ބޮޑެތި ކުށްތައް ހޯދަން ސަރަހައްދީ ގައުމުތަކާއެކު ވެފައިވާ އެއްބަސްވުމަށް ރުހުން ދީފި

25 Aug 2019 | 22:41

ގައުމުތަކުގެ މެދުގައި ރާވައިގެން ހިންގާ ބޮޑެތި ކުށްތައް ހޯދުމަށް އެކުލަވައިލި ސަރަހައްދީ އިންޓެލިޖެންސް ސެންޓަރުގެ އެއްބަސްވުމުގައި ސޮއިކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން އެ އެއްބަސްވުމުގެ މައްސަލަ ދިރާސާކޮށްފައިވާ އިރު، މިއަދުގެ ޖަލްސާގައި އެއްބަސްވުމަށް ރުހުން ދިނީ ވޯޓް ނެގި އިރު ތަޅުމުގައި ތިއްބެވި 70 މެންބަރުންގެ އިއްތިފާގުންނެވެ.

މި އެއްބަސްވުމުގައި ސޮއިކުރާނީ ދިވެހިރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް އަދި ސްރީލަންކާގެ ސަރުކާރުންނެވެ.

އެ އެއްބަސްވުމަކީ އދ. ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް އިން އިސް ނަގައިގެން ގާއިމް ކުރަން ހުށަހަޅާފައިވާ އެއްބަސްވުމެކެވެ. އޭގެ މަގްސަދަކީ ދެކުނު އޭޝިއާގައި ހިންގާ ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމަށް ހާއްސަ ރީޖަނަލް އިންޓެލިޖެންސް އެންޑް ކޯޑިނޭޝަން ސެންޓަރެއް ގާއިމް ކުރުމެވެ.

އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ، ދެކުނު އޭޝިއާ ސަރަހައްދުގައި ރާވައިގެން ހިންގާ ބޮޑެތި ކުށްތަކުގެ ސަބަބުން ގައުމުތަކަށް ލިބޭ އިޖުތިމާއީ، އިގްތިސާދީ އަދި ސިޔާސީ ގެއްލުންތައް އިތުރުވަމުން ދާތީ އެފަދަ ގެއްލުންތަކުން ރައްޔިތުންގެ ފުރާނަ އާއި އެހެނިހެން ހައްގުތަކާއި ގައުމީ ބޮޑެތި މަސްލަހަތުތައް ހިމާޔަތް ކުރުމުގެ މުހިއްމުކަން ދެނެގަތުމެވެ.

އޭގެ އިތުރުން ބައިނަލްއަގްވާމީ އުސޫލުތަކާއި އެއްބަސްވުމުގައި ބައިވެރިވާ ގައުމުތަކުގެ ގާނޫނުތަކުގެ އަލީގައި އެއް ގައުމުން އަނެއް ގައުމުގެ އަމިއްލަވަންތަކަމާއި، މިނިވަންކަމާއި، ސަރަހައްދީ ނަޒާހަތްތެރިކަމަށް އިހްތިރާމްކޮށް، ގައުމުތަކުގެ ދާހިލީ ކަންތައްތަކަށް ބުރޫ ނާރާނެހެން، އެފަދަ ކުށްކުރުން ހުއްޓުވުމަށް މަސައްކަތް ކުރުމެވެ.

Advertisement

ކޮމެންޓް