ބޯހިޔާވަހިކަމާ ގުޅޭ ތިން ގަރާރެއް މަޖިލީހަށް ހުށަހަޅައިފި

25 Aug 2019 | 19:31

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާ ގުޅޭ ތިން ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ތިލަދުންމަތީގެ ތިން މެންބަރަކު ހުށަހެޅުއްވި ތިން ގަރާރުގައިވެސް ވަނީ، ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ ވައުދެއްކަން ފާހަގަކޮށްފައެވެ.

އެގޮތުން ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ މިދިޔަ ބުދަ ދުވަހު ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ ގެދޮރު ނެތް މީހުންނަށާއި އަލަށް ކައިވެނި ކުރާ މީހުންނަށް ގޯތި ދެވޭ ވަރުގެ ރަށްރަށުން ގޯތި ދޫނުކޮށް އޮތުމުން މީހުން ބޯހިޔާވަހިކަމުގެ ހައްގުން މަހުރޫމުވެ ބިކަވަމުންދާ ކަމަށެވެ.

ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހުށަހެޅުއްވީ އެއް ރަށުން އަނެއް ރަށަށް ދިރިއުޅުން ބަދަލުކުރާ މީހުންނަށް ފްލެޓު ދޫކުރުމުގެ މަސައްކަތް އަވަސްކުރުމަށާއި ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ގޮވާލައިވެސް ގަރާރެކެވެ. މި ގަރާރު އޭނާ ހުށަހެޅުއްވީ މިދިޔަ ބުދަ ދުވަހު އެވެ.

އަދި ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ހުށަހެޅުއްވި ގަރާރަކީ ވެށިފަހި މާލެ މާލެ ޕްރޮގްރާމުގެ ދަށުން މާލެއިން ބިން ދޫކޮށްލާ ފަރާތްތަކަށާއި ގުޅީފަޅުން ބިން ގަނެފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ގޮވާލައި ހުށަހެޅުއްވި ގަރާރެކެވެ.

ރައީސް ސޯލިހުގެ ފަސް އަހަރުގެ ތެރޭގައި ބޯހިޔާވަހިކަން ބޭނުންވާ ހުރިހާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމަށް ރައީސް ސޯލިހު ވަނީ ވައުދުވެވަޑައިގެންފައެވެ.

Advertisement

ކޮމެންޓް

Advertisement