ގާޒީކަމަށް އަންހެނަކު އައްޔަންކުރުމާއި މެދު ޢަދާލަތު ޕާޓީގެ ރައުޔު!

25 Aug 2019 | 20:20

ފުރަތަމަ ރައުޔު:

ފުރަތަމަ ރައުޔުކަމަށް ޢަދާލަތު ޕާޓީއިން ފާހަގަކޮށްފައިވަނީ ފަނޑިޔާރުކަމުގެ މަގާމަށް އަންހެނަކު އައްޔަން ކުރުމަކީ މުތުލަގުކޮށް ހުއްދަކަމެއް ނޫން ކަމަށް އޮންނަ ރައުޔުކަމަށެވެ. މިޒަމާނުގެ ވަރުގަދަ ބޮޑެތި އިލްމުވެރިންނަށް ހަވާލާދީ ބަޔާނުގައިވަނީ އެބޭފުޅުންވެސް ތާއީދު ކުރައްވާ ރައުޔަކީ މިއީކަމަށެވެ. މީގެ އިތުރުން އިސްލާމީ އުންމަތުގެ ގިނަ ދަންނަބޭކަލުންގެ ރައުޔުކަމަށް އެޕާޓީގެ ބަޔާނުގައިވެއެވެ.

ދެވަނަ ރައުޔު:

ބަޔާނުގައި ހާމަކޮށްފައިވާ ގޮތުގައި "ހައްދާއި ގިސޯސްގެ މައްސަލަތައް ފިޔަވައި އެހެން މައްސަލަތަކުގައި އަންހެނަކު ފަނޑިޔާރުކަން ކުރުމަކީ ހުއްދަ ކަމެއް ކަމަށް" ބުނާ ރައުޔެވެ. މިޒަމާނުގެ ބައެއް އިލްމުވެރިން މި ރައުޔަށް ތާއީދު ކުރައްވަނީ މިރައުޔުކަމަށް ޢާދަލަތު ޕާޓީގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.

ތިންވަނަ ރައުޔު:

"ފަނޑިޔާރުކަމުގެ މަގާމަށް އަންހެނަކު އައްޔަންކުރުމަކީ މުތުލަގުކޮށް ހުއްދަކަމެއް ކަމުގައި" ބުނާ ރައުޔުވެސް ޢަދާލަތު ޕާޓީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ، މި ރައުޔުގައި ބުނަނީ އެއްވެސް އިސްތިސްނާއެއް ނެތި ހުރިހާ ބާވަތެއްގެ މައްސަލަތަކުގައި އަންހެނުންނަށް ފަނޑިޔާރުކަން ކުރެވިދާނެ ކަމަށެވެ. މިރައުޔަކީ ކުރީގެ ރައީސް މައުމޫނު ވަކާލާތު ކުރައްވާ ރައުޔެވެ. މިރައުޔަށް ވަކާލާތު ކުރައްވާ ޢިލްމުވެރިން ވިދާޅުވަނީ "މަނާވުމުގެ ދަލީލެއް އަތުވެއްޖެއުމަށް ދާންދެން ކަންކަމުގެ އަސްލަކީ ހުއްދަވުން ކަމަށާއި، މީސްތަކުގެ ތެރޭގައި ފައިސަލާކުރުމަށް އެކަށީގެންވާ މީހާގެ ހުކުމް ކުރުންވެސް ހުއްދަވެގެންވާ"ކަމަށެވެ.

ޢަދާލަތު ޕާޓީގެ ރައުޔު:

ތިން ރައުޔުގެ ތެރެއިން ޢަދާލަތު ޕާޓީއިން ބޮޑަށް ބުރަވަނީ ގާޒީކަމަށް އަންހެނަކު އައްޔަންކުރުން މުތުލަގުކޮށް ހުއްދަ ނޫންކަމުގެ ރައުޔުކަމަށެވެ. "އިސްވެ ބަޔާންކުރެވުނު ރައުޔުތަކަށް ބަލައި އަދި މި ރައުޔުތަކާ ގުޅިގެން އިލްމުވެރިން ގެންނަވާފައިވާ ދަލީލުތަކަށް ރިއާޔަތްކޮށް ބަލާއިރު ރާޖިޙު (ބުރަވާ) ރައުޔަކީ މި ތިން ރައުޔުގެ ތެރެއިން ގާޒީކަމަށް އަންހެނަކު އައްޔަންކުރުން މުތުލަގުކޮށް ހުއްދަ ނޫންކަމުގެ ރައުޔެވެ،" އަދާލަތު ޕާޓީގެ ބަޔާނުގައިވެއެވެ.

ގާޒީކަމަށް އަންހެނަކު އައްޔަންކުރުން މުތުލަގުކޮށް ހުއްދަ ނޫންކަމުގެ ރައުޔުކަމަށް ޢަދަލަތު ޕާޓީއިން ނިންމިކަމުގައިވިޔަސް އެޕާޓީއިން ވަނީ އަނެއް ރައުޔަތަކަށް އިހްތިރާމް ކުރުމަށާއި ދެން ހުރި ރައުޔުތަކަށް ތަބާވާ މީހުން ފާފަވެރި ނުވާނެ ކަމަށެވެ.

"ފަހެ އިހްލާސްތެރިކަމާއެކު ހިލާފީ މައްސަލައެއްގައި ވަކި ރައުޔެއް އިހްތިޔާރުކުރާ މީހާ އޭނާއަށް އިހްތިޔާރު ކުރެވުނީ އެކަމުގައި އޮންނަ ގޯސް ރައުޔުކަމުގައި ވީނަމަވެސް، ފާފަވެރި ނުވާނެ ކަމަށެވެ." އަދާލަތު ޕާޓީގެ ބަޔާނުގައިވެއެވެ. އަދި "ވަކިން ހާއްސަކޮށް މީސްތަކުން އެބޭފުޅުންގެ ބަސްފުޅުތަކަށް އިހްތިރާމް ކުރާ ބޭފުޅުން ދުރުހެލިވާން ޖެހޭ" ކަމަށް ބަޔާނުގައިވެއެވެ

Advertisement

ކޮމެންޓް