެރި ނުވާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

 އެ ބަޔާނުގައި އިތުރަށް ބުނީ މިފަދަ މައްސަލަތަކުގައި އެމީހަކަށް ބުރަވެވޭ ރައުޔުއަކީ އެ މައްސަލައިގައި އޮތް ހަމައެކަނި ރައުޔުކަމަށް ބަލައި، އެހެން ރައުޔުއަކަށް ތާއިދުކުރާ މީހަކީ މަގުފުރެދިފައިވާ ނުވަތަ ކާފަރުވެފައިވާ ފަރާތެއްކަމަށް ބުނެވޭނެ އެއްވެސް ގޮތެއް ނެތްކަމަށެވެ.

އަދި އެފަދަ ބަސްތައް ބުނުމުން ދުރުހެލިވާން ޖެހޭކަމަށް ވަނީ ބުނެފައެވެ.

އަދާލަތު ޕާޓީން އިތުރަށްބުނީ އިސްލާމީ ޝަރީއަތަކީ މާތްﷲ ސުބުހާނަހޫ ވަތައާލާގެ ހަޟްރަތުން ބާވައިލެއްވި އިލާހީ ޝަރީއަތްކަމަށާއި މި ޝަރީއަތުގައިވާ ކަންކަމަކީ މީސްތަކުންގެ ހަވާ ނަފްސު ރުހޭގޮތަށް ހުންނަންވާނެ އެއްޗެއް ނޫންކަމަށެވެ.

އެ ޕާޓީން މިހެން ބުނެފައިވީނަމަވެސް އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑާ މިނިސްޓަރކަމަށް ވަޑައިގެންނެވި ޝިދާތާ ޝަރީފް ވަނީ އަންހެން ފަނޑިޔާރުން އައްޔަންކުރުމަށް ތާއިދުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

Advertisement

ކޮމެންޓް