އަންހެން ފަނޑިޔާރުން އައްޔަންކުރުމާއި ދެކޮޅަށް ކުއްލި މައްސަލައެއް!

26 Aug 2019 | 12:50

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ދެ އަންހެންބޭފުޅަކު އައްޔަންކުރުމަށް ޖޭއެސްސީން ރުހުން ދީފައިވާތީ، އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްގެ ގޮތުގައި ހުށައަޅައިފިއެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަހުމަދެވެ.

މި ކުއްލި މައްސަލައިގައި ބުނެފައި ވަނީ އިސްލާމްދީނަކީ ރާއްޖޭގެ ގާނޫނު އަސާސީގެ މައިގަނޑު މަސްދަރު ކަމާއި، އެއާ ހިލާފު އެއްވެސް ގާނޫނެއް ނުހެދޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އަންހެން ފަނޑިޔާރުން އައްޔަން ކުރުމަކީ ހަރާމް ކަމެއް ކަމަށާއި އަދި އަންހެނުންނާ ފަނޑިޔާރުކަން ހަވާލުކުރި މީހާ އާއި ހަވާލު ކުރެވޭ މީހާވެސް ފާފަވެރި ވާނެ ކަމަށް ރާއްޖޭގެ ފަތުވާ މަޖިލީހުން ބުނެފައި ވާކަމަށެވެ.

ނަމަވެސް ސުޕްރީމު ކޯޓަށް ދެ އަންހެން ފަނޑިޔާރުން އައްޔަން ކުރަން ރައީސް ލަފަޔަކަށް އެދިވަޑައިގަތުމަކީ އިސްލާމް ދީނުގެ އަސްލުތަކާ އަދި ޝަރީއަތާ ހިލާފުކަމެއް ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ މި މައްސަލަ ހުށަހެޅުއްވީ ވަރަށް ގިނަ ފޮތްތައް ކިޔާ ދިރާސާ ކުރެއްވުމަށްފަހުކަމަށެވެ. އަދި އިސްލާމީ ތާރީހުގެ ވޭތުވެދިޔަ ފަސް ޖީލުގައި ވެސް އަންހެނަކު ފަނޑިޔާރުކަން ކޮށްފައި ނުވާ ކަމަށް ވިދާޅުވިއެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގެންފައިވަނީ، ޖަލްސާގައި ތިއްބެވި 53 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 52 މެންބަރުންގެ އިއްތިފާގުންނެވެ.

Advertisement

ކޮމެންޓް

Advertisement