Advertisement

މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ހުށައެޅުނު މައްސަލަތައް މަދު

26 Aug 2019 | 14:16

މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހަށްވުރެ މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ހުށައެޅުނު މައްސަލަތައް މަދުވެއްޖެ ކަމަށް ހޯމް މިނިސްޓަރީން ހާމަކުރައްވައިފިއެވެ.

އެމިނިސްޓްރީން ހާމަކުރައްވާގޮތުގައި މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ޤާނޫނާ ޚިލާފްވެގެން ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ހުށައެޅިފައިވަނީ 155 ކުއްޖެއްގެ މައްސަލައެވެ.

މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހަށްވުރެ 33 ކުދިންގެ މަދު އަދަދެކެވެ. މިއީ %17.6 ދަށް އަދަދެކެވެ. މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ހުށަހެޅުނު މައްސަލަތައް މަދުވިނަމަވެސް ކުށްކުރާން ދިމާވާ ސަބަބުތައް ގިނަކަން ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ވަނީ ފާހަގަކުރެވިފައެވެ.

މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ކުށް ތަކުރާރުކޮށްގެން ހުށައެޅިފައިވަނީ 79 ކުއްޖެއްގެ މައްސަލައެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުވެސް ތަކުރާރުކޮށް ކުށްކޮށްގެން ހުށައެޅިފައިވަނީ 79 ކުއްޖެއްގެ މައްސަލައެވެ. މިއަހަރުގެ ފުރަތަމަ ހަމަސްދުވަހަށް ބަލާއިރު އެންމެ ގިނައިން ހުށައެޅިފައިވަނީ އުމުރުން 16 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންގެ މައްސަލަތަކެވެ. އެންމެ ގިނައިން ހުށައެޅިފައިވަނީ ފިރިހެން ކުދިންގެ މައްސަލަތަކެވެ. ހުށައެޅުނު މައްސަލަތަކުގެ %95 އަކީ ފިރިހެން ކުދިންގެ މައްސަލަތަކެވެ.

މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ހުށައެޅުމު މައްސަލަތަކުގެ ތެރޭގައި ތަފާތު ސަބަބުތަކާހުރެ ސްކޫލުން ވަކިވެފައިވާ 65 ކުއްޖެއްގެ މައްސަލަ ހިމެނެއެވެ. މީގެއިތުރުން ސްކޫލް ނިންމާފައިވާ 39 ކުއްޖެއްގެ މައްސަލައާއި، ސްކޫލްގައި ތައުލީމް ހާޞިލްކުރަމުންދިޔަ 29 ކުއްޖެއްގެ މައްސަލަ ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ވަނީ ހުށައަޅާފައެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ހުށައެޅުނު މައްސަލަތަކުގައި ގިނައީ ސްކޫލްގައި ތައުލީމް ހާޞިލްކުރަމުންދިޔަ ދަރިވަރުންގެ މައްސަލަތަކެވެ.

މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ހުށައެޅުނު މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކެވެ. އެފަދަ 55 ކުއްޖެއްގެ މައްސަލަ ހުށައެޅިފައިވެއެވެ. މީގެއިތުރުން ވައްކަމާއި، ފޭރުމާއި، މާރާމާރީގެ މައްސަލަތައްވެސް ހުށައެޅިފައިވެއެވެ. ތޫނު ހަތިޔާރު ގެންގުޅުމުގެ މައްސަލަތައް ވަރަށް ބޮޑަށް މަދުވެފައިވާކަން ފާހަގަކުރެވެއެވެ. މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ހުށައެޅިފައިވަނީ އެފަދަ 4 މައްސަލައެވެ. މިދިޔަ އަހަރު ތޫނު ހަތިޔާރު ގެންގުޅުމުގެ 13 މައްސަލައެއް ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ހުށައެޅިފައިވެއެވެ.

Advertisement

ކޮމެންޓް