ކުޑަކުދިންނަށް އިސްލާހީ މަރުކަޒުތަކެއް ހަދަން ގާނޫނު ލާޒިމު ކުރަން ބިލު ހުށަހަޅައިފި

25 Aug 2019 | 20:31

ކުޑަކުދިންނަށް ހާއްސަ އިސްލާހީ މަރުކަޒުތަކެއް ހަދަން ލާޒިމުކުރާ ގޮތަށް ކުޑަކުދިންގެ އަދުލުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. ބިލު ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ ބިލުގެ މަގުސަދަކީ ކުޑަކުދިންނަށް ހިމާޔަތާ ރައްކާތެރިކަން ދިނުން ކަމަށެވެ.

އެބިލުގައިވާގޮތުން، ކުރުމުއްދަތަށް ނުވަތަ ދިގު މުއްދަތަކަށް އެކަހެރިކޮށްގެން ފަރުވާދޭން ޖެހޭ ކުޑަކުދިންނާއި އިސްލާހީ ފިޔަވަޅު އެޅުމަށްޓަކައި ދިގު މުއްދަތަށް ބަންދުގައި ބައިތިއްބަން ޖެހޭ ކުދިން ބޭތިއްބުމަށް ކުޑަކުދިންގެ ރެޒިޑެންޝަލް މަރުކަޒުތަކާއި ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތައް ގާއިމް ކުރަން ޖެހޭނެއެވެ.

އަދި އެ މަރުކަޒުތައް ހިންގުމުގައި ކުޑަކުދިންގެ ރައްކާތެރި ކަމަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި ގުޅިގެން އެކަން ކުރުމަށް އިސްކަން ދޭން ޖެހޭ ކަމަށް ބުނެފައިވެއެވެ.

ޖުވެނައިލް ޑިޓެންޝަން ސެންޓަރުގައި ބައިތިއްބަން ޖެހެނީ ދިގު މުއްދަތަކަށް ބަންދު ކުރުމަށް ކޯޓުން ކަނޑައަޅާ ކުޑަކުދިންގެ ތެރެއިން ނުރައްކާތެރި ކުށް ކުރާ ކުދިން ފިޔަވައި އެހެން ކުދިން ބޭތިއްބުމަށް ހާއްސަ ކުރެވޭ މަރުކަޒުތަކެވެ.

ލޯންގް ޓާމް ސެކިއޯ ފެސިލިޓީ މަރުކަޒެއްގައި ބަހައްޓަން ޖެހެނީ ދިގުމުއްދަތަށް ބަންދުކުރުމަށް ކޯޓުން ކަނޑައަޅާ ކުދިންގެ ތެރެއިން ނުރައްކާތެރި ކުށްކުރާ ކުދިން މުޖުތަމައާ އެކަހެރިކޮށް ބަހައްޓަންޖެހޭ ކުދިންނެވެ.

އަދި އޭގެއިތުރުން ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ ކުދިންނަށް ހާއްސަ ކުޑަކުދިންގެ ކަސްޓޯޑިއަލް މަރުކަޒެއް ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އަމަލުކުރަން ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ގާއިމް ކުރަން ވާނެ ކަމަށް އެ ބިލުގައި ބުނެފައިވެއެވެ.

ބިލުގައިވާ ގޮތުން ކުޑަކުދިންގެ އަދުލުގެ ބިލު ގާނޫނަކަށްވެސް އަމަލުކުރަން ފެށުމާއެކު ކުޑަކުދިންގެ ކުށުގެ މައްސަލަތައް ތަހުގީގުކުރާނީ މޯލްޑިވްސް ޕޮލިސް ސާވިސްގައި ގާއިމް ކުރާ ކުޑަކުދިންގެ މައްސަލަތައް ތަހުގީގު ކުރުމަށް ހާއްސަ ޑިޕާޓްމަންޓަކުންނެވެ.

މިބިލުން ކުށުގެ ތުހުމަތު ކުރެވޭ ކުއްޖާއަށް ނުވަތަ ހުކުމެއް ތަންފީޒު ކުރަމުންދާ ކުއްޖާގެ ކަރާމާތް ގެއްލޭ ފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

Advertisement

ކޮމެންޓް