ޓެކްސީ ޑްރައިވަރުން ބޮޑު ފީ ނެގުން ނުހުއްޓައިގެން ހުއްދަ ބާތިލު ކުރާ ހިސާބަށް ގޮސްފި

25 Aug 2019 | 23:10

ސަރުކާރުން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑު އަގުގައި ތިން ފަހަރަށް ވުރެ ގިނައިން ޖޫރިމަނާ ކޮށްފައިވާ ނަމަ ހުއްދަ ބާތިލް ކުރާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފިއެވެ.

އެ އޮތޯރިޓީން އިއުލާނެއްގައި ބުނީ ބޮޑު އަގުގައި ޓެކްސީ ކުރާ ކަމުގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށާ، ކަނޑައަޅާފައިވާ އަގަށް ވުރެ އިތުރަށް ފީ ނަގައިގެން އަހަރަކު ތިން ފަހަރަށް ވުރެ ގިނައިން ޖޫރިމަނާކޮށްފައިވާ ނަމަ ޓެކްސީ ކުރުމުގެ ހުއްދަ ބާތިލް ކުރާނެ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އާއްމު ކުރި ޓެކްސީގެ އަގުތަކާ ބެހޭ ގަވައިދުގައިވާ ގޮތުން މާލލެއިން ހުޅުލެއަށް އަދި ހުޅުލެއިން މާލެއަށް ކުރާ ދަތުރުތަކާއި ހުޅުމާލެއިން ހުޅުލެއަށް އަދި ހުޅުލެއިން ހުޅުމާލެއަށް ކުރާ ދަތުރުތަކަށް ނެގޭނީ 60 ރުފިޔާއެވެ.

މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ކުރާ ދަތުރުތަކަށް ނެގޭނީ 75 ރުފިޔާއެވެ. މާލެތެރޭގައި ދަތުރަކަށް ނެގޭނީ 25 ރުފިޔާއެވެ. އަދި މީގެކުރިން ޑިކީއަށް އެއްޗެއްލާނަމަ އިތުރަށް ފަސް ރުފިޔާ ނެގި ނަމަވެސް އާ ގަވައިދުގެ ދަށުން ޑިކީއަށް ލާ އެއްޗަކަށް އަގެއް ނުނެގޭނެއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ ބޮޑު އަގު ނަގާ ފަރާތްތައް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާ ކުރެވޭނެ ކަމަށާއި އަދި އެއް އަހަރު ތެރޭގައި ތިން ފަހަރަށްވުރެ ގިނައިން އެކަން ތަކުރާރުކޮށްފިނަމައެ ފަރާތެއްގެ ލައިސަންސް ބާތިލު ކުރާނެ ކަމަށެވެ. .

Advertisement

ކޮމެންޓް

Advertisement