ރައީސް މައުމޫން، ރައީސް ސޯލިހާ ބައްދަލުކުރައްވައިފި

25 Aug 2019 | 19:31

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައިފިއެވެ.

ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހާއެކު މިއަދު ބައްދަލުކުރެއްވި ކަމަށާއި މިބައްދަލުކުރެއްވުމުގައި އަމިއްލަ ޕާޓީގެ ރެޖިސްޓްރޭޝަން މަސައްކަތް މިހާރު ކުރިއަށްދާއިރު، އެމްއާރުއެމް ރެޖިސްޓްރީވުމަށްފަހުވެސް ސަރުކާރަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ރައީސް ސޯލިހަށް އެރުވި ކަމަށެވެ.

އަދި ރާއްޖޭގެ ހާލަތާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން އިސްވެ ހުންނަވައިގެން އުފައްދަން މަސައްކަތް ކުރާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން އެމަނިކުފާނުގެ ދަރިކަނބަލުން ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫނަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުއްދަ ދީފައެވެ. އަދި މިދިޔަ ހަފްތާގައި އެމްއާރުއެމް އުފައްދަން ބޭނުންވާ އަދަދު ހަމަކޮށް އިލެކްޝަނަށް ވަނީ ފޯމު ހުށަހަޅާފައެވެ.

ރައީސް މައުމޫނަކީ ކޯލިޝަން ސަރުކާރުގެ އެއް ބައިވެރިއެވެ.

Advertisement

ކޮމެންޓް