ސަޕްލިމެންޓަރީ ބަޖެޓުން ރާއްޖޭގެ އިގްތިސާދީ ދުވެލި އިތުރަށް ހަލުވިވެގެން ދާނެ: އަމީރު

25 Aug 2019 | 22:33

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓަރީ ބަޖެޓުން ރާއްޖޭގެ އިގްތިސާދީ ދުވެލި އިތުރަށް ހަލުވިވެގެން ދާނެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވީ، ސަޕްލިމެންޓަރީ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި މިއަދު ދެއްކެވި ވާހަކައިގައެވެ.

އަމީރު ވިދާޅުވީ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހެޅީ މި އަހަރަށް ފާސްކުރި ބަޖެޓު ހުސްވެގެން ނޫންކަމަށާއި މި އަހަރަށް ފާސްކުރި 30.3 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ހަރަދު ކުރީ 15.1 މިލިއަން ރުފިޔާ ކަމަށެވެ.

އަދި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރި 23.3 ބިލިއަން ރުފިޔާގެ ތެރެއިން 14.2 ބިިލިއަން ރުފިޔާ ލިބިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތް ބަޖެޓުގައި އަންދާޒާ ކުރި މިންވަރަށް ވުރެ ބާރަށް ކުރިއަރަމުންދާކަމަށާއި އެހެންކަމުން މިއަހަރު އަހަރު ނިމޭއިރު ދައުލަތަށް ލިބޭ އާމްދަނީގެ މިންވަރު ފާސްކުރި އަދަދަށްވުރެ އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ބަޖެޓުގައި މިހާރު ހިމެނިފައިނުވާ ކަމަކަށް ހަރަދު ކުރަން ޖެހިދާނެ ކަމަށް ބަޖެޓް ކޮންޓިންޖެންސީގެ ގޮތުގައި 225 މިލިއަން ރުފިޔާ ކަނޑައަޅާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި އެސްއެމްއީ ކޯޕަރޭޝަނަށް ކެޕިޓަލްގެ ގޮތުގައި 350 މިލިއަން ރުފިޔާ ހިމަނާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ސަޕްލިމެންޓަރީ ބަޖެޓުން ދެން އެންމެ ބޮޑު ބައެއް ދިނުމަށް ކަނޑައަޅާފައިވަނީ ސިއްހީ ދާއިރާއަށެވެ. އެގޮތުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްގެ ފެންވަރަށް ހޮސްޕިޓަލް ތަރައްގީ ކުރުމަށް 309 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.

Advertisement

ކޮމެންޓް